މުނިފޫހިފިލުވުން

ވާހަކަ: ލޯބީގައި ޤަތުލުވި ނަފުސު


އީމާ އޮތް އެނދާއި ކައިރިއަށް ހުއްޓިލަމުން އީލާފު ހީލިއެވެ. އޭނަގެ އަތުގައި އީމާގެ ބަލިހާލަތު ކިޔައިދޭ ހުރިހާ ލިޔެކިޔުމެއް ހަމައަށް އޮތެވެ. ވަރުބަލިވެފައި ދެލޮލުން އީލާފަށް އީމާ ބަލާލިއެވެ. އެ ފަކީރު އެހާލުގައި އުޅޭތާ ސޯޅަ އަހަރުވެގެން ހިގައްޖެއެވެ. ސިކުނޑި ހަމަނުޖެހޭ މީހެއްގެ ގޮތުގައި އޮވެގެން އެ މޮޔަ ފަސާނާ ތަސްބީހައެއްހެން އިރުއިރު ކޮޅުން ތަކުރާރު ކުރެއެވެ. ކިޔަނީ އަބަދު އެއް ވާހަކަ ތަކެކެވެ. އީލާފު އެ އައީ އީމާގެ އެ ވާހަކަތައް އަޑުއެހުމަށެވެ.

އީމާއާ ހަތަރުކަޅި ހަމަކޮށްލަމުން އީލާފު ވާހަކަ ދެއްކިއެވެ. ލޮލަށް ޖަމާވާން މަސައްކަތްކުރި ކަރުނަތައް ހިންދާލަމުން ހިތްވަރުކޮށްފައި ބުންޏެވެ. "މި ކުރާ ސުވާލު ތަކަށް ޖަވާބުދޭން ބޭނުން ހެއްޔެވެ؟'' އީމާ އޭނާގެ ދެކަންފަތުގައި އަތްއެޅިއެވެ. އެކަކަށް ވެސް އިތުބާރެއް ނުކުރަމޭ ބުނަމުން މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. "މިތާ އުޅެނީ ހައްތާ ވެސް އަހަރެން ކަހަލަ އާވާރާއިން. ލޯބީގެ ނަމުގައި ނަފުސު ޤަތުލުކުރާ މަޖުނޫނުން! ގޮތް ހުސްވެފައިވާ ކުށްވެރިން! އަހަންނަކީ މޮޔައެއް ނޫން! ކޮއްކޮ ވެސް ދެކެނީ، ދައްތައަކީ މޮޔައެއް ކަމަށްތަ؟" އީލާފާއި މުޚާޠަބުކޮށް އީމާ އެހެންބުނުމުން އަދި ވަކިން ބޮޑަށް އަސަރުކުރިއެވެ.

ފުރަގަސްދެމުން ބާރަކަށް އީމާ ހީލިއެވެ. އެހެނަސް އެ އަޑުގައި ވަނީ ވޭނާ ކެކުޅުމެވެ. ބޮލުގެ އިސްތަށިތަކަށް ދަމަމުން ބާލީހުގެ އެއްކަން އަނގަޔަށްލައިގެން ކުރުގެޅިލިއެވެ. ނިކަމެތިވެފައިވާ ހަށިގަނޑު ވަނީ ކުލަގެއްލި އަނަރޫފަވެފައެވެ. ވަޅުވަދެފައިވާ އެ ބޮޑު ދެލޮލުގައި ވަނީ ހިކިފައިވާ ކަރުނައިގެ އަސަރެވެ. އެހިނދު ނަރުސް ކުއްޖަކު އައިސް އީމާއަށް ބޭސްދޭން އުޅުނެވެ. އަތުންޖަހާ ބޭސް މަތިގަނޑު ބަންޑުންކޮށްލިއެވެ. ބޭހެއް ނުބޯނަމޭ ބުނީ ނުރުހުމާ އެކުގައެވެ. "އަހަންނަކީ ބަލި މީހެއް ނޫން! ކީއްވެތަ ކަލޭމެންނަށް މަ ބުނާ އެއްޗެއް ގަބޫލު ނުކުރެވެނީ!" އެނދާއި ދުރަށް ޑަކުޓަރު އީލާފު ޖެހިލިއެވެ. ނަރުހަށް އަތުގެ އިޝާރާތުން އިހަށް އެނބުރި ދިއުމަށް އެންގިއެވެ.

ދެލޯމަރައި ތަގުޅިކޮށްލުމަށް ފަހު އަމިއްލާ ނަފުސަށް ވާހަކަ ކިޔައިދޭން ފެށިއެވެ. އީލާފު އެތާހުރި ގޮނޑި އެނދާއި ކައިރިއަށް ދަމާލަމުން ފައިލު އުނގުމަތީ ބާއްވަމުން އިށީނެވެ. ފޯނު ނެގުމަށް ފަހު ފޯނުން ރެކޯޑު ބަޓަނަށް ފިއްތާލިއެވެ. ތުރުތުރު އަޅާ އަޑަކުން އީމާ އޭނާގެ ހިތުގެ ޖަޒުބާތުތައް ކުރިން ވެސް ކިޔާ ބީދައިން އަސަރާއެކު ކިޔާލަ ކިޔާލައި އޮތެވެ.

"މީ ކެހިވެރި ދުނިޔެއެކެވެ. ލޯތްބަށް ޤަދަރުކުރާ މީހަކު ނޫޅެއެވެ. ފުރަތަމަ ލޯތްބަކީ މާޒީއަށް ވެއްޖެ ނަމަ އެ ލޯބި ދިރިއުޅުމަށް ވިހަލާން ފަހަތުން އަންނާނެއެވެ. ކުލުނާ ލޯބީގެ ނަމުގައި ދަޅަ ދައްކައިގެންނެވެ. އިޝްގުގެ ނަމުގައި ނަފުސާ ޖިސްމު ކަތިލާނެއެވެ. ލޯބީގެ ބާރުން ހުރިހާ ޙިއްސުތަކެއް ގަނޑުކޮށްލާނެއެވެ. އޭރަށް ހިތުގައި ލޯބި ނޫން ލަފުޒެއް ލިޔެވިފައެއް ނޯވެއެވެ. ދުވާލުގެ އިރު ދުނިޔެ މަތީގައި ފެންނަން ހުއްޓަސް މީ ރޭގަނޑޭ ލޯބިވެރިޔާ ބުނާ އިރަށް ޤަބޫލު ކުރާނެއެވެ. މައިވަންތަ ކަމުގެ ކުލުނާ ލޯބި ހިތުގައި ވިންދު ޖެހިޔަސް އެއީ ދިރުން، ނެތް އެއްޗަކަށް ހަދައެވެ. އިޝްގުގެ ޖަޒުބާތުންނެވެ. އެންމެ ދެ އަކުރުގެ ޚައްޤުގައެވެ. "ލޯބި" މި ލަފުޒަށް ސަނާ ނުކިޔާ ދުލަކީ ޙިއްސު އުނި މީހެކެވެ. ދުނިޔޭން އޭގެ ޖާދޫ ނުޖެހޭ ހިތަކީ ފަހެ ކޮބައި ހެއްޔެވެ؟ މަކަރުވެރިން ފަތުރާ މަކަރާއި އަނިޔާގެ ދަލުގައި ޖެހެވި ޝިކާރަ ވަނީ ވަގު ދޫންޏެއް އޮޅުވާ ފަދައިންނެވެ. އެއަށް އެ ކިޔަނީ ލޯބި ހެއްޔެވެ؟ ކަރު ހިއްކުމާއި އަލާ ނުކެނޑޭ އިޝްޤުގެ ޝަރުބަތު ހެއްޔެވެ؟ މާނައެއް ނުވާ އެ ބުއިން ބޮވޭ ހިސާބުން މުޅި ދުނިޔެ ހަނދާން ނެތެނީ ކީއްވެ ހެއްޔެވެ؟ ނަފުސާ، ޖިސްމާ، ޢަޒުމު އޭގެ އަޅަކަށް ހަދާ ކަސްތޮޅު އަޅުވަނީއެވެ. ލޯބީގެ އަސީރެއްގެ ގޮތުގައެވެ. އިޝްޤުގެ ތަރާނާތައް ރާގު ރާގަށް ގޮވަމުން، ހިތުގެ ފަރިޔާދުތައް ފޮރުވުމެއް ނެތި ބަންޑުން ކޮށްލެވެނީއެވެ. އިޝްޤަކީ ރޯވެއްޖެ ނަމަ ނުނިވޭ ހުޅެއް ފަދައިންނެވެ. އަބުރާއި ޢިއްޒަތް އެ އަލިފާނުގައި އަނދާ ހުލިވެދާއިރު ހޭބުއްދި ވީ ކޮންތާކު ހެއްޔެވެ؟ ލޯބީގެ ފޮނި މީރުކަމުން އަރާމު އެދޭ ލައިލާއަކަށް ނުވަތަ މަޖުނޫނަކަށްވެ ހަނާވެ ނިމިދަނީއެވެ. ހެމުން ހެމުން އީމާ ބުންޏެވެ. އަހަރެންނަށް ވެސް ވީ އެހެން ހެއްޔެވެ؟ އެހެން މީހުން ބުނާހެން މީ ހަމަ ފައްކާ ބޮޑު މޮޔައެކެވެ." އެހެން ބުނަމުން އަޑުވީއްލާ ހޭން މަސައްކަތްކުރިއެވެ. އެހެނަސް އެ އަޑަކު ދިރުމެއް ބާރެއްނެތެވެ. ކުރަކިވެފައިވާ އަޑު މަޑުމަޑުން ހިނދުނެވެ.

