ޚަބަރު

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރަން މަޝްވަރާ ފަށައިފި


ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރުމަށް މަޝްވަރާކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރުމަށް މަޝްވަރާކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި މިވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ޢަދަދުތައް އިންތިހާއަށް މަތިވަމުން ދިއުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާކުރަމުންދާކަމަށެވެ.

ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް މަސައްކަތްކުރަމުންދާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ވަނީ 508 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 276 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 185 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 12 މީހަކާއި، އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްރަށުން 32 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.