މުނިފޫހިފިލުވުން

އާއިލާގެ މެމްބަރުންނާއެކު ދިޕިކާވެސް ކޯވިޑަށް ޕޮޒިޓިވް


އާއިލާއެކު މިވަގުތު ބެންގަލޫރުގައި ހުރި ތަރި ދިޕިކާ ޕަޑްކޯން ކޯވިޑް 19 އަށް ފޮޒިޓިވް ވެއްޖެއެވެ. ދިޕިކާއަށްވުރެ ކުރިން މި ބައްޔަށް ޕޮޒިޓިވްވީ ބައްޕަ ޕްރަކާޝް ޕަޑްކޯން، މަންމަ އުޖާލާ ޕަޑްކޯން އަދި ކޮއްކޮ އަނީޝާ ޕަޑްކޯން ކަމަށް ރިޕޯޓްތައް ބުނެއެވެ. އައިލާ އެންމެން ޕޮޒިޓިވްކަން ޔަޤީންވި ނަމަވެސް ދިޕީކާ ޕޮޒިޓިވްކަން އަދި އޭނާ ބުނަފައެއްނުވެއެވެ.

ދާދިފަހުން ދިޕިކާވަނީ މެންޓަލް ހެލްތާއި ބެހޭ މަޢުލޫމާތު ހިމެނޭ ބައެއް ލިންކުތައް ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައެވެ.
މިދިޔަ މަހުގެ ތެރޭގައި ދިޕިކާ އާއި އޭނާގެ ފިރިމީހާ ރަންވީރް ސިންގާއެކު މުމްބާއީ އެއާޕޯޓް ތެރޭގައި ނަގާފައިވާ ފޮޓޯއެއް ވަނީ އާއްމުވެފައެވެ. އެ ދަތުރަކީ އެ މީހުން ބެންގަލޫރަށް ދިޕިކާގެ އާއިލާއާއެކު ވަގުތު ހޭދަކުރަން ފެށި ދަތުރުގެ ކުރިން ނަގާފައިވާ ފޮޓޯއެކެވެ.

ދިޕިކާގެ އިތުރުން ހިންދީ ސަިނަމާތަކުގައި ނަން ހިންގާ ބައެއް ތަރިންވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ދިޕިކާގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭގައި ކަބީރް ޚާން ޑައިރެކްޓް ކުރާ ސްޕޯރޓްސް ޑްރާމާ ފިލްމު '83' ، ސިދާތް އާނަންދް ޑައިރެކްޓް ކޮށް ޝާހް ރުކްޚާން ލީޑުން ފެނިގެންދާ ފިލްމު "ޕަތަންގް" އަދި އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޝަން ތްރިލަރ ފިލްމު "ފައިޓަރ" ހިމެނެއެވެ.

އެންމެފަހުން ދިޕިކާ ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރު ނުކުތް ބަޔޯގްރޮފިކަލް ފިލްމު "ޗަޕާކް" އިންނެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެސިޑްގެ ނުރައްކާތެރިކަމުން ސަލާމާތްވެފައިވާ ލަކްޝްމީ އަގަރްވާލްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި ދިޕިކާ ކުޅެފައިވަނީ ލަކްޝްމީގެ ރޯލެވެ.