ޚަބަރު

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލައިފި


ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ޙާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދު އަތަމާ ޕެލެސް ހޮޓަލް ކުރިމަތީގައެވެ. އެގޮތުން މަންޒަރު ދުށް މީހުންނާއި ހަވާލާދީ ޕީ.އެސް.އެމް ނިއުސްއަށް އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގީ އެސަރަހައްދުގައި އޮތް ކާރުކޮޅަކަށް ރައީސް ނަޝީދު އަރާވަޑައިގަންނަވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސް ނަޝީދަށް އަނިޔާތަކެއް ލިބިވަޑައިގެންނެވިކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގައި ރައީސް ނަޝީދަށް ފަރުވާދެމުންދާކަމަށް އީވާ ވިދާޅުވިއެވެ.



ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެނެރީގޭ ހުރި ސަރަޙައްދުގައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލި ހާދިސާގައި އިތުރު ބަޔަކަށްވެސް ވަނީ އަނިޔާވެފައެވެ. އަދި އެ ސަރަޙައްދުގައި ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް އާއްމުން ޖަމާނުވުމަށް އިލްތިމާސްކުރައްވާކަމަށެވެ.