އީމާގެ ހިތުގެ އެ ފަސާނާ އިވޭހިނދު އެހެން މީހުންނަށް އެއީ ހާސަރަކަށް ވެދާނެއެވެ. އެހެނަސް އީލާފަށް އެ އަޑުގައި ހުރި ވޭނާއި ކެކުޅުން އިޙުސާސްކުރެވެމުން ދިޔައެވެ. އެ ދުލުން ފާޅުކުރާ ކޮންމެ ލަފުޒަކާއި ޖުމުލައަކުން އެތަކެއް ވާހަކަ ބުނެދިނެވެ.
ދިރިހުރުން ބަރުބާދުކޮށްލި ދެ އަކުރުން ދިން ވޭނާއި އަނިޔާގެ ޒަޚަމުން އެހިތުގައި އަޅަމުންދާ ވޭން އިހުސާސްކޮށްދިނެވެ. އީލާފުގެ ލޮލުން ނިރާލި ކަރުނަ ތިކި ފޮހެލަމުން އީމާއަށް ރަޙުމާއި ކުލުނުގެ ބެލުމަކުން ބަލާލިއެވެ. އެހިނދު އީލާފުއާ މުޚާޠަބުކޮށް އީމާ ބުންޏެވެ. "އިންޖެކުޝަނަކުން ނަމަވެސް އަހަރެން އަބަދަށް ނިންދަވާލަ ދީ ޑަކުޓަރު!"

ހެމުން ހެމުން ގޮސް މަޑުމަޑު ގިސްލުމަކަށް އީމާގެ އަޑު ބަދަލުވިއެވެ. ވާހަކަ ކުރިއަށް ގެންދިޔުމަށް ދޫ ހަރަކާތް ކުރިއެވެ. "އަބުރާ ނަފުސު ގެއްލިފައިވާ މި ނިކަމެތި އަންހެނާ ދުނިޔެއާ ކުރިމަތިލާހާ ހިތްވަރެއްނެތް. ދަރިންކޮޅު ބީވެ ހިނގައްޖެ! އެކުދިން ކޮޅުވީ ކޮންތާކު ކޮން ހާލެއްގައި ކަމެއްވެސް ނޭނގެ! ލޯބިން ފިދާވި އޯގާތެރި ފިރިމީހާ...!" އެހެން ބުނަމުން ވާހަކަ މެދު ކަނޑާލިއެވެ. ގިސްލަމުން ގިސްލަމުން ގޮސް އަޑު ބެދުނެވެ. ބޭއިޚްތިޔާރުގައި އީލާފަށް އީމާގެ އަތުގައި ހިފުނެވެ. އެ އަތުގައި ބޮސްދެވުނެވެ. ބޮލުގައި ފިރުމާލަން ނެގި އަތް، ކަމެއް ހަނދާންވި ފަދައިން ކުއްލިއަކަށް ދަމައިގަތެވެ. އަދި ގޮނޑިން ތެދުވެ ކުޑަދޮރާ ކައިރިއަށް ގޮސް ހާމައަށް އޮތް ނޫއުޑަށް ބަލާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ލޮލުގައި ޖަމާވެފައިވާ ކަރުނަތައް ވާތުން ފޮހެލިއެވެ.
ޑަކުޓަރެއްގެ ހައިޞިއްޔަތުން ހިތްވަރުކޮށް ޢަޒުމުގައި ސާބިތުވާން ނިންމިއެވެ.

ރޮމުން ގިސްލަމުން އަނެއްކާ ވެސް އީމާ އޭނާގެ ޝަކުވާތަކާއި ހިތުގެ އުދާސް ބޭރުކުރަން މަސައްކަތް ކުރިއެވެ. ކެނޑި ބުރިބުރިވަމުން ދިޔަ ލަފުޒުތަކަކުން ވާހަކަ ކުރިއަށް ގެންދިޔައެވެ. މި އަނިޔާވެރި ދުނިޔޭގައި އޭނާ ފަދަ ކިތައް އަންހެނުން މިވޭން މިގޮތަށް ތަޙައްމަލު ކުރާނެހޭ ބުނެ ހިތާ ޝަކުވާކުރިއެވެ. ހިފެއްޓުމެއް ނެތި އޮހޮރެމުން ދިޔަ ކަރުނައިން އީމާގެ ކުލަކެނޑިފައިވާ މޫނު ތެއްމަމުން ދިޔައެވެ.

އީލާފު ޓިޝޫއެއް ނަގާފައި އެ ކަރުނަތައް ފޮހެދޭން މަސައްކަތް ކުރިއެވެ. އެހެނަސް އީމާ އެކަން މަނާކުރިއެވެ. އޭނާގެ ގައިގެ ހަމުގައި ވެސް މިހާރު، މީހަކު ބީހުމަކީ ރުހޭ ކަމެއް ނޫނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އެއީ ފާފަވެރި ހަށިގަނޑެކެވެ. އަމިއްލަ ފުރާނައަށް ޙަމަލާ ދިނުމަކީ ކުށެއްކަން އެނގެއެވެ. ދުނިޔޭގެ ލަދަށް ޓަކައި ދަރިންނާ ކުރިމަތިލާނެ ހިތްވަރު ނުލިބުނީއެވެ. ވަފާތެރި، ލޮބުވެތި، ފިރިމީހާއަށް ވެވުނު ބޭވަފާގެ ސަބަބުން ހިތަށްކުރި ފުން އަސަރުންނެވެ.

