ދުނިޔޭގެ ވިޔަފާރި

އިންޑިއާގެ ޖީޑީޕީ ކުރިއަށް އޮތް 2 އަހަރުވެސް އިތުރުވާނެ


ކޯވިޑްގެ ބަލިމަޑުކަން ބާރަށް ފެތުރެމުންދާ ދިޔަނަމަވެސް އިންޑިއާގެ ޖީޑީޕީ މިއަހަރާ މިއަންނަ އަހަރުވެސް ރަނގަޅު ވާނެކަމުގައި އޭޑީބީން ރިޕޯޓް ކޮށްފިއެވެ.

ޕަބްލިކް އިންވެސްޓްމެންޓްތަކާއި ކޯވިޑް 19ގެ ވެކްސިން ތަޢާރަފްކުރުމާއި އަދި މީގެ އިތުރުން އެތެރޭގެ ޑިމާންޑްތައް އިތުރުވުމާއި ގުޅިގެން ޖީޑީޕީ 11 އިންސައްތައަށް އިތުރުވެގެންދާނެކަމަށްވެސް އޭޑީބީން ވަނީ ބުނެފައެވެ. ނަމަވެސް 'އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް 2021'ގައި ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް 19ގެ ވެކްސިން މުޅިޤައުމަށް ލިބި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވިގެން ނޫނީ ޖީޑީޕީ އިތުރެއް ނުކުރެވޭނެއެވެ. އޭޑީބީންވެސް ލާފާ ކުރާގޮތުގައި އެވަރޭޖްކޮށް ޖީޑީޕީ ކުރިއަރައިގެންދާނީ 7 އިންސައްތައަށެވެ.

ކޯވިޑްގެ ބަލިމަޑުކަމާހެދި އިންޑިއާގެ އިޤްޠިޞާދު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ބޮޑު ސްޓިމިއުލަސް ޕެކޭޖާއި ވެކްސިން ޕްރޮގްރާމްގެ ސަބަބުން އިޤްޠިޞާދު އަލުން ރަގަޅުވެގެންދާނެކަމަށް އުންމީދުކުރާ ކަމުގައި އޭޑީބީގެ ޑިރެކްޓަރ ވިދާޅުވިއެވެ. ޕަބްލިކް އިންވެސްމެންޓްސް އާއި ފަޤީރު ހިސާބުތަކުގެ މީހުންގެ މުސާރަ ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން އިޤްޠިޞާދު ކުރިއެރުމަށް އެހީއަކަށް ވެގެންދާނެކަމުގައިވެސް ޑިރެކްޓަރ ވިދާޅުވިއެވެ.

ކޯވިޑްގެ ދެވަނަ ރާޅުން އިޤްޠިޞާދަށް ކުރާ އަސަރު ކުޑަވެގެންދާނެކަމަށް ބައެއް ފަރާތްތަކުން ލަފާކުރާއިރު އިޤްޠިޞާދަށްހުރި އެހެން ގޮންޖެހުންތަކަށް ބަލާއިރު ދުނިޔޭގެ ފައިނޭންޝިއަލް ޕްރޮގްރާމްތައް ލިބުން ދަތިވުމުގެ ސަބަބުން އިންޑިއާގެ މާކެޓް އިންޓްރެސްޓަށް އަސަރުކުރުމަކީ ގާތްކަމެކެވެ.