ވިޔަފާރި

ހަނިމާދޫ އެއާޕޯޓު ޕްރޮޖެކްޓްގެ ޑީޓެއިލްޑް ރިޕޯޓް ފުރިހަމަކޮށްފި


ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓްގެ ޑީޓެއިލްޑް ރިޕޯޓް ފުރިހަމަކޮށްފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުން ފައިނޭންސް ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑު 8 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ.

އިންޑިއާގެ އެހީގައި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާއިރު، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ، އޭ.އޭ.އައިއިން މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް ޑީ.ޕީ.އާރުގެ މަސައްކަތް ފުރިހަމަކޮށް ފެބްރުއަރީ 2021ގައި ހުށައަޅައިފައިވާކަމަށެވެ. މިރިޕޯޓު ހަދާފައިވަނީ އިންޑިއާ ސަރުކާރުގެ 750000 ޑޮލަރުގެ އެހީއެއްގެ ދަށުންކަމަށާއި އަދި ދިވެހި ސަރުކާރުން ޑީ.ޕީ.އާރުގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ބަލައިގަނެފައިވާކަމަށް ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން މިހާރު އަންނަނީ މި މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަރުހަލާގައި މިފަދަ މަޝްރޫއުތައް ފުރިހަމަކުރުމުގެ ތަޖުރިބާއާއި، ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވެއެވެ.

ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް މިހިނގާ މެއި މަހުގެ ފަހުކޮޅު ނިމޭނެކަމަށް ލަފާކުރެވޭކަމަށާއި އެއަށްފަހު ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއުގެ ޓެންޑަރު މަރުހަލާ ފަށާނެއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓް ޖުލައި 2021 ގައި ހަވާލުކުރެވޭނެކަމަށް ބެލެވޭއިރު މި މަޝްރޫއުގެ މަސައްކަތަށް 2 އަހަރު ނަގާނެކަމަށް ލަފާކުރެވެއެވެ.

މިމަޝްރޫޢުގެ ދަށުން ހަނިމާދޫ އެއަރޕޯޓުގައި 2460 މީޓަރުގެ އާ ރަންވޭއަކާއި 111000 އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި 624000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި، ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހަނިމާދޫ އެއަރޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ވަޞީލަތްތަކާއެކުގައެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށްގެންދާ މުހިއްމު މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.