އީމާގެ ހަޔާތުގެ އެ ބަދުނަޞީބު ޞަފުޙާތައް އަބަދަށް ލައްޕާލަން ބޭނުން ވަނީ އެހެންވެއެވެ. މީހުންގެ ދުލު ވިހައިން ނަފުސު އިތުރަށް ޤަތުލު ވެދާނެތީއެވެ. އެހެނަސް ތަޤުދީރުގެ ޤަލަމުން ކުރަހައި ދިނީ އެހެން ތަޞްވީރެކެވެ.
ނަފުސާނީ ބައްޔަށް ފަރުވާކުރާ މީހެއްގެ ވިސްނުމުން އީލާފު އީމާއަށް ދަސްކޮށް ދެމުން ދިޔައީ ދުނިޔެއާ ކުރިމަތިލާން ހިތްވަރު ކުރުމަށެވެ. ކުށެއް ނުކުރެވޭ އިންސާނަކު މިތާކު ނުވެއޭ ބުނަމުންނެވެ. ދަރިންގެ ލޯތްބާއި މުރާތުގެ ލޯބި އަދިވެސް ބޭނުން ވޭ ނޫންހޭ ބުނީ ވަރަށް ހިތްވަރުންނެވެ. އެހެން ބުނުމުން އީމާގެ ބޯ އާއެކޭ ބުނަން ހަރާކާތް ކުރިތަން ފެނުނެވެ. އީލާފުގެ މޫނުން ކާމިޔާބުގެ ހިނިތުންވުން ފުރަތަމަ ފަހަރަށް ފާޅުވިއެވެ.

ދެލޯ ހުޅުވަން އެސްފިޔަތައް މަޑުމަޑުން ޙަރަކާތް ކުރިއެވެ. ފުން ނޭވައަކާއެކު އެނދުން ތެދުވަން ވެސް މަސައްކަތް ކުރިއެވެ. އީލާފު އީމާގެ އަތުގައި ހިފީ އޯގާތެރިކަމާ އެކުގައެވެ. އުއްމީދުން ފުރިގެން ހުރެއެވެ. ބަލި މީހަކަށް އެހީތެރި ވެވޭތީ އެކަންޏެއް ނޫނެވެ. މޮޔައެއްގެ ގޮތުގައި ތާއަބަދަށް އީމާ އޮންނަތަން ދެކެން އެ ދެ ލޮލަށް ކެތްނުވާތީއެވެ. އީމާގެ ހުސްނުވާ އެ ފަސާނާ އަޑުއަހައިގެން ފަރުވާ ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އީމާއަށް އީލާފުގެ ނަފުސު އޮޅުވާލަން ޖެހުމެވެ. ވަކި ހިސާބަކުން ކާކުކަން ނޭނގޭ ގޮތެއްގައި އުޅެން ޖެހޭނެތީއެވެ. އެކަން އެގޮތަށް ކުރުމަކީ އީލާފަށް ލިބޭ އިތުރު އަނިޔާއެކެވެ. ތަޙައްމަލުކުރަން ދަތި އިޙުސާސަކަށް ވާނެއެވެ.

އީމާއާއެކު ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރު އީލާފު ހޭދަކުރެއެވެ. ޗުއްޓީއެއް ނަގައިގެން ރާއްޖެ އައީ އީމާއަށް ޓަކައެވެ. މި ޙާލަތުގައި އީމާއަށް ދޭން ޖެހޭ ތެރަޕީތައް ދިނުމަކީ މާފަސޭހަކަމަކަށް ނުވެއެވެ. އެފަދަ މީހުނަށް ފަރުވާ ދޭނެ ޚާއްޞަ ހަސްފަތާލެއް ރާއްޖޭގައި ނެތީމައެވެ. އެހެންވެ ޚާއްޞައެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުން އީމާ ނެރުނީ އީލާފު ޒިންމާވާގޮތަށެވެ. ބަލަދުވެރި ފަރާތަކީ އީލާފު ކަމަށް ވާތީއެވެ. ދުވަހުން ދުވަހަށް ދަތުރު ތައްޔާރުކޮށްގެން އީމާ ގެންދިޔައީ އިންޑިޔާއަށެވެ.
ކަލުކަތާގެ ވެސްޓް ބެންގާލުގައި ހުންނަ ސެވަކު މެންޓަލް ހޮސްޕިޓަލަށެވެ. އީލާފަކީ އެ ހޮސްޕިޓަލުގައި ފާހަގަކޮށްލެވޭ ހީވާގި ޒުވާން ޑަކުޓަރެކެވެ. އީލާފުގެ ސްޓަޑީ ކޭސްތަކުން އެއް ކޭހައަކީ އީމާއެވެ. އެ ތަނަށް ގެނައިތާ ހަތަރުމަސް ފަހުން ކުރިއެރުން ލިބެން ފެށިއެވެ. އަމިއްލައަށް ގައިން ތާހިރުވެލާން އެނގުނެވެ. ނަމާދު އޭގެ ވަގުތުގައި ކުރާތަން ފެންނަންފެށިއެވެ. އީލާފު ވަރަށް އުފާވިއެވެ. އެންމެ ބާރުގަދަ ފަރުވާއަކީ އިޚްލާޞްތެރި ހިތަކުން ﷲގެ ކިބަފުޅަށްކުރެވޭ ދުޢާ ކަމަށް ވާތީއެވެ. އީމާގެ ހިތްވަރަށް ތަޢުރީފު ކުރެވުނެވެ.

އީމާގެ ހޭބުއްދި ޖެހެމުން ދިޔަވަރަކަށް ދަރިންގެ ވާހަކަ އަހާލެއް ގިނަވިއެވެ. އެތަނަށް ގެނައީ ކާކުތޯ ތަކުރާރުކޮށް ސުވާލު ކުރެއެވެ. އީމާއަށް އޭނާގެ އަމިއްލަ ނަފުސު ދެނެގަނެވި ވަކި ކުރަން އެނގުނު ހިސާބުން ސީދާ މުޢާމަލާތް ކުރަނީ ޑަކުޓަރު ޢަޒީޒެވެ. އީލާފަށް ހުންނަށް ޖެހުނީ ފަރުދާގެ ނިވަލުގައެވެ. އީމާގެ ލޮލުގެ ކުރިމައްޗަށް އީލާފު ދިއުން ރަނގަޅު ކަމަކަށް ނުވާނެތީއެވެ. އެއީ ކާކުކަން އެނގޭ ހިސާބުން އީމާ، ފަރުވާ ހުއްޓާލަފާނެ ކަމުގެ ބިރު އޮތަތީއެވެ.

މެންދުރުގެ ފަހެވެ. ބޭސް ކައިގެން ބޭހުގެ އަސަރުގައި ގަދަ ނިދިން ނިދާފައި އީމާ އޮތެވެ. ބާލީސް ދަށަށް ލައިގެން އީމާ ފޮރުވައިގެން ގެންގުޅޭ ފޮތް މަޑުމަޑުން އީލާފު ނެގިއެވެ. އެ ފޮތުގެ ޞަފުޙާތަކަށް އަވަސް އަވަހަށް ލޯ ހިންގާލިއެވެ. އެހިނދު އީމާ މަގަތަށް ވާގޮތަށް އެނބުރުނެވެ. އީލާފު ދިޔައީ ސިއްސައިގެންނެވެ. އެހެނަސް އީމާ ހޭނުލާކަން ޔަޤީންވުމުން އަވަސްވީ އެތަނުން އަވަހަށް ނުކުމެގެން ދާށެވެ.

