ކޯވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ވޮލަންޓިއަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަނބިކަނބަލުން ފަޒްނާ އަހްމަދު ޝައުޤުވެރިކަން ފާޅުކުރައްވައިފިއެވެ.
ކޯވިޑްގެ 4 ވަނަ ރާޅަކާ ކުރިމަތިލާ ރާއްޖޭގެ ހާލަތު މި އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ގޯސްވެ ނުރައްކާތެރިކަން އިތުރުވަމުންނެވެ. އަދި ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 500 މަތީގައި ހުންނަތާ ހަތަރު ދުވަސްފަހު އިއްޔެ މިވަނީ މިއަދު 700 އިން މައްޗަށްވެސް އަރާފައެވެ. އަދި މިބަލީގައި އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ އަދަދު އިތުރުވެ ސިއްޙީ ހިދުމްތަތެރިންނަށްވެސް ވަނީ ބާރު ބޮޑުވެފައެވެ. ބައެއް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްޙީ ބައެއް އޮފިޝަލުން އަންނަނީ ޑަބަލް ޑިއުޓީވެސް ނަގަމުންނެވެ.
މި ހާލަތުގައި ސިއްޙީ އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ހެލްތް މިނިސްޓްރީން އިއްޔެ ވަނީ އިއުލާންވެސް ކޮށްފައެވެ.
ކޯވިޑުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވް އެ ބަލިން ފަސޭހަވެވަޑައިގެން މިވަގުތު ހުންނެވީ ރައްކާތެރިކަމުގެ ހާލަތުގައިކަމަށެވެ. އެހެންކަމުން ފުރުސަތު ލިބިޑައިގެންފިނަމަ އެންމެ ބޮޑަށް ބޭނުންވާ ދިމާލެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.
ފުރަބަންދުގައި އޮތް ދުވަސްވަރުވެސް މި ބަލިން ރައްކާތެރިވުމަށް ކުރި މަސައްކަތުގައި ބައިވެރިވެޑައިގެން އެކި މަސައްކަތްތައް އެކަމަނާ ވަނީ ކުރައްވާފައެވެ. މިގޮތުން އެހީތެރިކަން ބޭނުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ މީހުން ހޭލުންތެރިކުރުމަށް އެޗްއީއޯސީއާއި ޔުނިސެފުން ކުރި މަސައްކަތުގައި މުހިއްމު މަސައްކަތްތަކެއް އެކަމަނާ ވަނީ ކުރައްވާފައެވެ.
ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ފޭސްބުކްގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ލިޔުއްވި މެސެޖްގައި ވިދާޅުވީ ބޭނުމަކީ އެކަމަނާ ކުރައްވަމުން އަންނަ ކަންކަމުގެ ވާހަކަ ދެއްކެވުން ނޫންކަމަށެވެ. ބޭނުންފުޅަކީ އެކަމަނާ ފަދައިން އާއްމު ހިދުމަތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނަށް ގައުމު ބޭނުންވެއްޖެ ހިނދެއްގައި ހިލޭ ސާބަހަށް އެ މަސައްކަތަށް ނުކުތުމަށް ހިތްވަރުދެއްވާ ބާރު އެޅުވުންކަމަށެވެ.
If I’m allowed, I am happy to volunteer where more work force is required. I assume that this is my immune period after...
Posted by Fazu Ahmed on Wednesday, May 5, 2021
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް މި ވަނީ ހަރުކަށިކޮށްފައެވެ. މިގޮތުން މިރެއިން ފެށިގެން ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް ބޭރަށް ނުކުމެ އުޅުންމަކީ މަނާކަމެކެވެ. މީގެއިރުން ސަރުކާރު އޮފީސްތަކާއި ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.