ކުޅިވަރު

ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗަށް ރާމޯސް ފިޓު: ރެއާލް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގްގައި ޗެލްސީ އާއި ރެއާލް މެޑްރިޑް މިރޭ ބައްދަލުކުރާ މެޗަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ފިޓް ކަމަށް އެޓީމުން ބުނެފިއެވެ. ރާމޯސްއަށްވަނީ މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގައި އަނިޔާގެ ސަބަބުން ނުކުޅެވިފައެވެ.

ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ހާމަކުރިގޮތުގައި އޭނާގެ ޓީމްގެ ލީޑަރު އަދި ކެޕްޓަން މިހާރު ހުރި ފިޓްކޮށް ކަމަށާއި އެހެން ކަމުން މިރޭގެ މެޗްގައި ރާމޯސް ކުޅޭނެކަމަށެވެ. ރާމޯސްއަށް ލިބުނު އަނިޔާއަކާއި ގުޅިގެން މާރޗް މަހަށްފަހު އަދި ރެއާލްއަށް އޭނާ ކުޅެފައެއް ނުވެއެވެ. އެހެން ކަމުން އޭނާ ފިޓްވިކަމުގައިވީނަމަވެސް މެޗް ފިޓްނަސް ހުންނާނީ ކިހާވަރެއްގަތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ޗެލްސީއަށް ބަލާއިރު އެޓީމްގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގަރ މިރޭގެ މެޗްގައި ކުޅެވޭވަރަށް ފިޓް ނަމަވެސް މިރޭ އޭނާ ކުޅޭނަމަ ކުޅޭނީ ޕްރޮޓެކްޓިވް މާސްކް އަޅައިގެންނެވެ. އަދި މެދުތެރެއަށް ކުޅޭ މަޓިއޯ ކޮވަސިޗަށް އަނިޔާގެ ސަބަބުން މިރޭ ނުކުޅެވޭނެއެވެ.

ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް ބުނީ މިރޭގެ މެޗްގައި ރެއާލް ބަލިކުރަން ބޭނުންނަމަ އޭނާގެ ކުޅުންތެރިން އެކަން ކުރެވޭނެކަން އަމިއްލައަށް ގަބޫލް ކުރުން ވަރަށް މުހިންމު ކަމަށެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ރެއާލްގެ ދަނޑުގައި ކުޅެ އެއްލަނޑު އެއްލަނޑުންވީ އެއްވަރެވެ. އެހެންކަމުން މިރޭގެ މެޗަށް ނިކުންނައިރު ޗެލްސީއަށް އަވޭ ގޯލެއްގެ އެޑްވާންޓޭޖް ގެ އިތުރުން އަމިއްލަ ދަނޑުގައި ކުޅުމުގެ ހިތްހަމަ ޖެހުން އޮންނާނެއެވެ. ނަމަވެސް މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ރެއާލް ބަލިކުރުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެކަމަށް ޓުޗެލް ބުންޏެވެ. މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ. މިމެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރާނީ ރޭ ކުޅުނު ފުރަތަމަ ސެމީފައިނަލް މެޗުން މޮޅުވި މެންޗެސްޓަރ ސިޓީއާއެވެ.