އީލާފުގެ އަތުގައި އީމާގެ ފޮތް އޮތެވެ. އެ ކޮޓަރިން ނުކުމެގެން ގޮސް ވަނީ އޭނާގެ ސްޓަޑީރޫމަށެވެ. ކައިރީގައި އޮތް އައިނު ނަގައި ލޮލަށް ހެޔޮވަރު ކޮށްލިއެވެ. އެފޮތުގެ ފުރަތަމަ ޞަފުޙާ ކިޔަން ދޫ ޙަރަކާތް ކުރީ ވަރަށް ހިތްވަރުންނެވެ. ބޮޑު އަކުރުން "ލޯބީގައި ޤަތުލުވި ނަފުސު" ލިޔެފައި އޮތެވެ. އީލާފުގެ ދުލުން އެނަން ބޭރު ކުރެވުނީ ނުހަނު ހިތްވަރުންނެވެ. އެ ނަމާއެކު އީލާފުގެ ލޮލުން ކަރުނަ ފޫދުނެވެ. އެހެނަސް ހިތްވަރާއެކު އެފޮތުގެތެރެއަށް އީލާފު ގެނބެމުން ދިޔައެވެ.

"އަހަރެން މުރާތާ ކައިވެނީކުރީ އެހެން ލޯތްބަކުން ލިބުނު ނާކާމިޔާބީއާ ވޭނުން ހިތް ޒަޚަމުވެފައި ވަނިކޮންނެވެ. މުރާތު އަހަރެންގެ ހަޔާތަށް އައުމަކީ އަހަންނަށް ލިބުނު އެންމެ ބޮޑު ނަޞީބެވެ. އެއީ ހިތްހެޔޮ، މަޑުމައިތިރި، ދީންވެރި ފިރިއެކެވެ. އަހަރެންގެ އުފަލަށް ޓަކައި މުޅި ދުނިޔެ ގެނެސް އަތަށް ލައިދޭން ފަސްނުޖެހޭ ވަރުގެ އޯގާތެރި ފިރިއެކެވެ. އެހެނަސް އެކަމުގެ އަގުވަޒަން ކުރަން ނޭނގުނީ އަހަންނަށެވެ. އަހަރެންމެންގެ ކައިވެނީގެ ބަގީޗާގައި ފުރަތަމަ އެޅި މޭވާއަކީ ފިރިހެން ދަރިފުޅެވެ. އެއީ އަހަރެންގެ މޭގެ ދިރުމެވެ. ލޮލުގެ ފިނިކަމެވެ. އެ ދަރިފުޅަށް ތިން އަހަރު ވީއިރު އެއްމާބަނޑު ދެ އަންހެން ކުދިން ލިބިއްޖެއެވެ. އެއީ އަހަރެމެން ދެމަފިރިންގެ ނިތުގެ ތާޖެވެ. އެ ހިސާބުން އަހަރެމެންގެ ޢަޒުމަކަށް ހެދީ އެ ތިން ކުދިންނަށް ހެޔޮ ރަނގަޅު މުސްތަޤުބަލެއް ހޯދައި ދިނުމެވެ.

އަހަރެންނަކީ ކިޔަވައިގެން ހުރި މީހަކަށް ވާތީ އެންމެ ޒުވާން ޢުމުރުން ސުރެ އައީ ސަރުކާރުގެ ރަނގަޅު ވަޒީފާއެއް އަދާކުރަމުންނެވެ. ތިންކުދިންނާއެކު އުފާވެރިކަންމަތީ އުޅެމުން އައި ދިރިއުޅުމަށް މާޒީ ވިހަލީ ވިސްނައި، ސަމާލު ނުވެ ހުއްޓައެވެ.
ސާފުކޮށް އޮތް އުޑުމަތި ފުރެމުން ދިޔައީ ބަނަ ވިލާތަކުންނެވެ. ވިއްސާރަ ވިލާގަނޑެއްގެ ނިޝާންތައް އުޑުމަތިން ފާޅުވޭވޭ ހުއްޓެވެ. ކަޅުވިލާތަކާއި އިރު ނިވައިވުމުން ދުނިޔެމައްޗަށް އަނދިރީގެ ސާލެއް ފެތުރުނެވެ. އެއީ މެންދުރުގެ އެންމެ ހަލަބޮލި ވަގުތެވެ. ވިއްސާރަ ވިލާގަނޑަށް ފިލަން ދުވާ ވެހިކަލުތަކުގެ ކާރުބާރު ބޮޑު ވެފައިވެއެވެ. އޮފީސް ނިންމާލުމަށް ފަހު އަހަރެން ވެސް ނުކުތީ އަވަހަށް ގެއަށް ދާށެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލައިފައި ހަރު ހިނގުމުގައި ހިނގައިގަތީމެވެ. ފަހަތުން މީހަކު ވަރަށް ބާރަށް "އީމާއޭ" ކިޔާ ގޮވާލިއެވެ. އަހަރެންނަށް އެ އަޑު ކަންފަތުގައި ޖެހުމާއެކު އެއީ ކާކުގެ އަޑެއްކަން ފާހަގަކުރެވުނެވެ.

ބޭއިޚުތިޔާރުގައި ފަސްއެނބުރި ބަލާލެވުނެވެ. ވާތްފަރާތު ދުވާރުމަތީގައި އެހުރީ ދެވަނަ މީހެއް ނޫނެވެ. ސަމީހެވެ. މަސްތުން ފުރިގެންވާ އެ ބޮޑު ދެލޮލުން އަހަރެންނަށް ބަލާލުމަށް ފަހު ހީލިއެވެ. ދުއްވާފައި ދާ ކާރާއި ސައިކަލުތަކުން ރެކެމުން ކަހަލަ ގޮތަކަށް ސަމީހު އަހަރެންނާ އަރާ ހަމަކުރިއެވެ. ނުފެންނަ ކަމަށް ހަދާފައި ކުރިއަށް ދާން ހިނގައިގަތީމެވެ. އަތުގައި އޮތް އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލުމަށް ފަހު އިހުނަށް ވުރެ ބާރަށް ހިގަންފެށީމެވެ. ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ސަމީހު އައިސް އަހަރެންގެ އަތުގައި ހިފާ ކުރިމައްޗަށް އަރައި ހުރަސްއެޅިއެވެ. "ނޭނގުނީތަ؟ އަހަރެން!" އަހަރެން ހީލަމުން ބުނީމެވެ. "ތިޔައީ ކާކު ކަމެއް ނޭނގުނު!" އެހެން އަހަރެން ބުނުމުން ސަމީހުގެ ލޮލުގައި އޮތް އަވި އައިނު ނަގާ ނިއްކުރި މައްޗަށް ވާގޮތަށް އިސްތަށި ގަނޑުގައި ހަރުކޮށްލިއެވެ. "މީ ސަމީހު! އީމާއަށް ހަމަ އަހަރެން ނޭނގުނީތަ؟ ނޫނީ ޤަސްތުގައި ނޭނގޭ ކަމަށް ހަދަނީތަ؟ ކީއްވެ؟ އަހަރެންނަށް ފިލައިގެން ތިޔައުޅެނީ! އީމާ އަހަރެންދެކެ ލޯބި ނުވަނީތަ؟ އީމާގެ ޚަބަރެއް ވޭތޯ ހާދަ އިންތިޒާރެއް ކުރީމެ! މައިންބަފައިން ނުޤަބޫލަސް އެވާހަކަ ބުނެލަން ވާނެ ދޯ!" ސަމީހުގެ ވާހަކަ ހުއްޓުވީމެވެ. "ފުރުޞަތު ލިބުނު ނަމަ ސަމީހަށް ހުރިހާ ވާހަކައެއް ކިޔައި ދިނީ މުސް! އެކަމަކު މިހާރު ދެން ތިޔަ ވާހަކަ އާކުރުމުގެ މާނައެއް ނެތް! އަހަރެންގެ ޚަބަރު ނުވެގެން ސަމީހު ވެސް އަހަރެން އުޅުނު ހާލެއް ބަލާކަށް ނާދެ! އެހެން ނޫނަސް އެއީ ހޭ ބުއްދި ނުޖެހޭ ޒަމާނުގެ ކަމެއް ނުން! ބާރަ އަހަރު ވޭތުވެގެންދާ އިރު އެލޯބި މަރުނުވެ އޮންނާނެ ކަމަށް ހީކުރަނީތަ؟ މިހާރު އެ ވާހަކަތައް އިތުރަށް ދައްކައިގެން ކުރެވޭނެ ކަމެއް ނެތް! އިރެއްގައި ލޯބި ވިޔަސް މިއަދު އަހަންނަކީ މީހެއްގެ އަނތްބެއް. ތިން ކުދިންގެ މަންމައެއް!" އެހެން ބުނަމުން ޖެހިގެން އޮތް ގޯޅި އެޅީމެވެ. ސަމީހު އަހަރެންގެ ފަހަތުން އެ ހާސަރެއް އަމުނަމުން ގެއާ ހަމައަށްއައެވެ.

