ޚަބަރު

ކޯވިޑް ޖެހިގެން މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު 5އަށް!


ޅ. ނައިފަރުން ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ނައިފަރުން 97 އަހަރުގެ އަންހެނެއް ކޯވިޑް ޖެހިގެން މަރުވިއިރު، މިއީ އެ ރަށުން ކޯވިޑް ޖެހިގެން މިއަދު މަރުވި ދެވަނަ މީހާއެވެ. އަދި ރާއްޖެއިން ކޯވިޑް ޖެހިގެން މިއަދު މަރުވި 5 ވަނަ މީހާއެވެ. އޭނާ މަރުވިކަން އެނގުނީ މިރޭ 8:30 ހާއިރު ކަމަށާއި، އޭނާ ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވިފަހުންކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނައިފަރުން 2 މީހަކު ނިޔާވިއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ ދަންވަރު މަރުވި އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކާއި ރަސްދޫއިން ކޮވިޑް ޖެހިގެން ކަރަންޓީނުގައި ހުއްޓައި މަރުވި ފަތުރުވެރިޔަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ ނިޔާވެފައެވެ.

މިއަދު ނިޔާވި 5 މީހުންނާއެކު ރާއްޖެއިން މިހާތަނަށް 79 މީހަކު ކޮވިޑް ޖެހިގެން ވަނީ މަރުވެފައިވެއެވެ.