ޚަބަރު

ހަމަލާދިނީ ނަޝީދަށް އަމާޒުކޮށް، އެކަން ކުށްވެރިކުރަން: ސިޔާސީ ބޭފުޅުން


މަޖީދީމަގުގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާއަކީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއެއްކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ސިޔާސީ ފަރާތްތަކުން ބުނެފިއެވެ.

މާލޭ މަޖީދީ މަގުން، ގ. ކެނެރީގޭ ކައިރީގައި މިރޭ 9:00 ހާއިރު އެއްޗެއް ގޮއްވާލީ އެސަރަޙައްދުގައި އޮތް ރައީސް ނަޝީދުގެ ކާރުކޮޅަށް އެމަނިކުފާނު އަރައިވަޑައިގަންނަވަނިކޮށެވެ. އަދި މިހާދިސާގައި އަނިޔާތަކެއް ލިބުމާއި ގުޅިގެން ރައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޓެރަރިޒަމްގެ އަމަލެއްކަމަށާއި، މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ކުރީގެ ރައީސް ވަޙީދު ކުރެއްވި ޓްވީޓެއްގައި، އެމަނިކުފާނުވެސް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އިތުރުން، ސިޔާސީ އެހެން ފަރާތްތަކުންވެސް ދަނީ މަޖިދީމަގުގައި އެއްޗެއް ގޮއްވާލި ގޮއްވާލުން ކުށްވެރިކޮށްފައެވެ.