އެހާ ހިސާބުން ސަމީހުގެ އުނދަގުލާ އަހަންނަށް ކުރިމަތިލާން ޖެހުނެވެ. މުރާތު ގޭގައި ނޫޅޭ ވަގުތު ބަލައިގެން ގެއަށް ވެސް އަންނަންފަށައިފިއެވެ. ލޯބީގެ ނަމުގައި ރޮއި އާދޭސް ކުރަނީއެވެ. އެ ވާހަކަތައް އަހާކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވެއެވެ. އޭނާ، އޭނާގެ ދުނިޔެއަށް އެނބުރިދިއުމަށް އަހަރެން އެދުނީމެވެ. އަހަރެންނާ އަހަރެންގެ ދަރިންގެ ޙަޔާތް ހަލާކު ނުކުރުމަށް އެދި ސަލާން ޖެހީމެވެ. އެންމެފަހުން އަހަރެން ރޮއިފައި ކުރި އާދޭސް އަހައި އަހަރެންގެ ފަހަތުން މުގޯލި އެޅުން ހުއްޓާލިއެވެ. ފިރިމީހާއާ އެކުގައި ޙަޔާތުގެ ބާކީ ދުވަސްތައް އުފަލުގައި ހޭދަ ކުރަމުން ދިޔައީ ނުހަނު ލޯބިންނެވެ.

ކިތަންމެ ރިތިކޮށް އޮވެފައި ވެސް ވައި ބަދަލުވެ އޮއި ބަދަލުވުމަކީ ދުނިޔޭގެ އުޞޫލެވެ. ގަދަވަޔާ ތޫފާނުން ގޯތި ގެދޮރު ބިމާ ހަމަކުރަން ފަޅި ސިކުންތެއް ވެސް ނުނަގައެވެ. ރާއްޖެއަށް ކުރިމަތިވި ސިޔާސީ ކަޅު ވިލާގަނޑުގެ ގަދަވައިން ސިކުނޑި ޚަރާބުވެ ދިރިއުޅުން ގެއްލި ބިކަވި މީހުންގެ ލިސްޓުގެ ކުރީގައި އަހަރެންގެ ނަން ލިޔެވުނީ ދާދި އަވަހަށެވެ. އަހަރެންނަކީ ވެސް ވަކި ފިކުރަކަށް ޓަކައި މަރުދޭ މީހަކަށްވިއެވެ. ޕާޓީގެ އިސް ސަފުގައި ޙަރަކާތްތެރިވާ އަންހެން ގޮފީގެ މައި ރޫޙަކީ އަހަންނެވެ. ހަމަ އެފަދައިން ސަމީހަކީ ހަމަ އެ ޕާޓީގެ ފިރިހެން ގޮފީގެ އިސް އެއްތަނބެވެ. ކުރިން ދެ މީހުންގެ ދެމެދުގައި އޮތް ދުރުކަން ޕާޓީގެ ހަރަކާތް ތަކުގެ ތެރެއިން ގާތް ކޮށްދިނެވެ.

ޕާޓީގެ ފިކުރަކީ ފިރިމީހާގަޔާވާ ކަމެއް ނޫނެވެ. ވުމާއެކު ދެ މީހުންގެ ވިސްނުން އުޑާބިމާހާ ތަފާތުވިއެވެ. ފިރިމީހާގެ ނުރުހުމަށް ބެލުމެއް ނެތި ޕާޓީގެ ހަރަކާތް ތަކުގައި ގިނަ ވަގުތު ގުނަން ފެށުނެވެ. އެހާ ހިސާބުން ދެމަފިރިންގެ ދެމެދުގައި ކޫސަނި ޝަކުވާތައް އުފެދެން ފެށިއެވެ. ގޮތްދޫނުކުރުމާ ދެބަސްވުންތައް ގިނަވިއެވެ. އެ ވާހަކަތައް ސަމީހުއާ ޙިއްޞާކުރީ އެކުވެރިއެއްގެ ނަޒަރުންނެވެ. ސަމީހުގެ ރާގު މަޑުމަޑުން ބަދަލުވާން ފެށިއެވެ. ރައްޓެހިކަމުގެ ނަންބޯޑުޖަހައިގެން ދެ މީހުން ވަކިން ބައްދަލު ކުރުމާއި، ފޯނުގައި ވަގުތު ހޭދަކުރާ މިންވަރު އިތުރުވަމުން ދިޔައެވެ. މި ގުޅުމަށް އެންމެފަހުން އަލުން ލޯތްބެއްގެ ކުލަޖެހުނެވެ. ސަމީހުގެ އެދުމަކަށް ހުޅުމާލެއަށް ގޮސް މިނިވަންކަމާ އެކު ވެވުނު ބައްދަލުވުމަކަށް ފަހު ގައެވެ.

ސަމީހު، އެރޭ އަހަރެމެންގެ ލޯބީގެ ރަން ހަނދާންތައް އާކޮށްދޭ އައްޑޫ ބޮނޑިއެއް ހަދިޔާއަކަށް ގެނެސްދިނެވެ. އެ ބޮނޑި ސަމީހުގެ އަތުން ލަވައިގެން އަހަރެންނަށް ކާންދިނީ ވަރަށް ލޯބިންނެވެ. ލޯބީގެ އެތައް ހަނދާނަކުން އަހަރެންގެ ހިތް ފޯކޮށްލިއެވެ. އެރޭ އެނބުރި ގެއަށް އައި ނަމަވެސް ނިދި ވަނީ ރުޅި ބުނެފައެވެ. ސަމީހުއާ އެކު އެންމެ ޒުވާން ދުވަސްވަރު ހޭދަކުރި ހަދާންތައް ހިތުގެ ކިޑިކީން ބޯދިއްކުރަން ފެށިއެވެ. ލޯބީގެ އެކިއެކި ޚިޔާލުތަކުން ހިތް ނުތަނަވަސް ކުރަމުންނެވެ. މާޒީގެ އެ ހިތި އަދި ފޮނި ހަނދާން ތަކުން ހިތަށް ކުދި އަނިޔާ ލިބެމުން ދިޔައެވެ.

