ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އޮތީ ހާލަތާއި ބައްދަލު ފިޔަވަޅުތަކާއެކު: މިނިސްޓަރ


ރާއްޖޭގެ ފަތުރުވެރިކަން މިހާރު ބައްޓަންކުރެވިފައި ވަނީ ހާލަތާގުޅޭ، ހާލަތާ ބައްދަލު ފިޔަވަޅުތަކާއިއެކުކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެވެ.

ރާއްޖެއިން ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށްވަނީ ބެލެވިފައެވެ. އެހެންނަމަވެސް ޓޫރިޒަމް މިނިސްޓަރ މަޢުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމަކީ ރައްކާތެރި ފަތުރުުވެރިކަމެެއްކަމުގެ ޔަޤީންކަންދެއްވާފައެވެ.

މިނިސްޓަރ މަޢުސޫމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު ބައްޓަންކުރެވިފައި ވަނީ ހާލަތާގުޅޭ، ހާލަތާއި ބައްދަލު ފިޔަވަޅުތަކާއިއެކު ސާލާމަތާ ރައްކާތެރިކަން ރައްޔިތުންނަށާއި ރަށްވެހީންނަށާއި މުވައްޒަފުންނަށް އަދި ފަތުރުވެރީންނަށް ލިއްބައިދީގެންކަމަށެވެ. އަދި އެންމެން އެއްބައިވެގެން މިކަންވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ދަނީ އިތުރުވަމުންނެވެ. އަދި ޙާއްސަކޮށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔަ އިންޑިއާގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ، އެޤައުމުން ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ޢާއްމު ރަށްރަށުގެ ގެސްޓު ހައުސްތަކަށް ޗެކިންވުން މިހާރުވަނީ މަނާކޮށްފައެވެ. މީގެތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިންވެސް ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.