ޚަބަރު

ވެކްސިން ހޯދުމުގައި ނޭޕާލަށް އެހީތެރިވުމަށް އެދެފި


ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ ޙާލަތު ގޯސްވުމުން ވެކްސިން ފޯރުކޮށްދިނުމަށް ނޭޕާލުން އެދިއްޖެއެވެ.

މިހާތަނަށް 2 މިލިޔަނަށްވުރެ ގިނަ މީހުންނަށް ނޭޕާލުގައި ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވެއެވެ. އެ ޤައުމުގެ ވެކްސިން ދިނުމުގެ މަޝްރޫޢުގައި ބޭނުންކޮށްފައިވަނީ އިންޑިޔާއިން ފޯރުކޮށްދީފައިވާ ކޮވިޝިލްޑު ވެކްސިނާއި ޗައިނާގެ ސިނޯޕާމު ވެކްސިނެވެ. ނަމަވެސް އިންޑިޔާއާއި ޗައިނާއިން އިތުރު ވެކްސިން ނުލިބުމުން މިދިޔަ މަހުގެ ތެރޭގައި ނޭޕާލުގައި ވެކްސިން ދިނުންވަނީ މެދުކަނޑާލައިފައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާ ގިނަ ޢަދަދެއްގެ މީހުންނަށް ދެވަނަ ޑޯޒު ދޭންޖެހޭ ދުވަސްވަނީ ޖެހިފައެވެ. ނަމަވެސް ވެކްސިން ނެތުމުގެ ސަބަބުން އެ މީހުންނަށް ވެކްސިން ދެވޭނެ ގޮތެއް ނެތެވެ. ނޭޕާލުން ބުނީ ދެވަނަ ޑޯޒް ބޭނުންވާ މީހުންނަށް ވެކްސިން ދިނުމަށް އެސްޓުރަޒެނެކާގެ ވެކްސިންގެ 1.6 މިލިޔަން ޑޯޒު ބޭނުންވާނެކަމަށެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މީހުންނަށް ވެކްސިން ނުދެވިއްޖެނަމަ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ނޭޕާލުން ބުނެއެވެ. ނޭޕާލުންވަނީ ވެކްސިނާއި ބޭސް އެ ޤައުމަށް ފޯރުކޮށްދިނުމަށް ބޭރުގެ ޤައުމުތަކަށާއި ޖަމުޢިއްޔާތަކަށް ގޮވައިލައްވައިފައެވެ. އެ ތަކެތި ނުލިބިއްޖެނަމަ ނޭޕާލުގެ ބަލިކަށި ޞިއްޙީ ނިޒާމު ހުއްޓުމަކަށް އަންނާނެކަމުގެ އިންޒާރުވެސް އެ ޤައުމުންވަނީ ދީފައެވެ.

ނޭޕާލުގައި މިހާތަނަށް 343،418 މީހުންނަށް ކޯވިޑް-19 ޖެހި 3،362 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 7،388 މީހުންނަށް ބަލިޖެހި 37 މީހުންވަނީ މަރުވެފައެވެ. އެއީ އެ ޤައުމުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި އަދި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ދުވަހެވެ.