ކޯވިޑް-19ގެ ޙާލަތު ގޯސްވެ ފިޔަވަޅުތައް ވަރުގަދަކުރުމާއި ގުޅިގެން މާލެ ސަރަޙައްދުގައި ވެމްކޯއިން ދެމުން އަންނަ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. އެހެންނަމަވެސް ރަމަޟާންމަހާ ދިމާކޮށް ކުނި ނަގަމުން އަންނަ ގަޑިތަކަށް ބަދަލުގެނެސްފައެއް ނުވެއެވެ.
ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެކޯޕަރޭޝަނުން މާލެ ސަރަޙައްދުގައި ދެމުން އަންނަ ޚިދުމަތްތަކުގެ ތެރެއިން ކުންފުނީގެ ކޯޕަރޭޓް ހެޑް އޮފީހުން ދެމުންއައި ޚިދުމަތްތަކުގެ ތެރޭގައި ސިޓީއާއި ރަސްމީ ލިޔުން ބަލައިގަތުމާއި ކަސްޓަމަރ ފްރޮންޓް އޮފީހުން ދެމުންއައި ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓަރވުމާއި ބިލަށް ފައިސާ ދެއްކުން ކުރިއަށްގެންދާނީ ދެން އޮންލައިން އުސޫލުންނެވެ.
ނޫސް ބަޔާން: ނޫސް ބަޔާން: ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި? އިއުލާންކުރެވުނު ފިޔަވަޅުތަކާއި ގުޅިގެން ވެމްކޯގެ ޙިދުމަތްތަކަށް ބަދަލުގެނައުން pic.twitter.com/glhs5QrXt4
— Waste Management Corporation Limited (WAMCO) (@WAMCOmv) May 4, 2021
މަޢުލޫމާތު ސާފުކުރުމާއި އެހެނިހެންވެސް ޚިދުމަތްތަކަށް އެދުމަށް ރަސްމީ ގަޑީގައި ހެނދުނު 9 އަކުން ފެށިގެން މެންދުރުފަހު 3 ޖެހުމާހަމައަށް ހޮޓްލައިން 1666އިން ގުޅޭނެކަމަށާއި ބަންދުގަޑިތަކުގައި މަޢުލޫމާތު ސާފުކުރުމަށް 7871666 އަށް ވައިބަރ ކުރެވޭނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
ރަމަޟާންމަހާއި ދިމާކޮށް ގޭބިސީތަކުން ކުނިނެގުން ކުރިއަށްގެންދިޔުމަށް ވެމްކޯއިން ނިންމާފައިވަނީ ކޮންމެ ރެއެއްގެވެސް 10އިން ފެށިގެން 11 އާއި ދެމެދުގައެވެ. އެހެންނަމަވެސް މިހާރު އޮތް ޙާލަތުގައި ކުނި ނަގާ ގަޑިއަށް ބަދަލެއް ނުގެންނަ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވާ ނިސްބަތް އިތުރުވެ ބަލި ކޮންޓްރޯލްކުރުމަށްޓަކާ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭއިން މިހާރުވަނީ ނިންމަވާފައެވެ. މީގެތެރޭގައި ސަރުކާރު އޮފީސްތަކަށް ނުކުމެ މަސައްކަތް ކުރުންވެސް ވަގުތީގޮތުންވަނީ ހުއްޓާލަން އަންގާފައެވެ. ވެމްކޯއިން ވިދާޅުވީ ޚިދުމަތްދެމުން އަންނަ ގޮތަށް ބަދަލުތަކެއް ގެނެސްފައިވަނީ ޚިދުމަތް ހޯދާ ފަރާތްތަކާއެކު މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ އަޅާފިޔަވަޅެއްގެ ގޮތުންކަމަށެވެ.