ޚަބަރު

ބަލިމަޑުކަން ފެށުނުފަހުން ޖީ7ގެ ޚާރިޖީ ވަޒީރުން ފުރަތަމަ ފަހަރަށް އެއްތަނަކަށް


ޗައިނާއާއި ރަޝިޔާގެ ފަރާތުން ކުރިމަތިވާ ވާދަވެރިކަން ކުޑަކުރުމަށް އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރާނެކަމަށް ޖީ7ގައި ހިމެނޭ ޤައުމުތަކުން ބުނެފިއެވެ.

ޖީ7ގައި ހިމެނެނީ ކެނެޑާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ޖަޕާނާއި އެމެރިކާއާއި އިނގިރޭސިވިލާތެވެ. އެއީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި ނުފޫޒުގަދަ ޤައުމުތަކެވެ. 2019ވަނަ އަހަރުގެ ފަހުން އެ ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ބާއްވައި ފުރަތަމަ ޖީ7ގެ ބައްދަލުވުން އަންނަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގެ ކުރިން ޖީ7ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި އިނގިރޭސިވިލާތުގައި ބައްދަލުވުމެއްވަނީ ފަށައިފައެވެ. އެ ބައްދަލުވުމުގައި އަދި އެ ބައްދަލުވުމުގެ ހަވާސާގައި ޖީ7ގެ ޤައުމުތަކުގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރާނެއެވެ.

ފާއިތުވި 40 އަހަރުގެ ތެރޭގައި ޗައިނާއިން ހޯދާފައިވާ އިޤްތިޞާދީ އަދި އަސްކަރީ ކުރިއެރުންތަކަކީ ފަހުގެ ތާރީޚެއްގައި ޤައުމަކުން ހޯދާފައިވާ އެންމެ ބޮޑު ކުރިއެރުމެވެ. ޖީ7ގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން އެ ޤައުމުތަކުން ޗައިނާއާއި ރަޝިޔާއާމެދު ގެންގުޅޭނެ ސިޔާސަތުތަކާ ގުޅޭގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުންވަނީ މަޝްވަރާކޮށްފައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވީ ޗައިނާގެ ކުރިއެރުމަށް ހުރަސް އެޅުމަށް ޖީ7ން މަސައްކަތް ނުކުރާނެކަމަށެވެ. ނަމަވެސް ދުނިޔޭގައި މިހާރު ޤާއިމުކޮށް ޢަމަލުކުރަމުންދާ ތަރުތީބާ އެއްވެސް ޤައުމަކުން ޚިލާފުވާނަމަ ހުޅަނގުގެ ޤައުމުތަކުން ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ބުލިންކެން ވިދާޅުވީ އެމެރިކާއިން ބޭނުންވަނީ ރަޝިޔާއާއެކު ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރުމަށްކަމަށެވެ. ނަމަވެސް އެކަން ބަރޯސާވަނީ ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންގެ ޢަމަލުތަކުގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޔޫކްރެއިނުގެ މައްސަލަފަދަ މައްސަލަތަކުގައި ރަޝިޔާއިން ޢަމަލުކުރާ ގޮތަކީ އެމެރިކާއިން ވަރަށް ބޮޑަށް މުހިންމުކަން ދޭނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރާބު ވިދާޅުވީ ހުޅަނގުގެ ޤައުމުތަކުން ބޭނުންވަނީ އެހެން ޤައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރަންކަމަށެވެ. އެއް ފިކުރެއް ގެންގުޅޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.