މުނިފޫހިފިލުވުން

"ތޫފާން" ވެސް ލަސްވެއްޖެ، ރިލީޒްކުރާނެ ތާރީހެއް ނޭގޭ


އިންޑިއާގައި ކޯވިޑްގެ ބަލިމަޑުކަން ހަލުއިކަމާއެކު ފެތުރެމުން ދިއުމުގެ ސަބަބުން ގިނަ ދާއިރާތަކެއްގެ މަސައްކަތްތައް ވަނީ ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފައެވެ. މިގޮތުން ބޮލީވުޑް ފިލްމުތަކުގެ މަސައްކަތްތައް ލަސްވެ ފިލްމުތައް ދައްކަން ފަށާ ތާރީޚް ތަކަށްވެސް ވަނީ އެތައް ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ނަމަވެސް ބައެއް ފިލްމުތައް ވަނީ ޑިޖިޓަލް ކޮށް ދެއްކުމަށް ހަމަޖެހިފައެވެ.

ރާކޭޝް އޯމްޕަރްކާޝް މެހެރާ ޑައިރެކްޓްކޮށް އެކްޓަރ ފަރްހާން އަޚްތަރު ލީޑް ރޯލުން ފެނިގެންދާ ސްޕޯރޓްސް ޑްރާމާ ފިލްމު "ތޫފާން" ވަނީ ޑިޖިޓަލް ކޮށް ދެއްކުމަށް ހަމަޖެހިފައެވެ. މި ފިލްމު އެމެޒޯން ޕްރައިމް ވިޑިއޯގައި ޕްރިމިއަރ ކުރަން ކުރިން ހަމަޖެހިފައިވަނީ މި މެއި މަހުގެ 21 ވަނަ ދުވަހުއެވެ. ކޯވިޑްގެ ބަލިމަޑުކަމާ ހެދި މި ފިލްމު ދެއްކުން މިހާރު ވަނީ ފަހަތަށް ޖައްސާލާފައެވެ. ނަމަވެސް ރިލީޒްކުރާނެ ވަކި ތާރީޚެއް ޕްރޮޑިއުސަރުން ހާމައެއް ނުކުރެއެވެ.

ރާކޭޝް އާއެކު ފަރްހާންގެ އެންމެ ފަހުގެ މަސައްކަތް ކަމަށްވާ ސުޕަރހިޓް ބަޔޯޕިކް ފިލްމު "ބާގް މީކާ ބާގް" އަށް ފަހު 6 އަހަރު ފަހުން އަނެއްކާވެސް މި ފިލްމުގައި ފަރްހާން ފެނިގެންދާނީ ބޮކްސިން ތަޅާ މީހެއްގެ ރޯލުންނެވެ. މި ފިލްމުގައި ދައްކުވައިދޭނީ ބޮކްސިން ތަޅާ މީހެއްގެ ލޯބީގެ ވާހަކަތެއްކަމަށް ފިލްމުގެ ޑައިރެކްޓަރު މީގެ ކުރިން ވަނީ ބުނެފައެވެ.

ފިލްމު "ރަންގްދެ ބަސަންތީ" ވެސް ޑައިރެކްޓްކޮށްފައިވާ ރާކޭޝް ބުނި ގޮތުގައި "ބާގް މީކާ ބާގް" އާއި އެއްގޮތަށް މި ފިލްމުގައިވެސް ފަރްހާންގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަންޖެހޭނެއެވެ. އަދި ފަރްހާނަކީ އޭނާ ކުރާ ކަމެއް ނިކަން ރަގަޅަށް ކުރާ މީހެއްކަމުގައިވެސް ރާކޭޝް ވަނީ ބުނެފައެވެ.