ޚަބަރު

ހިޖުރަވެރިންނާ ގުޅޭ އެއްބަސްވުމެއް އިންޑިޔާއާއި އިނގިރޭސިވިލާތާ ދެމެދު ޤާއިމުކޮށްފި


ހިޖުރަވެރިންނާ ގުޅޭ އެއްބަސްވުމެއްގައި އިންޑިޔާއާއި އިނގިރޭސިވިލާތުން ސޮއިކޮށްފިއެވެ.

ދެ ޤައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އަހަރަކު އިންޑިޔާގެ 3،000 ޒުވާން މަސައްކަތްތެރިންނަށް އިނގިރޭސިވިލާތުގައި ވަޒީފާ ޢަދާކުރުމުގެ ފުރުޞަތު ދޭނެއެވެ. އޭގެ ބަދަލެއްގެ ގޮތުގައި އިނގިރޭސިވިލާތުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ އިންޑިޔާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމަށް އިންޑިޔާއިންވަނީ އެއްބަސްވެފައެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ބޭރު ޤައުމުތަކުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ އިންޑިޔާގެ ރައްޔިތުންނާއި ޙާލުގައި ޖެހިފައިވާ މީހުންނާއި އެކި ސަބަބުތަކާހުރެ ރަށްވެހިކަން ލިބިފައިނުވާ މީހުން އަނބުރާ ޤައުމަށް ގެނައުމަކީ އެ ޤައުމުގެ ޒިންމާއެއްކަމަށެވެ. އެއްބަސްވުމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ދާޚިލީ ވުޒާރާއިން ބުނީ އެއްބަސްވުމުގެ މަޤްޞަދަކީ އިންޑިޔާގެ މަސައްކަތްތެރިންގެ ތެރެއިން އެންމެ މޮޅު އަދި އެންމެ ހުނަރުވެރި މީހުންނަށް އިނގިރޭސިވިލާތުން ފުރުޞަތުތައް ފަހިކުރުންކަމަށާއި ޤަވާއިދާ އެއްގޮތަށް އިނގިރޭސިވިލާތަށް އެތެރެވެވޭ ފަރާތްތަކަށް އެއްބާރުލުން ދިނުންކަމަށެވެ. އޭގެ އިތުރުން ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފުން ހުއްޓުވުމާއި އިނގިރޭސިވިލާތުގައި ތިބުމުގެ ޙައްޤު ލިބިފައިނުވާ މީހުން އަނބުރާ އެ މީހުންގެ ޤައުމުތަކަށް ފޮނުވައިލުންކަމަށެވެ.

ކޮންމެ އަހަރަކުވެސް އިންޑިޔާގެ އެތައް ހާސް ދަރިވަރުންނެއް ތަޢުލީމު ހާޞިލުކުރުމަށް އިނގިރޭސިވިލާތަށް ދަތުރުކުރެއެވެ. ނަމަވެސް ތަޢުލީމު ހާޞިލުކޮށް ނިމުމުން އެ ދަރިވަރުންނަށް އިނގިރޭސިވިލާތުން ވަޒީފާގެ ފުރުޞަތުތައް ނުލިބޭކަމުގެ ޝަކުވާ އިންޑިޔާއިން ކުރެއެވެ.

އިންޑިޔާގެ 100،000އަށްވުރެ ގިނަ ރައްޔިތުން އިނގިރޭސިވިލާތުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭކަމަށް އިނގިރޭސިވިލާތުން ބުނެއެވެ. ނަމަވެސް އެއީ ރަނގަޅު ޢަދަދެއް ނޫންކަމަށް އިންޑިޔާއިން ބުނެއެވެ. ދެ ޤައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ލިބޭނެކަމަށް ބެލެވެއެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވިފަހުން އެ ޤައުމާއި އިންޑިޔާއާ ދެމެދު އޮންނަ އިޤްތިޞާދީ އަދި ޘަޤާފީ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ހިޖުރަވެރިންނާ ގުޅޭ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކުރީ އަމިއްލަ ކުންފުނިތަކަށް އެއް ބިލިއަން ޕައުންޑު ހޭދަކުރާނެކަމަށް ދެ ޤައުމުން އިޢުލާނުކޮށްފައިވަނިކޮށެވެ. ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ މަޝްވަރާތައް މި އަހަރުގެ ފަހުކޮޅުގެ ތެރޭގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.