ޚަބަރު

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަންކުރައްވައިފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ބްރޯޑްކޮމްގެ މެންބަރުކަމުގެ މަޤާމަށް، ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފިއެވެ.

ޝިފްލާ އިބްރާހީމް މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޝިފްލާ އިބްރާހީމް މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާއިން ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންނެވެ. މީގެއިތުރުން ޝިފްލާވަނީ ޤައުމީ ޔުނިވަރސިޓީން ޖާރނަލިޒަމް ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ.

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަންކުރަން މަޖިލީހުން ރުހުންދެއްވީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކޮށްފައިވަނީ ފަޒީންއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، ނައިބު ރައީސް އަޙްމަދު ގައިސްއާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާއެވެ.