ޚަބަރު

ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތު އިދިކޮޅަށް، ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް؟


އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމަށް އެ ޤައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނާކާމިޔާބުވެވަޑައިގަތުމުން އެ ޤައުމުގެ އިދިކޮޅު ސިޔާސީވެރިޔާ ޔައިލް ލަޕީދަށް އެ މަސްޢޫލިއްޔަތު ހަވާލުކޮށްފިއެވެ.

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ބޭއްވި ހަތަރުވަނަ އާންމު އިންތިޚާބު ބާއްވާފައިވަނީ މާރިޗު މަހުގެ 22ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދު ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މިންވަރަށް ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވުނެވެ. އެއާއެކު އިސްރާއީލުގެ ރައީސް ރުއެވެން ރިވުލިންވަނީ އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ބޮޑުވަޒީރު ނަތަންޔާހޫއާ ޙާވާލުކުރައްވައިފައެވެ. ނަތަންޔާހޫއާ އެ މަސްޢޫލިއްޔަތު ޙާވާލުކުރައްވާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކުރުމަށް ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ސަރުކާރެއް އެކުލަވާލުމަށް ކަނާތު ފިޔައިގެ ސިޔާސީ ބައިވެރިންނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ނަތަންޔާހޫވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެއާއެކު ސަރުކާރު އެކުލަވާލުމުގެ މަސްޢޫލިއްޔަތު ރިވުލިންވަނީ އިދިކޮޅު ސިޔާސީވެރިޔާ ލަޕީދާ ޙަވާލުކުރައްވައިފައެވެ.

އިސްރާއީލުގެ ސަރުކާރެއް އެކުލަވާލުމުގައި ލަޕީދު ކާމިޔާބުވެވަޑައިގެންފިނަމަ 2009ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުންދާ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ. އަދި ސަރުކާރެއް އެކުލަވާލުމުގައި ލަޕީދު ނާކާމިޔާބުވެވަޑައިގެންފިނަމަ އެ މަސްޢޫލިއްޔަތާ ދެން ޙަވާލުވަނީ އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުންނެވެ. ދެންވެސް ސަރުކާރެއް އެކުލަވާނެލެވިއްޖެނަމަ އިސްރާއީލުގައި އަލުން އިންތިޚާބެއް ބާއްވަންޖެހޭނެއެވެ.