ޚަބަރު

އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް


ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ އިސްރާއީލުގެ ރައްޔިތުން ހުޅަނގު އައްސޭރީގެ އަވަށެއްކަމަށްވާ ޖަލޫދަށް ޙަމަލާދީފިއެވެ.

ފަލަސްޠީނުން ބުނީ އިސްރާއީލުގެ ރައްޔިތުން އެ އަވަށަށް ދިން ޙަމަލާތަކުގައި ތަންތަނުގައި ރޯކޮށް ޢާންމުންނާ ދިމާލަށް ގައު އުކާފައިވާކަމަށެވެ. އެ މަންޒަރުތައް ފެންނަ ވީޑިޔޯތަކެއް މީސްމީޑިޔާގައި ދަޢުރުވެފައިވެއެވެ. ރައްދުގައި ފަލަސްޠީނުގެ ރައްޔިތުންވެސްވަނީ އެ މީހުންގެ މުދަލާއި ގެދޮރު ޙިމާޔަތްކުރުމަށް މަސައްކަތްކޮށްފައެވެ.

އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާއަކުން ބުނީ ރައްދުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ 11 ރައްޔިތުން ޙައްޔަރުކޮށްފައިވާކަމަށާއި ރަބަރު ވަޒަން ޖެހުމުން ފަލަސްޠީނުގެ ހަތަރު ރައްޔިތުން ޒަޚަމްވިކަމަށެވެ. ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ އިސްރާއީލުގެ ސިފައިން ދިން ޙަމަލާއެއްގައި ފަލަސްޠީނުގެ އުމުރުން 60 އަހަރުގެ އަންހެނަކު މަރާލާފައިވާކަމަށެވެ. އެ މަންޒަރު ފެންނަ ވީޑިޔޯއެއް އާންމުވުމުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ހިންގައި ޖަރީމާތައް އަނެއްކާވެސްވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.

1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅަނގު އައްސޭރިއަކީ އެ ދަޢުލަތުގެ ބަޔަކަށް ހެދުމަށް ފަލަސްޠީނުން ބޭނުންވެއެވެ. ފަލަސްޠީނުގެ 2.5 މިލިޔަނަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ 500،000އެއްހާ މީހުން ބައިނަލްއަޤްވާމީ ޤަވައިދުތަކާ ޚިލާފަށް ދިރިއުޅެއެވެ.