ވިޔަފާރި

ރިސޯޓްތަކުގެ %25 މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި


ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 25 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށްވުމުން ވެކްސިން ޕްރޮގްރާމް ފެށުމާއެކު ޚާއްސަ ސަމާލުކަމެއް މިސިނާއަތަށް ވަނީ ދީފައެވެ. އެގޮތުން ވެކްސިން ޕްރޮގްރާމް ފެށިތާ ތިން ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދޭންވަނީ ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ ތެރެއިން 99 އިންސައްތަ މުވައްޒަފުންނަށް މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ. އަދި ކޯވިޑުން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން" ނުވަތަ "އައިއޭމް ވެކްސިނޭޓެޑް" ގެ ނަމުގައި ކެމްޕެއިނެއްވެސްވަނީ ދާދިފަހުން ފަށާފައެވެ.

މި ކެމްޕެއިނަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ފަށާފައިވާ ކެމްޕެއިނެކެވެ. މިިިކެެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.

އައިއޭމް ވެކްސިނޭޓެޑް ކެމްޕެއިމް ޕްރޮމޯޓްކުރުމަށް ވެކްސިން ފުރިހަމަކުރުމުން ވިޒިޓް މޯލްޑިވްސް ވެބްސައިޓްގައި ޤާއިމްކޮށްފައިވާ މައިކްރޯސައިޓުން، ފަތުރުވެރިކަމުގެ ދާއިރާގައި ވެކްސިން ފުރިހަމަކުރާ ރިސޯޓް، ގެސްޓްހައުސް އަދި ސަފާރީ ފަދަ ތަންތަނުގެ މައުލޫމާތާއި ފޮޓޯ ގެނެސްދޭނެއެވެ.