ކުޅިވަރު

ކޯވިޑް-19 ގެ ސަބަބުން ޓީ ޓުވެންޓީ ކްރިކެޓް މުބާރާތް މިވަގުތަށް ހުއްޓާލައިފި


ކޮރޯނާ ވައިރަހުގެ ސަބަބުން އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތް މިވަގުތަށް ހުއްޓާލައިފި
އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަށް ކޮރޯނާ ވައިރަސް ޖެހުން އިތުރުވެފައިވާތީ އެ މުބާރާތް ވަގުތީގޮތުން މެދު ކަނޑާލައިފިއެވެ. އައިޕީއެލްއިން ނެރުނު ބަޔާނެއްގައި ހާމަކުރިގޮތުގައި މިހާރުގެ ހާލަތަށް ބަލައި މުބާރާތް ވަގުތީގޮތުން މެދުކަނޑަލައި މުބާރާތުގެ ނުކުޅެ ބާކީ ހުރި މެޗްތައް ފަސް ކުރުމަށް ނިންމީކަމަށެވެ.

އައިޕީއެލްއިން މިގޮތަށް ނިންމާފައިވަނީ އިސްވެރިންގެ މެދުގައި ބޭއްވު ކުއްލި ބައްދަލުވުމަކަށްފަހު ބައިވެރިވި އެންމެންގެ އިއްތިފާގުންނެވެ. މުންބާއީ އިންޑިއަންސް އާއި ދެކޮޅަށް އިއްޔެ ކުޅެން އޮތް ސަންރައިޒް ހައިދުރަބާދުގެ ކުޅުންތެރިއެއް ޕޮސިޓިވް ވެފައިވާއިރު ހޯމަދުވަހު ކަލްކަތާ ނައިޓް ރައިޑަރސް އާއި ރޯޔަލް ޗެލެންޖަރސް ބެންގަލޯ ބައްދަލު ކުރަން ހަމަޖެހިފައި އޮތް މެޗު ވަނީ ނައިޓް ރައިޑަރސްގެ ދެ ކުޅުންތެރިން ޕޮޒިޓިވް ވުމުން ފަސްކޮށްފައެވެ.

ކުޅުންތެރިންނާއި ސަޕޯޓް ސްޓަފުންނާއި އެހެން ފަރާތްތަކުގެ ރައްކާތެރިކަން އިންޑިއާގެ ކްރިކެޓް ކޮންޓްރޯލް ބޯޑަށް ވަރަށް މުހިންމު ކަމަށާއި އަދި މިނިންމުން ނިންމީ ކޯވިޑް-19 ވައިރަސް އިންޑިއާގައި މިހާރު ފެތުރެމުންދާ ހާލަތަށް ބަލައި މިވަގުތަށް މިއީ އެންމެ ރަނގަޅު ނިންމުންކަމަށް ފެންނާތީއެވެ. އިންޑިއާގައި މިހާރު 20 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ. އަދި ދުއިސައްތަ ބާވީސް ހާހަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އިންޑިއާގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވުމުގެ ސަބަބުން މިފަހަރުގެ އައިޕީއެލް ބާއްވާފައިވަނީވެސް ދަނޑަށް ކުޅިބެލުންތެރިން ނުވައްދައެވެ. އަދި މެޗްތައް ކުޅެފައިވަނީ ހަސިޓީއެއްގައެވެ. އަދި ކުޅުންތެރިން ގެންގުޅެފައިވަނީ އާންމުންނާ އެކަހެރިކޮށެވެ. ނަމަވެސް މިހާރު މުބާރާތް މެދު ކަނޑާލުމާއެކު މިމުބާރާތުގައި ވާދަކުރަމުންދިޔަ ބޭރު ޤައުމުތަކުގެ ކުޅުންތެރިން އެޤައުމުތަކަށް ގެންދިއުމުގެ ކަންތައްތައް އެޤައުމުތަކުގެ ކްރިކެޓް ބޯޑުތަކުން އަންނަނީ އިންޑިއާގެ ކްރިކެޓް ބޯޑާއި އެކު މަޝްވަރާ ކުރަމުންނެވެ.