އެރެއަށް ފަހު އަހަރެންގެ މުޅި ދިރިއުޅުމަށް ބޮޑެތި ބަދަލުތައް އަންނަމުން ދިޔައެވެ. އޮއްސޭ އިރާއެކު ކުޑަދެބެން ބަނޑުދޮށުލައިގެން އޮށޯންނަމެވެ. ކުދިންގެ ކޮޓަރީގައި ނިދާފައި އޮވެއްޖެ ނަމަ މުރާތު ނުގޮވާނެކަން ޔަޤީން ވާތީއެވެ. އެކަމުގެ ފައިދާ ނަގަން ފެށީ އެހެން ވިސްނުމަކުންނެވެ. މަކަރާއި އޮޅުވާލުމުން މުރާތު ވާ ވައްދައިގެންނެވެ. މުރާތު ނިދުމުން ސަމީހު ގެއަށް ގެނެސް ވައްދަނީ ބިރެއް ސިހުމެއް ނެތިއެވެ. އެހެން ކޮޓަރިއެއްގައި ދެ މީހުން މަސްހުނިވެ އެތަކެއް މަޖާނެގީމެވެ. ހަލާލު ފިރިމީހާއަށް ސިއްރުން ވަގަށެވެ. ދުވާލު ވެއްޖެއްޔާ ފޯނުން ލޯބީގެ މާފޮޅުވުމުގައި މުޅި ދުވަސް ގުނެމުން ދިޔައެވެ.

އެއްވެސް ކަމަކީ ތާބަދަށް ސިއްރުވެފައި އޮންނާނެ ކަމެއް ނޫނެވެ. އެންމެ ފަހުން ނުވެ ނުދާނެ ގޮތް ވެއްޖެއެވެ. މުރާތަށް އަހަރެންމެންގެ ސިއްރު ލޯބީގެ ކުޅިގަނޑު ފަޅާ އެރިއެވެ. އަހަރެންގެ ކިބައިން މުރާތު އެދުނީ އެކަން ހުއްޓާލުމަށެވެ. ރޮއި އާދޭސް ކުރިއެވެ. ދަރިންނަށް ޓަކައެވެ. އެހެނަސް މުރާތުގެ އެވާހަކަތައް އަހަރެންނަށް އިވޭ ވަރަށް ވުރެ ސަމީހުގެ ލޯބީގައި އަހަރެން ވަނީ ދީވާނާ ވެފައެވެ. ލޯބީގެ ނަމުގައި އަހަރެންގެ ޖާނާ މާލު ވަނީ ހިބައިން ހިބަކޮށްދީފައެވެ. މިއަގެއް ނެތް ޖިސްމުގައި އޭރުގައި ޖަހަނީ ސަމީހުގެ ވިންދެވެ. މުރާތަކީ މިހާރު ނަމެއްގައި ހުރި ފިރިއެކެވެ. އެ ދިރިއުޅުމުން ނުކުންނަން އަހަރެން ހުރީ ކެތްމަދުވެފައެވެ. ނަފުސު ސަމީހަށް ވެދުން ކުރި ފަދައިން އަހަރެންގެ އެކައުންޓުގައި ވާހާ ފައިސާއަކީ ވެސް ސަމީހުގެ މިލްކަކަށް ވަނީ ހަދައި ދީފައެވެ. ދުއްވާނެ ކާރު ގަނެދިނީމެވެ. ރަށުގައި ހުރި ސަމީހުގެ ގެ ފައްކާ ކުރެވެމުން ދިޔައެވެ. ކައިވެންޏަށް ފަހު ދިރިއުޅޭނެ ޚިޔާލީ ގަނޑުވަރެއްގެ ގޮތުގައި ހުވަފެން ދައްކައިގެންނެވެ. ހައްތާ ވެސް ލޯތްބަށް ޓަކައި ވީ ފިދާއެވެ.

ސަމީހަކި ކެހިވެރިއެއްކަމާ މަކަރުވެރިއެއް ކަމަށް މުރާތު ވިސްނައިދޭން ކުރި ކޮންމެ މަސައްކަތެއް ވީ ނާކާމިޔާބެވެ. ތަކުރާރުކޮށް އަހަރެންގެ ޖަވާބަކަށް ވީ މުރާތާ އެކު ދެން އުޅެން ބޭނުމެއް ނޫނެވެ. ބަހަނާ ނުދައްކާ ލޯބިވަންޏާ، ހެޔޮ އެދެންޏާ، އަދި އަހަރެން، އުފަލުގައި އުޅޭތަން މުރާތުއާ ދަރިން ދެކެން ބޭނުން ނަމަ، މިނިވަންކޮށް ދިނުމަށެވެ. ފާޅުގައި ވަރިއަށް އެދުނީމެވެ. މުރާތުގެ ފައިބުޑަށް ވެއްޓި އާދޭސްކުރީމެވެ.

ސަމީހުގެ ލޯބީގައި އަހަރެން ދީވާނާވެފައި ވާލެއް ބޮޑުކަމުން އަމިއްލަ ފުރާނައަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރަށް މުރާތު އަހަރެން ވަރިކުރިއެވެ. ހިތާ ދެކޮޅަށެވެ. އެހެނަސް މުރާތުގެ ގެދޮރުން އަހަރެން ނެރެ އެއްލައެއް ނުލައެވެ. ކުދިންގެ ޙައްޤުގައެވެ. މުރާތު އެދުނީ ކުދިން ދޫކޮށްފައި ނުދިއުމަށެވެ. އަހަރެން ވެސް ދާނެ އިތުރު ތަނެއް ނެތުމުން ކުދިން ގާތުގައި މަޑުކުރީމެވެ. އަހަރެމެން ތިންމައިންގެ ހުރިހާ ކަމެއް ކުރިއެކޭ ތަފާތެއް ނެތި މުރާތު ބަލަހައްޓަމުން ދިޔައެވެ. އަހަރެންގެ ފައިސާއިން ލޯ ލާރިއެއްގައި ވެސް އޭނާ ނުޖެހެވެ.
ސަމީހުއާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިނިވަން ދޫނި ޖޯޑެއް ފަދައިން އުދުހުނީމެވެ. އާޚިރަތަކަށް ދުނިޔޭގެ ލަދަކަށް ފިކުރު ކުރުމެއް ނެތިއެވެ. އިމެއްނެތި ނަގަމުން ދިޔަ މަޖާތަކުގެ ފައިދާ ސަމީހު ނަގަމުން ދިޔައީ އަހަރެންނާއި މުޅި ދުނިޔެއަށް ވެސް ސިއްރުންނެވެ. އެފަދަ ކަމަކާ މެދު ވިސްނޭ ވަރަށް ވުރެ އަހަރެން ވަނީ ލޯބީގައި ހޭބުއްދި ފިލާފައެވެ. އިޝްޤުގެ ޝަރުބަތުން އަހަރެން ހުރީ މަސްތުވެ ދީވާނާވެފައެވެ.

އެއީ ފެބުރުއަރީ މަހެއްގެ ސާދަވިލޭރެއެވެ. ލޯބިވެރިންގެ ރެއެވެ. ލޯބީގެ ޖޯޑުތަކުން މުޅި ލެމަންގުރާސްވަނީ ފުރާލައިފައެވެ. ރެސްޓޯރަންޓްގެ މަތީބުރީގައި ހުރި މޭޒެއްގެ ދޮށުގައި އަހަރެމެން ދެމީހުން ވެސް އަތު ގުޅާލައިގެން ތިބީމެވެ. ސަމީހުގެ ކުރީގެ ޙަޔާތާ ބެހޭ ގޮތުން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގޮސް މިހާރު ވެސް މަސްތުވާ ތަކެތި ބޭނުން ކުރަން ހޭ އަހާލެލެވުނީ ޤަސްތަކު ނޫނެވެ. ލިބިފައި އޮތް މަޢުލޫމާތެއް ޔަޤީން ކޮށްލުމުގެ ނިޔަތުގައެވެ.

ސަމީހު ބޯން އިން ފެންތަށި ޕައްކިޔާފައި މޭޒުމަތީ ބަހައްޓަމުން ވަރަށް ހުތުރުކޮށް އަހަންނާ މުޚާޠަބު ކުރިއެވެ. އަދި އަޑުގެކޮޅަށް އެންމެ ހުތުރުކޮށް އަހަރެންގެ މަންމައަށް ނިސްބަތް ކޮށް ލަދު ގޮވިއެވެ. އެ ހިނދު އަހަރެންގެ ހިތުގައި ޚަންޖަރަކުން ޖަހާ ކަތިލިހެން ހީވިއެވެ. ސަމީހުގެ ފޮރުވިފައިވާ ދެވަނަ ސޫރަ އަހަރެންގެ ކުރިމައްޗަށް ވަގުތުން އުފަންވިއެވެ. އެހިނދު އަހަރެން ވެސް ހިތްހަމަ ނުޖެހުމާއެކު ރައްދު ދިނީމެވެ. އެ ތަނުގައި ތިބި އެންމެންގެ ލޯތައް އަހަރެމެން ދެ މީހުންނަށް އަމާޒުވިއެވެ. އެ ވަގުތު ސަމީހުގެ އަތަށް ލެވުނުހާ ބާރެއްލާފައި އަހަރެންގެ މޫނު މަތީގައި ވިހެލިއެވެ. މުޅި މޫނު ވަގުތުން ނޫފައިގަތެވެ. ވީތަދާއެކު ރޮމުން ރޮމުން އެތަނުން ނުކުމެގެން ދާން ދުއްވައިގަތީމެވެ. އެހިނދު ވެސް އަހަރެންގެ މޮޔަ ސިކުނޑި ވިސްނައި ދިނީ ސަމީހަށް ކުރެވުނު ކުށް އިހުސާސްވެ އަހަރެންގެ ފަހަތުން " ސޮރީ އޭ" ބުނަމުން އަންނާނޭ ކަމުގައެވެ.

ތިން ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ސަމީހުގެ ޚަބަރެއް ނުވިއެވެ. އިރުއިރު ކޮޅުން ފޯނަށް ބެލެއެވެ. ގޭގެ ރަނގަބީލު ޖެހި އަޑަށް ދުވެފައި ގޮސް ދޮރު ހުޅުވީމެވެ. އެހެނަސް ކުރިމަތީގައި ހުރީ މުރާތެވެ. ފުރަތަމަ ނަޒަރުން އަހަރެންގެ މޫނަށް ވެފައި ހުރި ގޮތް މުރާތު ދެނެގަތެވެ. "ކިހިނެއް ވެފައިތަ މޫނަށް ތިޔަ ހުރީ؟" އަހަރެން އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރެމުން ބުނީމެވެ. "ފާޚާނާއަށް ވަންނަނިކޮށް ފައިކަހާލައިގެން ވެއްޓި ދޮރުގެ ދާރައިގައި ޖެހުނީ!" އެ ވަގުތު ވެސް މުރާތު އިސްކުރީ އޯގާތެރިކަމެވެ. އެދުނީ ޑޮކްޓަރަށް ދިއުމަށެވެ. އަހަރެން އެކަން މަނާކުރީމެވެ.

ސަމީހުގެ ޚަބަރެއް ނުވެގެން މޮޔައެއް ފަދައި ތެޅި ފޮޅުނީމެވެ. ސަމީހުގެ ހުރިހާ ނަންބަރަކަށް ގުޅަން އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް ހުރިހާ ނަމްބަރެއް ހުރީ ބްލޮކުކޮށްފައެވެ.
އަހަރެން އޭނާގެ މަންމަމެން އުޅޭ ގެއަށް ދިޔައީމެވެ. އެ މީހުންގެ ފުށުން އެނގުނީ ސަމީހު ރަށަށް ހިގައްޖެކަމެވެ. އެހިނދު އަހަންނަށް ލިބުނީ ޝޮކެކެވެ. ސަމީހު އެހެން ހަދާނެ ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. ނުރޯން ހިތްވަރު ކުރި ނަމަވެސް ނުރޮއި ނުހުރެވުނެވެ. އެ ހިނދު އެ މީހުން އަހަރެންނަށް ވިސްނައިދޭން މަސައްކަތް ކުރަމުން ގޮނޑިއެއްގައި ބޭންދިއެވެ.
ސަމީހުގެ މަންމަ ބުންޏެވެ. "އީމާއަށް ކިހިނެއްވެފައިތަ ތިޔަ ހުންނަނީ! ކިހާވަރަކަށް ބުނާނީ ތިޔަކަން ހުއްޓާލާށޭ! ސަމީހަކީ ރަނގަޅު މީހެއް ނޫން! ދަރިއަކަސް ބުނެވޭނީ ކަންއޮތް ގޮތަށް! އަހަރެމެން ކިހާ ނަޞޭހަތެއް ދިނީން ފިރިމީހާ ގާތުން ވަރިނުވަން! އެކަމަކު އީމާ އެކަކު ބުނާ އެކައްޗެއް ވެސް އަޑެއް ނާހަ! މިއަދު މިއޮތީ އަހަރެމެން ބުނީ ދުވަސް އައިސްފަ!" އެހެން ބުނަމުން ފެންތައްޓެއް ދިއްކޮށްލިއެވެ. މަންޒިލު ގެއްލިފައިވާ މުސާފިރެއް ފަދައިން މާކަނޑުގައި އޮޑިޔާއެކު ގެނބެމުން ދިޔަހެން ހީވިއެވެ. އެ މީހުންގެ އެ ވާހަކަތައް ޤަބޫލު ކުރަން ބޭނުންވިޔަސް ޤަބޫލެއް ނުކުރެވުނެވެ. އަހަރެން ދޫކޮށްފައި ސަމީހު ދާނެ ކަމަކަށް ނުވިސްނުނެވެ.

ހަފުތާއެއްހާ ދުވަސް ފަހުން ސަމީހުގެ ހުރިހާ ނަމްބަރެއް އަންބްލޮކު ކޮށްފިއެވެ. އަހަރެން ވީ އުފަލުގައި ގުޅީމެވެ. ސަމީހު ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރިކޮށެވެ. އެންމެ ފުރަތަމަ ވެސް އެދުނީ މާފަށެވެ. އެ ދުވަހު އަނިޔާ ކުރެވުނީތީ ދެރަވާ ވާހަކަ ބުންޏެވެ. އަހަރެންނާ ހަތަރު ކަޅި ހަމަކުރާނެ ހިތްވަރު ނުލިބިގެން މާލެ ދޫކޮށް ރަށަށް އައީ ކަމުގައި ބުންޏެވެ. އަދި ލޯބިގަނޑުމަތިން ވަރަށް ހަނދާން ވެއޭ ވެސް ބުންޏެވެ. އެހިނދު ޝަކުވާ ކުރީމެވެ. އަހަރެން ދޫކޮށްފައި ދިޔުމުންނެވެ. ކުޑަކުއްޖެއް ފަދައިން ކުސްތަޅަމުން އެނބުރި މާލެ އައުމަށް އާދޭސްކުރީމެވެ. އަވަހަށް ކައިވެނި ކުރަން ބޭނުންވާ ވާހަކަ ތަކުރާރުކޮށް ބުނީމެވެ.

