ޚަބަރު

އެމް.އެމް.ޕީ.އާރު.ސީގެ އޮޑިޓް އަންނަ އަހަރުގެ ޖެނުއަރީގައި ނިމޭނެ


އެމް.އެމް.ޕީ.އާރު.ސީގެ ޚާއްޞަ އޮޑިޓް، އަންނަ އަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އޮޑިޓަރ ޖެނަރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިކަން ހާމަކުރެއްވީ، ބަޖެޓްކޮމެޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އެމް.އެމް.ޕީ.އާރު.ސީގެ ޚާއްޞަ އޮޑިޓެއް އޮޑިޓަރ ޖެނަރަލްގެ އޮފީހުން މިހާރު ކުރައްވަމުން ގެންދަވާކަމަށާއި މި އޮޑިޓް ކުރިޔަށް ގެންދަވަނީ އެއޮފީހުގެ ޚާއްޞަ ޓީމަކުން ކަމަށެވެ. އަދި އެމަނިކުފާނު ޢަމަލީގޮތުން އެކަމުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.މިއީ މިހާރު ކުރިއަށްދާ އޮޑިޓަކަށްވުމުން އެކަމާއި ގުޅޭ އެއްވެސް ތަފްޞީލެއް މިއަދު، ބަޖެޓް ކޮމެޓީއަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ ޓީމުން ޙިއްޞާކުރައްވާފައެއް ނުވެއެވެ.  މަޖްލީހުގެ ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ އޮޑިޓްގެ މަސައްކަތަށް، ހުރިހާ އޮފީހެއްގެ އެއްބާރުލެއްވުން ލިބިވަޑައިގަންނަވަމުން އަންނަކަމަށެވެ. މިގޮތުން ގިނަ މުއައްސަސާތަކުގެ އޮޑިޓްތައް ނިމިފައިވާކަމާއި މިއަހަރުގެ މިހާތަނަށް 160 އޮޑިޓް ރިޕޯޓް ނެރެފައިވާކަންވެސް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފިނޭންސް ސްޓޭޓްމަންޓް ނުލިބުމުގެ ސަބަބުން 2014 ވަނަ އަހަރުގެ ފައިނެންޝިއަލް އޮޑިޓް އަދި ނިމިފައި ނުވާކަމަށާއި، އޭގެ އިތުރުން ކޮންމެ ކައުންސިލެއް އޮޑިޓްކުރުމަށް 22000 ރުފިޔާ ޚަރަދުވާކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އަދި 208 ކައުންސިލެއް އޮޑިޓްކުރުން އޮޑިޓް އޮފީހަށް ބުރަކަމަކަށްވެފައިވާތީ އެމަސައްކަތް 2016 ވަނަ އަހަރު އައުޓްސޯސް ކުރައްވައިގެން ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ބޭރުޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތައް އޮޑިޓްކުރެއްވުމާއި ގުޅޭގޮތުން ކޮމެޓީގެ ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އޮޑިޓަރ ޖެނަރަލް ވިދާޅުވީ، އެމްބަސީތައް އޮޑިޓްކުރައްވަނީ ފޮރިންގ މިނިސްޓްރީގެ އޮޑިޓްގެ ތެރެއިންކަމަށެވެ. އަދި ތިންއަހަރުގެ ތެރޭގައި އަހަރަކު ވަކި ވަރަކަށް އެމްބަސީތައް އޮޑިޓްކުރައްވަމުން ގެންދަވާކަމަށްވެސް އެއޮފީހުން ވިދާޅުވިއެވެ. އަދި ލަންޑަންގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އޮޑިޓް 2016 ވަނަ އަހަރު ކުރާނެކަމަށްވެސް އޮޑިޓް އޮފީހުން ހާމަކުރައްވައެވެ.ދިރާގު އޮޑިޓް ނުކުރައްވަނީ ކީވެގެންތޯ ބައެއް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އޮޑިޓަރ ޖެނަރަލް ވިދާޅުވީ، ޕަބްލިކް ކުންފުނިތައް އޮޑިޓްކުރައްވަނީ އެ ކުންފުންޏެއްގެ ބޯޑުން ކަނަޑައަޅާ އޮޑިޓަރުންކަމަށާއި، މާލިޔަތު ކޮމެޓީން އެދިވަޑައިގެންފި ޙާލަތެއްގައި ދިރާގުގެވެސް ޚާއްޞަ އޮޑިޓެއް ކުރެއްވިދާނެކަމަށެވެ.ބަޖެޓް ކޮމެޓީގައި 2016 ވަނައަހަރަށް ލަފާކުރައްވައި ސަރުކާރުން ހުށައެޅުއްވި ބަޖެޓާއި ގުޅޭގޮތުން އޮޑިޓަރ ޖެނަރަލް ޙަސަން ޒިޔަތު ވިދާޅުވީ، މި ބަޖެޓަކީ، އޭގައި ހިމަނާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒްކުރެވި، އާމްދަނީ، އިތުރުކުރުމަށް ހުށައަޅާފައިވާ ކަންކަން ޙާޞިލްވެއްޖެނަމަ ދިވެހިރާއްޖޭގެ ތަރައްޤީގެ ދުވެލީގެ ބާރުމިން ހަލުއިވެ، ތިލަފަތް ހަމަ ބަޖެޓަކާއި ހަމައަށް ގެންދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެހީތެރިވެދޭނެ ބަޖެޓެއްކަމަށް ދެކެވަޑައިގަންނަވާކަމުގައެވެ.