ވިޔަފާރި

ދަނޑުވެރިކަން ކުރަން އެގްރޯނެޓަށް ދޫކުރާ 2 ރަށުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ދަނޑުވެރިކަން ކުރުމަށް އެގްރޯނެޓަށް ސަރުކާރުން ދޫކުރާ 2 ރަށެއްގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ. ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި އެގްރޯނެޓަށް ސަރުކާރުން ވަނީ 3 ރަށެއް ދޫކޮށްފައެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަށް ސަރުކާރުން ދޫކޮށްފައިވަނީ ހއ. މުލިދޫ އާއި ލ. ގާދޫ އާއި ގދ. ގަމެވެ. މިރަށްތަކުގެ ތެރެއިން ސޮއިކޮށްފައިވަނީ ހއ. މުލިދޫ، ލ. ގާދޫގެ އެއްބަސްވުމުގައެވެ. އެގްރޯނެޓަށް މިރަށްތައް ދަނޑުވެރިކަމަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެގްރޯނެޓާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ދެމެދުއެވެ.

2 ރަށުގެ އެއްބަސްވުމުގައި މިހާރު ސޮއިކުރުމާއިއެކު ދެން ކުރިއަށްދާނީ މިރަށްތަކުގައި ދަނޑުވެރިންނަށް ބޭނުންވާ އަސާސީ އެކިއެކި ވަސީލަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އެގްރޯނެޓުން ބުނެއެވެ. އޭގެތެރޭގައި ފެނާއި ކަރަންޓް ފަދަ ވަސީލަތްތައް ލިބޭނެ އިންތިޒާމް އެގްރޯނެޓުން ހަމަޖައްސާނެއެވެ.

އެއަށްފަހު އެގްރޯނެޓާއެކު ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ކޮންޓްރެކްޓް އުސޫލުން މި ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރާނެއެވެ. އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިން މަޝްރޫޢު ފެށުމާއި އެކު، އެކުންފުންޏާއެކު މަސައްކަތް ކުރުމަށް މިހާތަނަށް 1500 ދަނޑުވެރިން ވަނީ ތައްޔާރުވެފައެވެ. އަދި މީގެ ތެރެއިން 787 ފަރާތްތަކާއި އެކު އެއްބަސްވުންތައް އެކުލަވާލުމާއި ހަމައަށް ދެވިފައިވާކަމަށް އެގްރޯނެޓުން ބުނެއެވެ.