ވިޔަފާރި

އެސްއީޒެޑުން އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ ލިބޭނެ- މިނިސްޓަރ


އެސްއީޒެޑުން އަންނަ އަހަރު ދައުލަތަށް 1.5 ބިލިޔަން ރުފިޔާ ދައުލަތަށްލިބޭނެކަމުގެ ޔަޤީންކަން ބޮޑުކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު އަދި ބޯޑް އޮފް އިންވެސްޓްމަންޓްގެ ޗެއަރމަން މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން ބަޖެޓް ކޮމެޓީގައި މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ މި ފައިސާ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ 2 ޕްރޮޖެކްޓަކުންކަމަށެވެ.  އެސްއީޒެޑްގެ ދަށުން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް މިިސްޓަރ ވިދާޅުވެފައިވަނީ އައިހެވަން އާއި މާލޭ ވިޔަފާރި ބަނދަރާއި އެ ބަނދަރާ ގުޅިގެން އުފައްދާ ފްރީ ޒޯނުންނެވެ. އަދި އެ ފައިސާ ދައުލަތަށް ލިބޭނެކަމުގެ ޔަގީންކަން ލިބެނީ ކޮށްފައިވާ ދިރާސާތަކުން ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ވަނީ 10 ކަމަށް ތަންފީޒު ކުރުމަށް ނިންމާފައެވެ. މިގޮތުން ބިންވެރިކޮށްގެން 400 މިލިޔަންރުފިޔާ އާއި ހިއްކާބިން އިޤްތިސާދީ މަސައްކަތަށް ކުއްޔަށް ދީގެން 1 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އަދި މުޅިން އަލަށް ތާރަފްކުރާ ކަންކަމާއިއެކު މި ދިހަ ކަންތަށް ތަންފީޒްކޮށްގެން ހަތަރުހާސް އޮނަތިރީސް މިލިޔަން ރުފިޔާ ދައުލަށް ލިބޭނެކަމަށް ވަނީ އަންދާޒަ ކޮށްފައެވެ. މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ދައުލަަތަށް އިތުރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ތަފްސީލް ދެއްވީ އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރ އަބުދުﷲ  ޖިހާދާއި ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ފިޝަރީޒް މިނިސްޓަރާއި އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއަރ ޑރ މުހައްމަދު ޝައިނީއެވެ. މިއަދު މެންދުރު ފަހު ކުރިޔަށްދާ ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި އިތުރު މައުލޫމާތު ހިއްސާކުރުމަށް ކޮމެޓީއަށް ހާޒިރު ކޮަށްފައި ވަނީ ގަވަރުނަރާއި އޮޑިޓް އޮފީހުގެ ބޭފުޅުންނެވެ.