ވިޔަފާރި

އަހަރުގެ ފުރަތަމަ ކުއަރޓަރގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި 447 މިލިއަން ރުފިޔާ


އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އުރީދޫ މޯލްޑިވްސްއަށް އާމްދަނީގެ ގޮތުގައި 447 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިދިޔަ ކުއަރޓަރާއި އަޅާބަލާއިރު އިތުރުއަދަދެކެވެ.

އުރީދޫ މޯލްޑިވްސްއިން އާންމުކޮށްފައިވާ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި މޯބައިލް އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 344 މިލިއަން ރުފިޔާއެވެ. އަދި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 96 މިލިއަން ރުފިޔާއެވެ. މިއާއެކު މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި އުރީދޫ މޯލްޑިވްސްއަށް ލިބުނު އާމްދަނީ ވަނީ 447 މިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އުރީދޫ މޯލްޑިވްސްއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 402 މިލިއަން ރުފިޔާއެވެ.

ސާފު ފައިދާގެ ގޮތުގައި މި ކުއަރޓަރުގައި އުރީދޫ މޯލްޑިވްސްއަށް ލިބިފައިވަނީ 122 މިލިއަން ރުފިޔާއެވެ. 2020 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އުރީދޫ މޯލްޑިވްސްއަށް ލިބުނު ސާފު ފައިދާގެ އަދަދު އުޅޭނީ 104 މިލިއަނުގައެވެ.

މި ކުއަރޓަރުގައި އުރީދޫ މޯލްޑިވްސްގެ ހިންގުމުގެ ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 223 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އުރީދޫގެ ހިންގުމުގެ ޚަރަދަކީ 222 މިލިއަން ރުފިޔާއެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން އުރީދޫއަށް ލިބިފައިވާ އާމްދަނީވެސް މި ކުއަރޓަރުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 142 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ ކުއަރޓަރުގައި މި އަދަދު އުޅުނީ 100 މިލިއަނުގައެވެ.