ޚަބަރު

ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ޝިޔާމާއާއި ނިޝާމާ މަޤާމުން ވަކިކޮށްފި


ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މަޤާމުގެ މަސްޢޫލިއްޔަތުތަކުން އެކަހެރިކޮށްފައި ތިބި ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދާއި، ނިޝާމާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފިއެވެ.

މީގެ ތެރެއިން ވެންޓިލޭޓަރުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޝިޔާމާ މުޙައްމަދެވެ. އަދި ނިޝާމާ މުޙައްމަދަކީ އޭރު ބިޑް ކޮމިޓީގެ ޗެއަރޕާސަންއެވެ. އޭރު އެމީހުން ސަސްޕެންޑް ކުރީ އޭސީސީއާ ފުލުހުން ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަން ނިމެންދެންނެވެ.

އާންމު އުސޫލާއި ޚިލާފަށް ވެންޓިލޭޓަރު ގެނައުމުގެ މައްސަލައިގައި ނިޝާމާ އާއި ޝިޔާމާގެ އިތުރުން އޭރުގެ ހެލްތު މިނިސްޓަރުވެސް ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ކުރިންވަނީ ޕީޖީއަށް މައްސަލަ ފޮނުވާފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އެއިން އެއްވެސް މީހެއްގެ މަށްޗަށް މިހާތަނަށް ދަޢުވާކޮށްފައިނުވެއެވެ. އަދި މިކަމާއި ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް ކަމާގުޅުންހުރި އިދާރާތަކަށް އަމާޒުވެފައިވާއިރު އަނެއްކާވެސް އެމައްސަލަ ރިވިއުކުރުމުގެ މަސައްކަތް ޕީޖީ އޮފީހުންވަނީ ފަށާފައެެވެ.

މިމައްސަލައިގައި އޭސީސީން ބަލަންޖެހޭ ނުވަތަ ފާހަގަވެފައިހުރުން މުހިންމުކަންތައްތަކެއް ހުރިނަމަވެސް އެކަންކަން، މައްސަލާގައި ދައުވާކުރަން ފޮނުވިއިރު ފާހަގަކޮށްފައިނުވާކަމަށާއި އެކަމުގައި ބަލަންޖެހޭ ކަންކަން މިހާރުވެސް ބަލަމުންދާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

އަދި މި މައްސަލައިގައި ގޯސްތަކެއް ހިމެނޭ އިތުރު ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށާ، މި މައްސަލާގައި ވަރަށް އަވަހަށް ނަތިޖާއަކާ ހަމައަށް ދެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުން ބާޠިލުކޮށް އާބިޓްރޭޝަން މެދުވެރިކޮށް ފައިސާހޯދަން ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.