ޚަބަރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފުރުވާލުމުގައި ދަތިތަކެއް!


ސައްޚަ ލިއުމެއްނެތި ރާއްޖޭގައި އުޅޭ ބިދޭސީން އަމިއްލައަށް އެދިގެން ފުރުވާލުމަށް ހުޅުވާލާފައިވާ ފުރުސަތަކީ، އިނާމެއްގެ ގޮތުގައި ދެކިގެން ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ ކަމުގެ ޙަގީގަތް ރަނގަޅަށް އޮޅުން ފިލާފައި ނެތުމުގެ ސަބަބުން ކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ވިދާޅުވެއްޖެއެވެ. ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވީ ސައްޚަ ލިއެކިއުން ނެތި ރާއްޖޭގައި އުޅެމުންދާ ފަރާތްތައް ފުރުވާލުމުގެ ފުރުސަތު ދީފައިވަނީ އެފަދަ ފަރާތްތައް ރާއްޖޭގައި އުޅުމުން ދިމާވާ ތަފާތު މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.އަދި މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ދެވޭ އިނާމެއްގެ ގޮތުގައި ސިފަ ކޮށްގެން ނުވާނެ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ. އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެފަދަ ފަރާތްތައް ފުރުވާލަނީ 10 އަހަރު ރާއްޖެއަށް ނާދެވޭ ގޮތަށް ކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.އަދި މިފަދަ ފަރާތްތައް ފުރުވާލަނީ ބަހައްޓާފައި ހުންނަ ޑިޕޮސިޓް ފައިސާއިން ކަމަށާއި، އަމިއްލައަށް އެދިގެން ފުރަން އަންނަ ފަރާތްތަކުގެ އަތުގައި ގިނަ ފަހަރަށް ޕާސްޕޯޓްވެސް ނޯންނަކަންވެސް އަންވަރު  ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފަރާތްތައް ފުރުމަށް ބޭނުންވާ ލިއުން ހޯދުމުގައި އެމީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކުގެ އެކަށީގެންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުން ބިދޭސީން ފުރުވާލުމުގައި ބޮޑެތި ގޮންޖެހުން އެބަހުރި ކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.