ޚަބަރު

އޭއެފްސީ ކަޕް ކުޅެން ޚާއްސަ ހުއްދައެއް


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޚާއްސަ ހުއްދައެއްގެ ދަށުން އޭއެފްސީ ކަޕްގެ މެޗްތަށް ކުޅެން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޯފް މެޗުގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ކުޅުމަށް ހަމަޖެހިފައިވާ މެޗް އޮންނާނީ މިމަހުގެ 11ވަނަ ދުވަހުއެވެ. މިމެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސެޓޭޖުން ޖާގައެއް ލިބިގެންދާނެއެވެ. ބެންގަލޫރު މެޗުގެ ކުރިން ކޮލިފައިންގައި ކުލަބް އީގަލްސް ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފުރަތަމަ އޮތީ ބަންގްލަދޭޝްގެ ބާކާ އަބަހާނީއާއެވެ.

ނަމަވެސް ކޯވިޑް-19ގެ ސަބަބުން ބަންގްލަދޭޝް ލޮކްޑައުންއެއްގައި އޮތުމުގެ ސަބަބުން އެގައުމުގައި މެޗްތައް ނުކުޅެވޭތީ، އޭއެފްސީވަނީ އަބަހާނީއަށް އެހެން ދަނޑެއްގައި މެޗް ކުޅެން ހަމަޖެއްސުމަށް ފުރުސަތު ދީފައެވެ. ނަމަވެސް އަބަހާނީއަށް ދިން 3 ފުރުސަތުގައި އެކަން އެޓީމަށް ނުކުރެވުމުން އެންމެ ފަހުން އޭއެފްސީންވަނީ އަބަހާނީ މުބާރާތުން ވަކިކޮށްފައެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަބްރޫކް ވިދާޅުވީ އޭއެފްސީ ކަޕްގެ ޕްލޭއޯފް އަދި މުބާރާތުގެ މެޗްތައް ކުޅުމަށް ޚާއްސަ ގައިޑްލައިނެއްގެ ދަށުން މެޗްތަށް ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެކަމުގެ މަޝްވަރާތަށް މިހާރު ހެތުމިނިސްޓްރީއާ އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ސްޕޯޓްސް މިނިސްޓްރީއާއި އެޗްޕީއޭއާއެކު މިހާތަނަށް ކުރެވުނު މަޝްވަރާތަކަށް ބަލާލާއިރު މިމެޗްތަށް ކުޅެނޭނީ އެޗްޕީއޭއިން ނިންމާ ޚާއްސަ ގައިޑްލައިންއަކާއި ކޯވިޑާ ގުޅިގެން އޭއެފްސީންވެސް އަމަލުކުރަމުންދާ ގައިޑްލައިނާ އެއްގޮތަށްކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިހާރު ދެކެވިފައިވާ ވާހަކަދަކަށް ބަލާއިރު ރާއްޖެ އަންނަ ޓީމްތަށް އަންނަންޖެހޭނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮވެގެން. އަދި ޓީމުތައް އައިސް ތިބެން ޖެހޭނީވެސް ވަކި ހޮޓަލެއްގައި، ވަކިން ކަރަންޓީނުވެގެން. ޓީމުތަކަށް އެއްވެސް އިތުރުތަނަކަށް ދިއުމުގެ ހުއްދައެއް ނޯންނާނެ. އެކޮމޮޑޭޝަނުން ދަނޑަށް، ދަނޑުން އެކޮމޮޑޭޝަނަށް ދާން ޖެހޭނީ، މިގޮތަށް ދަތުރުކުރުމުގެ ފުރުސަތު ޓީމުތަކަށް އޮންނާނީ. އަދި މިޓީމުތަކަށް ޚިދުމަތްދޭ ފަރާތްތަކުންވެސް މުޖުތަމައުގެ ތެރެއަށް ނުކުތުން މަނާވާނެ. ގައިޑްލައިންގައި މިކަންތަށްތަށް ހިމެނުމަށް މަޝްވަރާ ކުރެވިފައިވަނީ. އަދި މެޗްތައް ކުޅުމަށްފަހު ފުރާ ޓީމްތަށް ޑިޕާޗަރ ސާޕަލްވެއް ހަދަންޖެހޭނެ އަދި ރާއްޖޭގެ ޓީމްތަށް މުބާރާތް ނިމުމާއެކު 14 ދުވަހުގެ ކަރަންޓީނެއް ވާންޖެހޭނެ." މަބްރޫބް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މަޝްވަރާތަށް މިހާރު ކުރިއަށްދާކަމަށާ ގައިޑްލައިން އަދި މުޅިން ނިންމާލެވިފައިނުވާކަމަށެވެ. ގައިޑްލައިން މުޅިން ނިމުމުން އޭގައި ހުރި ކަންތަށްތަށް ނޫސްވެރިންނާ ޙިއްސާކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.