ޚަބަރު

ކޯވިޑް-19 : މިއަދުވެސް 703 މީހުން ޕޮޒިޓިވް!


ރާއްޖެއިން އިތުރު 703 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ. އެގޮތުން މާލޭ ސަރަޙައްދުން އެކަނިވެސް 526 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 164 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 7 މީހަކާއި، ސިނާޢީ މަސައްކަތްކުރާ ރަށްރަށުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 33368 އަށް އަރާފައެވެ.

ރާއްޖޭން ފަހަކަށް އައިސް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ވަނީ ރެކޯޑް ޢަދަދަކަށް އިތުރުވާން ފަށާފައެވެ. އެގޮތުން 500 އިން މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރާތާ މިހާރު މިވަނީ 5 ދުވަސްވެފައެވެ. އަދި ދުވަހެއް ދުވަހަކަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 202 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 25675 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 7607 މީހުން ފަރުވާ ހޯދަމުންދާއިރު 203 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3574 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް މުޅި ޖުމްލަ 7 ލައްކައަށްވުރެ ގިނަ ސާމްޕަލް ރާއްޖޭގައި ނަގާފައިވެއެވެ.