ޚަބަރު

އިނގިރޭސިވިލާތާއި ރާއްޖެއާ ގުޅިގެން ސްކޮލަރޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދަނީ


އިނގިރޭސިވިލާތާއި ރާއްޖެއާ ގުޅިގެން ކުރިއަށްގެންދާ ސްކޮލަރޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޝެވްނިންގ/މޯލްޑިވްސް ސްކޮލަރޝިޕްސް ޕްރޮގްރާމްގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަންއެވެ. އަދި ފޮރިން ކޮމަންވެލްތް ޑިވެލޮޕްމަންޓް އޮފީސް (އެފް.ސީ.ޑީ.އޯ) – ބްރިޓިޝް ހައި ކޮމިޝަނުން ސޮއިކުރެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ކެރޮން ރޮސްލަރއެވެ.

މިސްކޮލަރޝިޕްއަކީ އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ސަރުކާރުން އެކީގައި ފަންޑުކޮށް ހިންގުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ޕްރޮގްރާމްއެކެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވީ މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން "ޓްރެއިނިންގެ ނީޑް އެނައިލިސިސް"ގައި ކަނޑައެޅިފައިވާ ދާއިރާތަކުން އެއް އަހަރުދުވަހުގެ މާސްޓަރސް ޑިގްރީއަކަށް އިނގިރޭސިވިލާތުގެ އެކްރެޑިޓަޑް ޔުނިވަރސިޓީއެއްގައި ކިޔެވުމަށް 2 ކުއްޖަކަށް ކޮންމެ އަހަރަކުވެސް ފުރުސަތު ލިބިގެންދާނެކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެކި ސިނާއަތްތަކަށް ދިވެހިން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ދިވެހިން ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން އެކި ޤައުމުތަކާ ގުޅިގެން ސްކޮލަރޝިޕްތައް އަންނަނީ ހޯދަމުންނެވެ. އަދި މި ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯން ދޭއިރުވެސް ރާއްޖެއަށް ކޮންމެހެން ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށްޓަކައި އިސްކަންދެއެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން ވަނީ ކޮންމެ އަހަރަކު 7 ދާއިރާއަކުން 1200 މީހުން ވަޒީފާއަށް ތަމްރީން ކުރުމަށް އަމާޒު ހިފާފައެވެ. މީގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާއިން 600 މީހުންނާއި އައިސީޓީ ދާއިރާއިން 200 މީހުންނާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއިން 400 މީހުންނެވެ. މީގެތެރެއިން 33 އިންސައްތައަކީ އަންހެނުންނަށް ހެދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.