ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަވަށްޓެރި ސްރީލަންކާގެ އިޤްޠިޞާދު މިއިން ދުވަހަކުވެސް ނުދާހާ ދަށަށް ހިގައްޖެއެވެ. 
1948 ގައި އިނގިރޭސީންގެ އަތުން މިނިވަންވުމަށްފަހު ލަންކާގެ އިޤްޠިޞާދު މިހާ ހީނަރުވެގެން ނުދާކަމުގައި އެޤައުމުން ބުނެއެވެ. މިދިޔަ އަހަރު އެޤައުމުގެ އިޤްޠިޞާދުވަނީ 3.6 އިންސައްތައިގެ ދަށްވުމަކާއި ކުރިމަތިލާން ޖެހިފައެވެ. 
އަންނަ އަހަރު 6 އިންސައްތައިގެ ކުރިއެރުމެއް އިޤްޠިޞާދަށް އައިސް އެތެރޭގެ އުފެއްދުންތަކާއި ޚިދުމަތްތައް ރަގަޅުވެގެންދާނެކަމަށް ލަންކާގެ ޤައުމީ ބޭންކުން ބުނެއެވެ. އެ ބޭންކުން ބުނީ ޤައުމަށް އެންމެ ބޮޑު އާއްމުދަނީއެއް ވަންނަ ދައިރާއަކީ ފަތުރުވެރިކަމަށްވާއިރު ކޯވިޑާއި އެކު އެ ދާއިރާއަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށެވެ. އަދި މި ހީނަރުކަމުގެ އަސަރު އުފެއްދުންތެރިކަމުންނާ ޙިދުމަތް ފޯރުކޮށްދޭ ތަންނަނަށް ކޮށްފައިވާކަމަށްވެސް އެ ބޭންކުން ބުނެއެވެ. 
މީގެއިތުރުން ޖީޑީޕީގެ 101 އިންސައްތައަށް ސަރުކާރުގެ  ދަރަނިވެސް ބޮޑުތަނުން އިތުރުވެފައިވާކަންވެސް ބޭންްކުން ވަނި ފާހަގަކޮށްފައެވެ.
މިދިޔަ އަހަރުތަކުގައި ލަންކާގެ ފޮރިން ސަޕްލައި ދަށްވެފައިވުމާއެކު ބޭރުގެ ލޯނުތައް ދެއްކުމުގެ ޤާބިއްލިޔަތުކާމެދު ބިރުހީވާކަމުގައި އިޤްޠިޞާދު މިންކުރާ އޭޖެންސީތަކުންދަނީ ބުނަމުންނެވެ. މިދިޔަ އަހަރު ކޯވިޑްގެ ބަލިމަޑުކަން މުޅިޤައުމަށް ފެތުރުނުއިރު 2019 ވަނަ އަހަރު އީސްޓަރ އާއި ދިމާކޮށް ލަންކާގައި ގޮއްވާލި ބޮމުގެ ސަބަބުން އެ ޤައުމުގެ އިޤްޠިޞާދަށް އައި ހީނަރުކަމުން އަރައިގަތުމަށް ލަންކާ ދަނީ މަސައްކަތްކުރަމުންނެވެ.
ފައިސާގެ އަގު ވަރަށްބޮޑަށް ދަށްވުމާއެކު ފޮރިން އެކްސްޗޭންޖް ރިޒާވަށް ސަޕޯޓް ކުރުމަށްޓަކައި ލަންކާއިންވަނީ 500 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ޗައިނާއިން ހޯދާފައެވެ. މީގެ ކުރިން 2005 އަދި 2015 ވަނަ އަހަރުވެސް ލަންކާއިންވަނީ އިންފްރާސްޓަރަކްޗަރ ޕްރޮޖެކްޓްތަކުގެ ދަރަނި އަދާކުރުމަށް ބިލިއަނުން ޗައިނާގެ އެހީ ހޯދާފައެވެ.