ވިޔަފާރި

މިދިޔަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 219 މިލިއަން ރުފިޔާ


މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 219 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއަރޓަރުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 188 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ސާފުފައިދާ ވަނީ 219 މިލިއަނަށް އިތުރުވެފައެވެ.

ދިރާގުން އާއްމުކޮށްފައިވާ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 660 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 621 މިލިއަން ރުފިޔާއެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 660 މިލިއަން ރުފިޔާ ލިބިފައިވާއިރު މީގެތެރޭގައި ހިމެނެނީ މޯބައިލް ހިދުމަތުގެ އާމްދަނީން ލިބުނު 390 މިލިއަން ރުފިޔާއާއި ފިކްސްޑް ބްރޮޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތުން ލިބުނު 255 މިލިއަން ރުފިޔާއެވެ. މި 2 ދާއިރާއިންވެސް މިދިޔަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައިކަމަށް ދިރާގުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.