އަހަރެންގެ އެ ވާހަކަތައް އޮއްބާލަމުން ސަމީހު ބުންޏެވެ. "މިކޮޅުގައި ތިބި ދެކުދިންނަށް ހަދިޔާއެއް ނުލައި އާދެވުނީމަ އެ ދެކުދިން ވަރަށް އެބަ ޝަކުވާކުރޭ! ދަތި ނޫނީއްޔާ ދެ ޓެބު ގަނެފައި މާދަމާ ފުރާ ބޯޓަށް ލައިދޭންވީނުން؟" އެހިނދު އަހަރެންގެ ލޭ ކެކިގަތެވެ. ހިތްހަމަ ނުޖެހި ހުރެ ބުނީމެވެ. "ސަމީހު އަހަރެން ދެކެ ވަނީ ލޯތްބެއް ނޫން! ސަމީހު ބޭނުން ވަނީ އަހަރެންގެ މުދަލާއި ފައިސާ! ސަމީހުގެ ނަޒަރުގައި އަހަންނަކީ އޭޓީއެމެއް! ނޫނީ ލާރިޖަހާ ތައްގަނޑެއް!" އެހެން ބުނުމާއެކު ހުތުރު ބަހުން އަހަރެންގެ އައިބުތައް ސަމީހު ގޮވަން ފެށިއެވެ.

ސަމީހު ބުނާ ކަމެއް ބުނި ގޮތަކަށް ނުކޮށްފި ނަމަ މީސްމީޑިޔާގެ އެކި އޮޅިތައް ފުރާލާނީ މިކަހަލަ ފޮޓޯއިން ނޭ ބުނެ އަހަރެންގެ ނިވައިކަމެއް ނެތް ފޮޓޯތަކެއް ފޯނަށް ފޮނުވަން ފެށިއެވެ. އަހަރެންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް އަޅާ ވިހެލިހެން ހީވިއެވެ. ނިދިފައިވާ މީހަކަށް ކުއްލިއަކަށް ހޭލެވުނުހެން އެއްލިގެން ދިޔައެވެ. އަތުގައި އޮތް ފޯނު އަތުން ދޫވެގެން ވެއްޓުނެވެ. އޭރު ބަދިގެ ތެރޭގައި ގެއަށް ގެނައި މަސްކޮޅެއް ކަނޑައިދޭން މުރާތު ހުއްޓެވެ. އަހަރެން ހުރީ ތަރުކާރީ ކޮޅެއް ކޮށާށެވެ. އަތުގައި އޮތް ވަޅި ފިކުރެއް ޚިޔާލެއް ނެތި އަތުގެ ކުޑަހުޅު މަތީ ފިރުކާލެވުނީ ޙިއްސު ކެނޑިފައިވާ މީހެއް ފަދައިންނެވެ. ޤަތުލުވެފައިވާ އަގެއް ނެތް ޖިސްމު މި ދުނިޔޭން ދިއުން އެދިއެވެ.

ފުސްވަމުން އެނބުރެމުން ދިޔަ ދުނިޔެއާއެކު ވާގިދޫވެ ވެއްޓެން ދިޔަ ހަށިގަނޑު މުރާތުގެ އަތްދަނޑި މައްޗަށް އެއްކޮށް ސޮހުނެވެ. ހޭވެރިކަން ވީއިރު އަހަރެން އޮތީ ހަސްފަތާލުގައި އެނދުމަތި ކޮށްފައެވެ. މިވާހަކަތައް ލޭ ހުސްވެފައިވާ ގަލަމަކުން މި ލިޔަނީ މާޒީ އަނބުރާ ގެނެސްގެން ޙަޔާތެއް އަލުން ފެށުމަކީ ނާދިރުކަމެއް ކަން އެހެން މީހުންނަށް ބުނެދިނުމަށެވެ. އެހެނަސް ފެށިފައިވާ ޙަޔާތަކާއެކު ހެޔޮ ނިމުމެއް ގެނެވިދާނެކަން މިހާރު އަހަންނަށް ވެސް ވިސްނިއްޖެއެވެ. އެހެނަސް ވަގުތު ވަނީ ފާއިތުވެފައެވެ. ފަސްބައިގައި ޖެހިފައިވާ ލައްގަނޑެއް ފިލުވައެއް ނުލެވޭނެއެވެ. އެހެނަސް ތައުބާގެ ދޮރު އަދި ވަނީ ހުޅުވިފައެވެ. ދުނިޔެއާ ކުރިމަތިލުމަކީ ހިތްވަރު ހުރެގެން އެހެން މީހުންގެ އެހީއާ މަދަދާ ލައިގެން ނުކުރެވޭނެ ކަމެއް ނޫނެވެ. ނަފުސު ޤަތުލުވިޔަސް ޖިސްމާ، ރޫޙު ދިރިހުރުން މުހިންމެވެ. ޢާއިލާއަށް ޓަކައެވެ. ދުނިޔެއާ އާޚިރަތަށް ޓަކައެވެ. ކުށުގެ ކައްފާރާއެއްގެ ގޮތުގައި އެހެން މީހުންނަށް ޢިބުރަތަކަށް އަހަރެންގެ މި ވާހަކަ ކިޔައިދޭށެވެ. އެއީ އަހަރެން ކުރާ ވަޞިއްޔަތެކެވެ."

އީލާފުގެ ލޮލުން ފޫދިގެން ވެއްޓެން ދިޔަ ކަރުނަ ތިކިތަކުން އެ ފޮތް ސަލާމަތް ކުރުމަށް މެޔާލައި ބޮނޑިކޮށްލިއެވެ. ފުރަގަހުން މީހެއްގެ ގިސްލުން އިޙުސާސްވުމުން ފަސްއެނބުރި ބަލައިލިއެވެ. ތަންކޮޅެއް ދުރުގައި ޑަކުޓަރު ޢަޒީޒު ހެވިފައި ހުއްޓެވެ.
މޫނާ މޫނު ސީދާވެ ހަތަރު ކަޅި ހަމަވެގެން އެ ދިޔައީ އޭނާގެ މަންމައާއެވެ. އީމާގެ ދެ އަތް މާފަށް އެދި ދިއްކޮށްލިއެވެ. ފެންކަޅި ވެފައިވާ ދެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް އީލާފު ފޮހެލިއެވެ. އީމާގެ ހަނދާންތައް ވަނީ އަނބުރާ އިޢާދަވެފައެވެ. ކުރިމަތީގައި އެ ހުރީ އޭނާގެ ދަރިފުޅު އީލާފުކަން ދެނެގަތެވެ. ދަރިފުޅުގެ ގައިގައި އީމާއަށް ހިފައިގަނެވުނެވެ. އޮޅުލަމުން ބޮސްދެމުން ރޮމުން ބުންޏެވެ. "ލޯބީގައި މަންމަގެ މުޅި ނަފުސު ޤަތުލުވީއެވެ."

(ނިމުނީ)

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ޖުވޭރިޔާ ހާރޫނު،ނ.މަނަދޫ/ރީޙުއްޞަބާ އެވެ. ވާހަކަ ހުށައަޅާދިނީ އަޙްމަދު ވަޙީދު ޢަލީއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 21 ރަމަޟާން 1442 އެވެ.