ކުޅިވަރު

ރޯމާގެ ކޯޗުކަމާއި ހޯސޭ މޮރީނިއޯ ހަވާލުވާގޮތަށް ހަމަޖައްސައިފި


އިޓާލިއަން ސެރީއާގެ އެންމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައި ގުނާލެވޭ އޭއެސް ރޯމާގެ ކޯޗްކަން ޖޯސޭ މޮރީނިއޯއާ ހަވާލުކުރަން އެކްލަބުން ނިންމައިފިއެވެ. މޮރީނިއޯ ރޯމާގެ ކޯޗް ކަމާއި ހަވާލުވާނީ މިއަންނަ ސީޒަނުންފެށިގެންނެވެ.

މޮރީނިއޯ ރޯމާގެ ކޯޗުކަމާއި ހަވާލުވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މޮރީނިއޯ މިމަގާމާއި ހަވާލުވެގެންދިއުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ. އިޓަލީވިލާތުގެ ޖަރނަލިސްޓުން ރިޕޯޓް ކުރަމުންދިޔަގޮތުގައި ރޯމާގެ މިހާރުގެ ކޯޗްގެ ބަދަލުގައި ދެން އެޓީމާއި ހަވާލުވުން އެންމެ ގާތީ މައުރީސިއޯ ސާރީއެވެ. އަދި ރިޕޯޓަރުންދިޔައީ ސާރީ މަގާމާއި ހަވާލުވެ ޓީމަށް ގެންނާނެ ކަމަށް ލަފާކުރެވޭ ކުޅުންތެރިންގެ ވާހަކަވެސް ދައްކަމުންނެވެ. އަދި ގިނަބަޔަކަށް ގަބޫލް ކުރެވިފައިވިގޮތުން ސާރީއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށްވެސް ރޯމާއޮތީ ހުރިހާ ކަމެއް ހަމަޖައްސާފައެވެ. ނަމަވެސް މޮރީނިއޯ ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗުކަމުން ވަކިކުރުން ވެގެންދިޔައީ ރޯމާއަށް އިތުރު ވިސްނުމަކަށް ދާންޖެހުނު ކަމަކަށެވެ.

މޮރީނިއޯ ރޯމާއަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެޓީމްގެ ސްޕޯޓިންގ ޑިރެކްޓަރ ތިއާގޯ ޕިންޓޯއެވެ. މިގޮތުން ޕިންޓޯވަނީ މޮރީނިއޯ މަގާމުން ވަކިކުރުމާއެކު އޭނާއަށް ގުޅައި ވާހަކަތަށް ކުރިއަށް ގެންދާކަން ރޯމާގެ މިހާރުގެ ކޯޗް ޕައުލޯ ފޮންސޭކާގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. އަދި އޭނާވަނީ ކްލަބްގެ ވެރިންވެސް މިކަމަށް އެއްބަސްވެ މޮރީނިއޯ ހަމަޖެއްސުން އަވަސް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
ރޯމާއިން ބުނީ މިސީޒަން ނިމެންދެން އެޓީމުގެ ކޯޗެއްގެ ގޮތުގައި ހުންނާނީ ފޮންސޭކާއެވެ.

ރޯމާވަނީ މިދިޔަ ހަފްތާގައި ޔުއޭފާ ޔޫރޮޕާ ލީގުގެ ސެމީފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން 6 ލަނޑު 2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އަދި ދެވަނަ ލެގްގައި އެނަތީޖާ އަނބުރާލެވޭނެކަމަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ. ރޯމާގެ ކޯޗް ކަމާއި މޮރީނިއޯ ހަވާލުކުރާކަން އެކްލަބުން އިޢުލާން ކޮށްފައިވަނީ މޮރީނިއޯ ކުރިން ކޯޗް ކޮށްދިން އިންޓަރ މިލާނުން އެގާރަ އަހަރުގެ މެދުކެނޑުމަކަށްފަހު ސެރީއާ ކާމިޔާބުކުރިތާ ދެދުވަސް ފަހުންނެވެ. މޮރީނިއޯ ވަނީ އޭނާގެ ކޯޗުކަމުގައި އިންޓަރއަށް ދެފަހަރު ލީގު ތަށި ކާމިޔާބުކޮށްދީފައެވެ. އަދި 2009 -2010 ވަނަ ސީޒަންގައި ލީގުގެ އިތުރުން ކޮޕާ އިޓާލިއާއާއި ޗެމްޕިއަންސް ލިގުގެ ތަށިވެސް މޮރީނިއޯވަނީ އިންޓަރއަށް ކާމިޔާބުކޮށްދީފައެވެ.