ދުނިޔޭގެ ވިޔަފާރި

ޓިއުނީޝިޔާއިން ލޯނު އެހީ ހޯދަނީ


ކޯވިޑްގެ ބަލިމަޑުކަމާ ހެދި ޤައުމަށް ދިމާވެފައިވާ އިޤްޠިޞާދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި އައިއެމްއެފް އިން 4 ބިލިއަން ޑޮލަރުގެ ލޯނު އެހީ ހޯދުމުގެ މަޝްވަރަތާތައް ކުރަމުންދާކަމަށް ޓިއުނީޝިއާގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

އައިއެމްއެފްއިން 4 ބިލިއަން ޑޮލަރުގެ ލޯނު އެހީ ހޯދުމުގެ މަޝްވަރަތާތައް ކުރަމުންދާއިރު މިލޯނު އެހީ ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޓިއުނީޝިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އައިއެމްއެފްއަކީ އެ ޤައުމުގެ އިޤްޠިޞާދު ރަގަޅުކުރުމަށްޓަކައި އޮތް އެންމެ 'ފަހު' ފުރުޞަތުކަމާއި މި ލޯނު އެހީ ލިބުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމަށްވެސް އެ ޤައުމުން ބުނެއެވެ. 3 އަހަރުގެ ލޯނު އެހީއާއެކު ބޭރުގެ އެހީތެރިކަންވެސް ބޭނުންވާކަމަށް ޓިއުނީޝިޔާއިން ވަނީ ބުނެފައެވެ.

އައިއެމްއެފްއިން ކުރިން ބުނެފައިވާ ގޮތުގައި ޓިއުނީޝިއާއިން ޓާގެޓް ކުރަންވީ ސަރުކާރުން ހިންގާ ވިޔަފަރިތައް އިތުރުކުރުމަށެވެ.

ޓިއުނީޝިއާގެ އިޤްޠިޞާދަކީ އެފްރިކާގައި އެންމެ ވާދަވެރި އެއް އިޤްޠިޞާދު އޮންނަ ގައުމެވެ. ތަފާތު އެކި ވައްތަރުގެ މަސައްކަތް އެޤައުމުގައި ކުރިއަށްދެއެވެ. މިގޮތުން ދަނޑުވެރިކަން، ތެޔޮ ނެގުން އަދި އެނިހެން ތަފާތު މުދާތައް އުފައްދައެވެ. މީގެ އިތުރުން ފަތުރުވެރިކަމަކީވެސް ޓިއުނީޝިއާއަށް ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއެކެވެ.