މުނިފޫހިފިލުވުން

ވާހަކަ: އަހަންނަކީ ކުށްވެރިއެއް ނޫން


ރޭގަނޑުގެ ކަނު އަނދިރިކަމަށްފަހު އާދުވަހަކަށް އިރުއެރުމުގެ ވަގުތު ކުޑަތަންވަމުން އަންނަކަމުގެ ނިޝާންތައް އުދަރެހުން ފެންނާން ފެށިއެވެ. އެހިތަފްސޭހަ ވަގުތުގައި ރަށުގެ މަލަމަތިން ފެންނަމުން ދިޔައީ އަމާންކަމާއި ، ރައްކާތެރިކަމެވެ. މުޅިރަށުތެރޭގައި ގުގުމަމުން ދިޔައީ ކުކުޅުހާލާއި، ކާޅުކޮވެލީ ރީތި ނަލަނަލަ އަޑުން ކިޔަމުންދާ ރީތި ހިތްގައިމު މިޔުޒިކީ ރާގުތަކުގެ އަޑުތަކެވެ. އިރުއަރާކަން ދުނިޔެއަށް އިޢުލާން ކުރުމަކީ އެސޮރުމެންގެ ވާޖިބެއްކަން އަންގައި ދިނުމަށް މަސައްކަތް ކުރާ ކަހަލައެވެ. އެކަތި އަނެކަތީގެ ވާދަވެރިކަން އެހާމެވެސް ބޮޑެވެ. އެއްސޮރު އަނެއްސޮރައްވުރެ ބާރަށް ހަޅޭލަވަމުން އެކި ދިމަދިމާއަށް ހޭލަމޭލަ ވަމުން ދިޔައެވެ. ކުކުޅުހާލާ، ދޫނިސޫފާސޫފީގެ އަޑައް ރަށުގެ މީހުން އަރާމު ތަންމަތިތައް ދޫކޮށްލުމަށްފަހު އެމީހެއްގެ މަސައްކަތަކާ ދިމާއަށް އެނބުރެމުންދާ ދިއުމަކީ އެސޮރުމެންގެ އެއަޑަކީ އިންސާނުންނަށް ރޭގަނޑުގެ ކަނު އަނދިރިކަމަށްފަހު އިރުއަރަނީކަން އަންގައި ދިނުމަށްޓަކާ މާތްﷲ ގެ އަމުރުފުޅަށް ލައްވާފައިވާ ހިކުމަތެއްކަމީ ޝައްކެއްވެސް ހުރިކަމެއް ނޫނެވެ.

މިހައިރާން ކުރުވަނިވި އެހެނަސް ހިތްގަމު މަންޒަރު ދެކިލުމަށްޓަކާ ރަށުގެ އުތުރުފަރާތުގަ ހަދާލާފައިވާ ހޮޅުއައްޓެއްގާ މަޑުކޮށްލައިގެން ޒަޔާން އިނެވެ. ރާއްޖެތެރޭ ރަށްރަށުގެ ހިތްގައިމު މަންޒަރު ތަކުގެ ވާހަކަ ތަކަކީ މީގެކުރިން ޒަޔާންއަށް ފެނިފަނުވާ މަންޒަރަކަށްވިޔަސް މީހުންގެ ވާހަކަތަކުންނާ ، ޚިޔާލީ ވާހަކަތަކުން އެމަންޒަރު ތަކަކީ ހިތްގައިމު މަންޒަރު ތަކެއްކަން ޒަޔާންގެ ހިތައް ވަނީ ސިފަކުރެވިފައެވެ. ޒަޔާންއަކީ މާލެއަށް އުފަން ކުއްޖަކަށް ވުމާ، އުޅެން ޖެހުނު ހާލުން ރާއްޖޭގެ އެއްވެސް ރަށަކަށް އައުމުގެ ނަސީބުލިބުނުމީ ފުރަތަމަ ފަހަރެވެ. އަދި އެވެސް ކުއްވެރިއެއްގެ ގޮތުގައެވެ.

މަންޒަރަކީ ކިތަންމެ ހިތްގައިމު މަންޒަރަކަށްވިޔަސް ޒަޔާންގެ ހިތަކަށް ކުޑަނަމަވެސް ފިނިކަމެއް ނުލިބެއެވެ. މީހަކު އާދޭތޯ އެކި ދިމަ ދިމާއަށް ބެލެނީއެވެ. ބިރުންނެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން އިންތިހާއަށް ފެންނާން ހުއްޓެވެ. ވާނީވެސް އެހެންތާ އެވެ. ޒަޔާން އެރަށަށް އައިތާ ހަފްތާއެއްވާން ކައިރިވަނީއެވެ. ނަމަވެސް އެރަށަށްއައި ފުރަތަމަ ދުވަހު ކަންތައްވީގޮތް ދެންމެވީކަމެއްހެން ޒަޔާންގެ ހިތުގާވަނީ ބިންވަޅު ނެގިފައެވެ. އެދުވަހު އޭނާއަށް އަމާޒުވި ނަފްރަތުގެ ބަސްތަކެވެ. އޭނާ ބަހައްޓާލާނެ ގެއެއް ނުވެގެން ރަށުގެ ބޮޑުކަތީބު ހާދީބެ އެކިމީހުންކާރީ ކުރި އާދޭސް މަތިން ހަނދާންވުމުން މިހާރުވެސް ޒަޔާންގެ ލޮލުން ކަރުނައާދެވެ. ޒަޔާން ބަހައްޓާލާނެ ގެއެއް ވޭތޯ ރަށުގަ ހާދީބެ ޓަކިނުޖަހާ އެންމެ ދޮރެއްވެސް ނުހުންނާނޭ ބުނެވިދާނެއެވެ. " ތިޔައީ މަސްތުވާ ތަކެތި ބޭނުންކުރާ ކުއްޖެއް... އަމިއްލަ ބަފާ ހަލާކުގެތެރެއަށް އެއްލާލާފައިވާ ވިޔާނުދާ ކުއްޖެއް..... ތިޔަ ކުއްޖާ މިގޭގަ ބަހައްޓައިފިނަމަ މިގޭ ކުދިންކޮޅުވާނީ ހަލާކު.... އަވަހަށް މިރަށުން ބޭރުކުރޭ...." މީއެމީހުންގެ ބަސްމަގު ހުރިގޮތެވެ. ނުވިތަނަކަށް ހާދީބެއާ ދިމާއަށްވެސް އެތައް އެއްޗެއްގޮވިއެވެ. ރާއްޖޭގެ ކޮންމެ ތަނަކުން ގޯސްކަމެއްކޮށްގެން މީހަކު އަރުވާލާނަމަ ކަލޭމެން މިރަށަށް އެމީހަކު ތިޔަ ގެންނަނީ މީފަހެ ކުއްކުރާމީހުން އިސްލާހު ކުރުމަށް ހަދާފައިވާ އިސްލާހިއްޔާއެއްތޯ ހާދީބެއާ ސުވާލު ކުރަމުން ދިޔައެވެ.

މިއުނދަގޫ ވަގުތުގައި ކެތްތެރިކަމާއެކު ހާދީބެ އެމީހުނާ ޖަވާބުދާރީ ވަމުންދިޔައެވެ. ކުއްކުރާ މީހުނަކީ މުޖުތަމައުން އެކަހެރި ކުރަންޖެހޭ ބައެއްނޫންކަމާ، އެމީހުނަށް އަދަބު ދިނުމުގެ ގޮތުން ޤާނޫނުގައި އޮންނަނީ އަރުވާލުން ކަމަށްވާތީ އެކަން އެގޮތައް ކުރަނީ ކަމަށް ބުނަމުން ދިޔައެވެ. އަދި އެރަށަށް މީހުން ފޮނުވަނީ ރަށުއޮފީހުން އެދިގެން ނޫންކަމާ ، ސަރުކާރުން އަންގާ ކަމެއް ކުރުމަކީ އޭރަކު ހުންނަ ވެރިއަކަށް ކުރަންޖެހޭ ކަމެއްކަން އަންގައިދިނެވެ. އަދި ކުށެއްކޮށްގެން ފޮނުވާލާ މީހުން ރަށުގެ ވެރިންގެ ގޭގޭގަ ބޭތިއްބުމުގެ ހުއްދައޮންނަ ނަމަ މިކުއްޖާ ބަހައްޓާނީ އަހަރެންގެ ބެލުމުގެ ދަށުގައޭކިޔާ އެތިވަރު ގޮވަމުން ދިޔަހަނދާން ދެންމެ ހިނގާދިޔަ ކަމެއްހެން ޒަޔާންގެ ހިތުގާ ވަނީ ބިންވަޅު ނެގިފައެވެ. އެތައް މަސައްކަތަކުން ޒަޔާން ހުރެލާނެ ތަނެއް ލިބުނީ ހާދީބެގެ ހިތްހެޔޮ ކަމުންނެވެ. އެހެންނޫންނަމަ ޒަޔާން ދާން ޖެހުނީހީ އެހެން ރަށަކަށެވެ. އެހެން އެކަންވީނަމަ އެރަށަކުން އޭނާއަށް ދިމާވާނީ ކޮންފަދަ މުސީބާތަކާކަމެއްވެސް އެނގެނީއަކީ ނޫނެވެ. އެހެންކަމުން ޒަޔާން ހާދީބެއަށް ޝުކުރުއަދާކުރިއެވެ. ޒަޔާންވެސް ބޭނުންވަނީ ޖަލުގައޮވެ އޭނާގެ ހުކުމް ތަންފީޒުކުރާށެވެ. ނަމަވެސް އެދުވަސްވަރަކީ އެންމެ ބޮޑެތި ކުއްކުރާމީހުންވެސް އަރުވާލުން ކަމަށްވާތީ ޒަޔާންއަށްވެސް އެކަން އެގޮތައް ދިމާވީއެވެ. އެހެނެއްކަމަކު ކުއްވެރިވެގެން އަދަބު ދިނުމަށް ރަށަކަށް ފޮނުވާލުމުން އެމީހުނަށް އެދިމާވާ ހިތްދަތިކަމާ، ތަކުލީފް އަދި ގަންނަންޖެހޭ ލަދު ސަރުކާރުގެ ކަމާބެހޭ ފަތާރްތަކަށް އެނގޭނެ ނަމައޭ ޒަޔާންގެ ހިތައް އެރިއެވެ.

ކަންތައް ދިމާވިގޮތުން މިއަދު އޭނާވަނީ ދުނިޔެމަތިން ވެސް ފޫހިވެފައެވެ. އެއްވެސް ކުށެއްނެތި އެވަރުގެ ބޮޑު ތުހުމަތެއްކޮށް މިއަދު އޭނާއެވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް އަރުވާލެވިފައެވެ. މިމުއްދަތުގަ ޖަލުގެ ކުޑަގޮޅީގެ ތެރޭ އޮންނަން ޖެހުނުނަމައޭ ޒަޔާންގެ ހިތައް އެރިއެވެ. މީކޮންފަދަ އިމްތިހާނެއްހެއްޔެވެ.. މިމުސީބާތް ކުރިމަތިވުމުގެ ކުރިން އޭނާ މަރުވިނަމައޭ ހިތައްއަވާވަރު ބުނެދޭންވެސް ނޭނގެއެވެ. ދުނިޔޭގެ އެންމެން ޒަޔާންއަކީ ކުއްވެރިއެކޭ ބުނިކަމަށްވިޔަސް އޭނާގެ ޒަމީރު އެކަމަށް އެއްބަހެއް ނުވާނެއެވެ. އޭނާ އަކީ ކުއްވެރިއެއްނޫނެވެ، އޭނާ ކުށެއް ނުކުރެއެވެ. އޭނާއަށް ލިބެމުން އެދަނި ހައްގު އަދަބެއް ނޫނެވެ. މާތްﷲގެ ރަޙުމަތާއެކު ޒަޔާން އަކީ ކުއްވެރިއެއް ނޫންކަން ދުނިޔޭގެ އެންމެނަށް ހާމަވާނެއެވެ. ކެތްތެރިކަމެއްނެތި ޒަޔާން އިންތިޒާރު ކުރަމުން އެދަނީ އެދުވަހަކަށެވެ. ﷲ އޭނާގެ ދުއާ އިޖާބަ ކުރައްވާނެއެވެ.

ޚިޔާފާ ފިކުރުގެ ތެރެއަށް ގެއްލިފާ އިނދެވުނުވަރު އިރުއަރާ ޒަޔާންގެ ގަޔައް އަވިއެރިއިރުވެސް އޭނާއަކަށް ހޭވެރިކަމެއްވިހެނެއް ހިއެއް ނުވެއެވެ. މީހަކު އޭނާގެ ގައިގާ ކޮއްޓާލުމާއެކު ސިހިފާ ބަލާލިއެވެ. އެވަގުތު ފަހަތުގާހުރި ހާދީބެ ފެނިފާ ޒަޔާންގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ފެނުނުނެވެ. އަވަސް އަވަހަށް މޫނު ފޮހެލީ އެދެލޮލުން ފައިބަމުންދިޔަ ދިޔަ ކަރުނަތައް ހާދިބެއަށް ފެނިދާނެތީއެވެ. ނަމަވެސް ހާދީބެ ޒަޔާންގެ ދެއަތުގާ މަޑުމަޑުން ހިފާލިއެވެ. އަދި ޒަޔާންގެ ލޯކާރީގަވާ ކަރުނަތައް ފޮހެލުމަށްފަހު ހޮޅުއަށީގައި ބޭންދިއެވެ. އަދި އޯގާވެރިކަމާއެކު ޒަޔާންގެ ބޮލުގާ ފިރުމާލިއެވެ. " ބޭބެކާރީ ބުނީމެއްނު ދެން ނުރޯނަމޭ... އެކަމަކު މިހާރުވެސް ތި ރޮނީއެއްނު....ބޭބެ ބުނީމެއްނު ކެތްކުރަންވާނޭ... ހިތްވަރުކުރަންވާނޭ.... " ހާދީބެގެ އޯގާވެރިކަމާ ހިތްހެޔޮ ބަސްތަކުގެ އަޑު އިވުމުން ޒަޔާންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އަޑުފަޅާ ރޮވެނީއެވެ. ގިސްލެވެނީއެވެ. މީއޭނާ ބޭނުންވި ގޮތެއް ނޫނެވެ. އެހެނެއްކަމަކު އިންސާނަކަށް ކެތްކުރެވޭނީ ވަކިމިންވަރަކަށެވެ. ހާދީބެގެ ހިތުގާ ޒަޔާން އަށް އޮތްލޯތްބާއި ހަމްދަރުދީ އެނގުނީމަ ޒަޔާން ކެތް ނުކުރެވުނީއެވެ. އެފަދަ އެހީތެރިކަމަކަށް އެދި ޒަޔާންވަނީ ކެތްމަދުވެފައެވެ.

ޒަޔާން އަށް ކޮށްފައިވާ އަސަރު ފެނުމުން ހާދީބެގެ ލޮލުންވެސް ކަރުނަ އައެވެ. އެނިކަމެތި ކުއްޖާއަށް ދިމާވެފައިއެވަނީ ކޮންފަދަ މުސީބާތެއްބާއޭ ހާދީގެ ހިތައްއެރިއެވެ. އަދި އެކުއްޖާ އަށް ދިމާވެފައިވާ ކަންތައް އޮޅުން ފިލުވާލުމުގެ ގޮތުން ހާދީބެ ޒަޔާންއާ އެތައް ސުވާލެއް ކުރަމުން ދިޔައެވެ. މައިން ބަފައިން ކޮބާތޯއެވެ. މިވަރުގެ ކަމެއް ހިނގާ ދިޔައިރު އަޅާލާނެ އާއިލާ މީހަކުވެސް ނެތީތޯ ސުވާލު ކުރިއެވެ. ހާދީބެސުވާލު ކުރަން ފެށުމުން ޒަޔާން އަށް ވަކިން ބޮޑަށް ރޮވިއްޖެއެވެ. ހާދީބެގެ ކޮންމެ ސުވާލަކަށް ވަކިވަކިން ޖަވާބުދޭން ޒަޔާން ބޭނުންވިއެވެ. ނަމަވެސް އޭނާގެ އެހިތްވަރު ނެތީއެވެ. އޭނާގެ ހިތައް ލިބިފައިވާ ހިތްދަތިކަމުގެ ބޮޑުކަމުން އެއްޗެކޭ ބުނެވޭވަރު ނުވަނީއެވެ. ނަމަވެސް ޒަޔާން ބޭނުންވަނީ އޭނާގެ ހިތިމާޒީ ހާދީބެއަށް ދިޔާދޭށެވެ. މިހުރިހާ ދުވަހު ހިތުގާ ފޮރުވައިގެ ހުރި ހާވަކަތައް ކޮންމެވެސް މީހަކަށްކިޔާދިނުމުން ނޫނީ އޭނާގެ ހިތައް ތަސައްލީއެއް ނުލިބޭނެކަން އެނގޭތީއެވެ. އެތައް މަސައްކަތަކުން ޒަޔާން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.... ފޮރުވިފައިވާ އޭނާގެ ހިތިމާޒީގެ ފަތްފުއްތައް ހުޅުވާލުމަށްފަހު ފަހަރަކު ގަނޑެއް އެއްލަމުން ދިޔައެވެ.

އަހަރެންނަކީ މާލެއަށް އުފަން މާލޭ ކުއްޖަކީމެވެ. އަހަރެންގެ މަންއަކީ މާލޭ ގެދޮރު ހުރި ދެމަފިރިއަކަށް ލިބިފައިވާ ދަރިއަކަށްވިޔަސް ދުނިޔޭގެ ޙަޔާތަކީ މަންމައަށް ވަރަށް ހިތި ހިތާމަތަކެއް ކުރިމަތިވި ތަނެކެވެ. އުފަންވިއިރުވެސް މަންމައަކީ ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ މީހަށްވާތީ އާއިލާމީހުންގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި، އަޅާލުމުން މަންމަވަނީ މަހްރޫމްވެފައެވެ. އެމީހުން ދެކޭގޮތުގަ މަންމައަކީ ބަދުނަސީބުވެރިއެކެވެ. މާމަޔާ، ކާފަވެސް މަންމަޔާ އެހެންކުދިންނާ ވަރަށްބޮޑަށް ތަފާތުކުރެއެވެ. އެކަމުގެ ނަތީޖާއަކީ ކުޑައިރުންސުރެ މަންމައަކީ އެކަނިވެރި ދިރިއުޅުމަށް ލޯބިކުރަމުންދިޔަ މީހެކެވެ. މަންމަގެ އާއިލާއަކީ މާމުއްސަނދި އާއިލާއަކަށް ނުވިޔަސް ފުދިގެން އުޅޭ އާއިލާއެކެވެ. އެހެންނަމަވެސް އެފުދުންތެރިކަމުން އެއްވެސް އިރެއްގަ މަންމައަށް ފައިދާއެއް ނުކުރެއޭވެސް ބުނެވިދާނެއެވެ. މާމަ ނިޔާވުމާއިއެކު އާއިލާގައި ދެންތިބި 4 ކުދިން އަވަސް ވެގަތީ ގޯތި ފޮތިފޮތި ކޮށްލުމަށްފަހު އެމީހެއްގެ ބައި އެމީހަކު އަމިއްލަ ކޮށްލުމަށެވެ. މަންމައަށް ބައެއް ދިނީ އެނޫންގޮތެއް ނެތިގެންނެވެ. އެގޯތިން ލިބުނު ތަންކޮޅު ފިޔަވައި އެމީހުންގެ މުދަލުން މަންމައަށް ޒައްރެއްގެ މިންވަރުވެސް ނުލިބުނެވެ.

އަހަރެންގެ މާމަ ނިޔާވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކާފަވެސް ވަރަށްބޮޑަށް ބަލިވިއެވެ. ކާފައަށް ޖެހުނީ ވާގިނެގޭ ބަލިކަމުން އެތައް ދުވަހަކު ބޭސްކުރުމަށްފަހުވެސް ކާފައަށް މުޅިން ހިނގޭވަރެއް ނުވިއެވެ. އެހެންކަމުން ކާފަގެ ބައްޔަށް ދިވެހިބޭހެއް ހެދުމަށްޓަކާ ރާއްޖެތެރޭ ރަށަކުން މީހަކު ގެނައެވެ. އެމީހާ މާލެއަށް އައިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުޅިގޭތެރެ ފަތަހަކޮށް އާއިލާގެ މީހުންގެ ހުރުން ހޯދާލީ ފަސޭހަކަމާއެކުގައެވެ. އޭނާގެ މަގުސަދާހަމައަށް ވަރަށް އަވަހަށް ވާސިލްވިއެވެ. އެމީހާއަކީ ކާކުތޯ ކިހިނެއް އުޅޭ މީހެއްތޯ ވެސް ބަލާނުލާ މަންމަ އަށް އެމީހާއާ ކައިވެނި ކުރުމަށް މަޖުބޫރު ކުރިއެވެ. މިކަމާ މަންމަ ވަރަށް ދެކޮޅު ހެދިއެވެ. މަންމައަކީ ވާހަކަ ނުދެއްކޭ މަންމަން މީހަކަށް ވިޔަސް ﷲ ގެ ރަޙުމަތުން ހިއްސުތައް ހުރީ ސަލާމަތުން ކަމަށްވާތީ އެކިގޮތް ގޮތުން އެކައިވެނި ނުކުރުމަށް ގަދަ ހަދަމުން ދިޔައެވެ. އެމިހާއަކީ މަންމައަށްވުރެ އެތައް އަހަރެއް ބޮޑު މީހަކަށްވާތީ އެކަމާ ދެކޮޅުހަދާ ގޭމީހުންކާރީ އެތައް އާދޭހެއް ކުރިއެވެ. ނަމަވެސް މަންމައަކީ ނުކުޅެދޭ މީހަކަށްވުމާއިއެކު މަންމަ ބަލާނެ މީހަކު މަންމަ ހޯދަންޖެހޭނެކަމާ، އެމީހުނަށް އަބަދަކު މަންމައެއް ނުބެލޭނޭކިޔާ މަންމައަށް އެތައް އިންޒާރެއް ދެމުން ދިޔައެވެ. އަދި މަންމަ އެމީހާއާ ކައިވެނި ނުކޮށްފި ނަމަ މަންމައަށް އެއްވެސް ޚަރަދެއް ނުކުރާނެކަމަށް ބުނެ ދެއްކި ބިރުތަކަށް މަންމައަށް ޖެހުނީ އެމީހާއާ ކައިވެނި ކުރާށެވެ.

ބޭބެ... ބޭބެއަށް އެނގޭތަ އެމީހާއަކީ އަހަރެންގެ ބައްޕަ...އެއީ އަހަރެންގެ ބައްޕައަށް ވިޔަސް އޭނާގެ ހިތުގަ އިންސާނިއްޔަވަންތަ ކަމުގެ ކުޑަވެސް އަސަރެއް ނެތެވެ. ގެދޮރުގެ ދަހިވެތި ކަމުގަ މަންމައާ ކައިވެނިކޮށް މަންމަގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލިއެވެ.ކައިވެނީގެ ކުރީކޮޅު ބައްޕަ ގެފަރާތުން އެހާގޯސް ކަމެއް ނުފެންނާތީ ކިތަންމެ ނުރުހުނަސް ބައްޕަ ބުނިގޮތެއް ހަދައިގެން މަންމަ އުޅެމުން ދިޔައެވެ. އެދުވަހު އެނޫންގޮތެއް މަންމައަށް ނެތުމާއެކުވެސް މެއެވެ. ނަމަވެސް ކައިވެންޏައް 2 އަހަރު ވިއިރު މަންމަ އަށް އަހަރެން ލިބިއްޖެއެވެ. ދަރިއެއް ލިބުމާއިއެކު ބައްޕަގެ އުޅުމަށް ބަދަލު އަންނަން ފެށިއެވެ. އަދި މަންމައަށް ލިބިފައިވާ ބިންކޮޅުން ބައެއް ނޫނީ އެބިންކޮޅު އެއްކޮށް ބައްޕައަށް ރަޖިސްޓްރީ ކޮށްދިނުމަށް ބައްޕަ އެދެމުން ދިޔައެވެ. އަހަރެންގެ މަންމައަކީ ނުކުޅެދޭ މީހަކަށްވިޔަސް މާތްﷲގެ ރަހުމަތުން އެމަންމަގެ ހިތަކީ ނުކުޅެދޭ ހިތަކަށްނުވާތީ ބައްޕަގެ އެ އެދުމަށް ދެކޮޅު ހަދަމުން ދިޔައެވެ. މަންމަގެ ދެކޮޅު ހެދުންތަކުގެ ސަބަބުން ބައްޕަގެ އަނިޔާވެރިކަން ހައްދު ފަހަނާއަޅާ ދިޔައެވެ. އަދި ބައްޕަ މަންމައާއި ކައިވެނިކުރީ ކުރީ އެއްގޮތަކަށް ވެސް ކުރަން ބޭނުންވެގެންނޫންކަމާއި، މަންމައާއި ކައިވެނި ކޮށްފިނަމަ މަންމައަށް ލިބިފައިވާ ބިންކޮޅު ރަޖިސްޓްރީ ކޮށްދޭނެކަމަށް މަންމަގެ ތިމާގެ މީހުން ބުނުމުން ކަމަމަށް ބައްޕަ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެހެނަސް އެކަމަކީ މަންމައަށް އެނގުމަކާނުލާ ނިންމާފައިވާ ނިންމުމަކަށްވުމާއެކު މަންމަގެ ދަރިފުޅުގެ ހައްޤުގަ އެކަން ނުކުރާނެ ކަމަށް މަންމަ ބުނަމުން ދިޔައެވެ.

ހާދީބޭ... އަހަރެންގެ މަންމައަކީ ހާދަހާ ހިތްވަރުގަދަ މަންމައެކޭ.... އެމަންމަ މިދަރިފުޅައްޓަކާ ނުވަނީ ކޮންގުރުބާނީއެއްހެއްޔެވެ. އަހަރެން އެހާކުޑައިރުވެސް މަންމަ އަހަރެންނާ ދޭތެރޭ ހާދަވަރަކަށް ވިސްނިއެވެ. ތިމާގެ އަމިއްލަ ދަރިއަކަށް ލިބެންޖެހޭ ބިންކޮޅެއްގެ ދަހިވެތިކަމުގަ ބައްޕަ މަންމައަށް އެވަރަށް އަނިޔާކޮށް އެވަރުން ނުވެގެން މަންމަގެ ކުރިމަތީގައި ގެއަށް ހިލޭ އަންހެނުން ވައްދައިގެން ރޭގަނޑުދާ ހަތަރުދަމު ނާޗަރަންގީ ކުޅެމުން ދިޔައިރު އެނިކަމެތި އަންހެނާއަށް ކިހާ ވޭނެއް އަޅާފަ އޮންނާނެ ހެއްޔެވެ. މަންމަގެ ހިތައް ކުރާ އަސަރު ބޮޑުވެގެން އަމިއްލަ ހަށިގަނޑަށްވެސް އަނިޔާ ދެމުން ދިޔައެވެ. މިވަރުވެގެންދިޔައިރު އަހަރެންގެ ބައްޕަގެ ހިތައް އަސަރު ނުކުރީ ބައްޕައަކީ އިންސާނަކަށް ނުވާތީއެވެ. އާނއެކެވެ..... އެނާއަކީ އިންސާނެއްނޫނެވެ. އެހެންނޫންނަމަ ކުށެއް ނެތް އިންސާކަނަށް އެވަރުގެ އަނިޔާއެއް ނުދޭނެއެވެ. އަމުދުން އެމީހާއަކީ ތިމާގެ އަނބިމީހާއައްވީތީއެވެ. އަލަތު ދަރިފުޅުގެ މަންމަ ކަމަށްވީތީއެވެ......

ވާހަކަ ދައްކަމުން ދައްމުންގޮސް ޒަޔާންއަށް ރޮވުނެވެ. ޒަޔާންގެ ހިތްދަތި މާޒީގެ އަޑުއަހާލުމުން ހާދީބެއަށްވެސް ރޮވުނެވެ. ޒަޔާންގެ ބޮލުގާ ފިރުމާލުމަށްފަހު އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާދިނެވެ. ދަރިފުޅާ.... ދެރަނުވޭ..... ބޭބެ ވަރަށް ދެރަވެއްޖެ..... ކޮއްކޮކާރީ އެވާހަކަ އެހުނީތީވެސް ބޭބެ ނުހަނު ދެރަވެއްޖެ..... ﷲ އިރާދަ ކުރެއްވިއްޔާ ބޭބެ ކޮއްކޮއަށް އަޅާލާނަން.... އަދި ކޮއްކޮމެ ނިކަމެތި މަންމައަށްވެސް އަޅާލާނަން.... އެމަންމަ ކޮއްކޮއާ ހަމައަށް ގެނެސް ދިނުމުގައި އެހީވާނަން.... ހާދިބެގެ ހެޔޮކަމާ... އެނާގެ ފަރާތުން ލިބުނު އޯގާވެރިކަމުން ޒަޔާން ވަރަށް އުފާވިއެވެ. ނަމަވެސް އޭނާގެ މަންމަގެ ވާހަކަ ބުނުމުން މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވެގެން ދިޔައެވެ...

ބޭބޭ.... ބޭބެ ކިހިނެއް އަހަރެންގެ މަންމަ ގެންނާނި..... އަހަރެންގެ މަންމަ ދެން ދުވަހަކުވެސް ނުގެނެވޭނެ.... އެމަންމައަށް ލިބުނު ހިތާމަޔާ ހިތްދަތިކަމަށް ކެތް ނުކުރެވިގެން ރޮވެހޭރުނުތަން އަހަރެން ދެކުނިން.... އަމިއްލަ ގައިގާ ތަޅާ ނުކައި ނުބޮވެ ބަލި އެނދުގާ އެތައް ދުވަކު އޮތުމަށްފަހު އެފަކީރު މިފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔައީ...... މަންމަ ނިޔާވިތާ މާގިނަ ދުވަހެއް ނުވެ ބައްޕަ ދެވަނަ ކައިވެންޏެއް ކުރިއެވެ.. އެހިސާބުން އަހަރެންގެ ހަޔާތުގައި އަނެއްކާވެސް އާބާބެއް ހުޅުވިގެން ދިޔައެވެ. ދޮންމަންމަގެ ނުރުހުމާއި ނަފްރަތުން ފުރިގެންވާ ބަސްތަކުން އަހަރެންގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ގްރޭޑް 10 ނިންމާލުމުން އިތުރަށް ކިޔަވަން އަހަރެން ކުރިމަސައްކަތް ދޮންމަންމަގެ ސަބަބުން ނާކާމިޔާބު ކޮއްލިއެވެ. އިތުރަށް ކިޔަވަން ބޭނުންވެގެން ދެއްކި އެއްވެސް ވާހަކައެއް ބައްޕަ ޤަބޫލެއް ނުކުރިއެވެ. ބައްޕަގެ ހުރިހާވެސް ޝަކުވާއަކީ މަންމަގެ ގެއިން ބައްޕައަށް ބައެއް ހިބަކޮށް ދިނުމަށެވެ. ނަމަވެސް އަހަރެން އެކަމަކަށް އެއްބަހެއް ނުވަމެވެ. ސަބަބަކީ އަހަރެންގެ މަންމަ ރޮވެރޮވެފާ އެކަން ނުކުރުމަށް ކުރަމުންދިޔަ އާދޭހުގެ އަޑު އަހަރެންގެ ކަންފަތުން ކެނޑޭ އެއްވެސް އިރެއް ނުދާތީއެވެ.

އަހަރެންގެ މަންމައާމެދު ބައްޕަ ކަންތައް ކުރި އިހާނެތިގޮތާ، ބައްޕަގެ މަޖުބޫރު ކައިވެނީގެ ވާހަކަ އަވައްޓެރިން އަހަރެންނަށް ކިޔާދެމުން ދިޔަވަރަކަށް ބައްޕައަށްޓަކާ އަހަރެންގެ ހިތުގާ އުފެދެމުންދިޔަ ނަފްރަތުކަން އިންތިހާއަށް ދިޔައީބޮޑުވަމުންނެވެ. އޭރު ކުޑައިރު އެކަންކަން އަހަރެންނަށްނޭނގުނަސް ބޮޑުވަމުން ދިޔަވަރަކަށް ހުރިހާކަމެއް އަހަރެނނަށް ދިޔައީ އެނގެމުންނެވެ. .. މަންމަ ހާދަވަރަކަށް ރުޔެވެ. އަހަރެންގެ ހިތައް އެރި އަހަރެންގެ މަންމަގެ އާއިލާ މީހުންގެ ހިތަކީ ހިލައިން ހައްދަވާފައިވާ ހިތްތަކެއްހެއްޔެވެ. އަހަރެންގެ މަންމައަކީ ނުކުޅެދޭ މީހަކަށްވިޔަސް ގައިމު އެއިންސާނާގެ ހިތަކީ ސަލާމަތުން އޮތް އެއްޗަކަށްވާ އިރު އެހިތް ފަޅައިގެން ނުގޮސް ހުރިކަން ހާދަރަނގަޅެވެ.

ހާދީބެއަށް އެނގޭތަ ..... އަހަރެންގެ ބައްޕަ އިތުރު ކައިވެންޏެއް ކުރުމުން އަހަރެންގެ ދިރިއުޅުން ބަރުބާދުވިއެވެ. އަމިއްލަގޭގައި އަހަރެން ބީރައްޓެހިވިއެވެ..... އެކަނިވެރިކަން އަހަރެންގެ ދިރިއުޅުން ވަށާލިއެވެ. އަހަރެން ކޭތޯ ނުކޭތޯ ބަލާލާނެ މީހަކުވެސް އެގޭގަ ނެތެވެ. އަވައްޓެރިއެއްގެ ފިހާރައިގަ ވަޒީފާ އަދާކޮއްލުމުން ލިބޭ މަދު ފައިސާކޮޅުން އަހަރެންގެ ދިރިއުޅުމުގެ ޚަރަދުތައް ކުރަމުން ގެންދިޔައީމެވެ. އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް އުނދަގުލެއް ނުވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް މިވަރުންވެސް އަހަރެންގެ ދޮންމަންމަގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. އަހަރެންގެ ދިރިއުޅުން ބަރުބާދު ކޮއްލުމައްޓަކާ އެތައް ރޭވުންތަކެއް ރާވަމުން ދިޔައެވެ. ދޮންމަންމަގެ މަގުޞަދަކީ އެގެއިން އަހަރެން ބޭރުކޮށްލުން ކަމަށްވާތީ އަހަރެންވެސް މަސައްކަތްކުރީ އެހެންގޮތެއް ފެނޭތޯއެވެ. ސަބަބަކީ އަހަރެންގެ ސަލާމަތާއި ރައްކާތެރިކަމަށްއޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާތީއެވެ.

އަހަރެންގެ ދިރިއުޅުމަށް ކުރިމަތިވަމުންދިޔަ އުނދަގޫތަކާއި، ހިތްދަތި ބަސްތަކަށް ކެތްނުވެގެން އަމިއްލަގެ ދޫކޮށްލުމަށްފަހު ރައްޓެއްސެއްގެ ގެއަށް ދިރިއުޅުން ބަދަލުކޮށްލަން އަހަރެން ނިންމީމެވެ. އެހެންނަމަވެސް މާލަސްވީއެވެ.... އަހަރެންގެ ދޮންމަންމަގެ ވިސްނުމާއި ބުއްދި މާރަނގަޅެވެ... އޭނާ ރާވާއިފާ ގޮތައް ހުރިހާކަމެއްވެ ނިމުނީއެވެ.

އެރެއަކީ ވަރަށް ވިއްސާރަ ރެއަކަށްވާތީ ފިހާރަ ނިމިގެން ގެއަށް އައިސް އެނދުގައި ޖައްސާލީމެވެ. ބަނޑުހައިކަމާއެކު ވެސް ނިދޭތޯ މަސައްކަތް ކުރީމެވެ. ކިތަންމެ ބަނޑުހައި ވިޔަސް ގެއިން ކާއެއްޗެއް ނުލިބޭނެ ކަން އެނގޭތީ ފިހާރައިން ގެނައި ޕެކެޓާއި، ބިސްކޯދު ބޮނޑި ކާލައިގެން ނިދީއެވެ، . އަހަރެންނައް ހޭލެވުނީ ކޮޓަރީގައި މީހަކު ޓަކިޖަހާތީ އެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު . ފުލުހުންގެ 2 އޮފިސަރަކު ފުލް ޔުނީފޯމްގައި ހުރިތަން ފެނިފާ ހައިރާންކަމާއެކު އަހަރެންނަށް ފަހަތައް ޖެހިލެވުނެވެ. " މިގޭގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިގެން ޗެކްކޮށްލަންވެގެން މިއައީ" އޮފްސަރުގެ ވާހަކަ އަޑުއިވުމާއިއެކު އަހަރެންނަށް ލިބުނު ހައިރާންކަމާއެކު ފަހަތުގަތިބި ބައްޕައާ ދޮންމަންމަގެ މޫނަށް ބަލާލެވުނެވެ. ދޮންމަންމަގެ މޫނުމަތިން ކާމިޔާބުގެ ހިނިތުންވުން ފެނުނުކަމަށްވިޔަސް އެވަގުތު ބައްޕަގެ މޫނުމަތިން ފެނިގެންދިޔައީ އާދަޔާޚިލާފު އަސަރެކެވެ. ދުވަހަކުވެސް އެމޫނުމަތިން ނުދެކޭފަދަ އަސަރެކެވެ.

ހައިރާންކަމާއެކު އެއްފަހަރު ފުލުސް އޮފިސަރގެ މޫނަށް އަނެއްފަހަރު ބައްޕަގެ މޫނަށް ބަލަން އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަހަރަކު ތަނެއް ޗެއްކު ކުރަމުން ދިޔައެވެ. މުޅިކޮޓަރި ބަލާފާސްކުރުމަށްފަހު ބަންދު ކޮށްފައިވާ ކުދިކުދި ޕެކެޓްތަކެއް އޮފިސަރ އަހަރެންނާ ދިމާއަށް ދިއްކޮށްލިއެވެ. ހަމައެއާއެކު ޖެހިގެންހުރިމާހާ ދިއްކޮށްލީ ބިޑިއެކެވެ. މިހުރިހާކަމެއް ހިނގިއިރުވެސް އަހަރެންނަށް އެހުރިގޮތައް ހުރެވުނީއެވެ. ތީ އަހަރެންގެ އެއްޗެއްނޫނޭ ބުނެލާނެ ހިތްވަރުވެސް އަހަރެންގެ ނެތެވެ. ކުއްވެރިއެއްފަދައިން ހުރެވުނީއެވެ. ކިޔަމަންތެރިކަމާއެކު ދެއަތް ދިއްކޮށްލެވުނީ އަމިއްލަ ގެއަށްވުރެ ޖަލުވެސް ސަލާމަތާއި ރައްކާތެރިކަމައްޓަކާ އަހަރެންނަށް މާރަނގަޅުވާނޭ އިހްސާސް ކުރެވުމުންނެވެ. ބައްޕަމެންގެ ކުރިމަތިން އަހަރެން ގޮވައިގެން ދިޔައިރު ނިކަން ފަރުވާތެރިކަމާއެކު އެދެލޮލައް އަހަރެން ބެލީމެވެ. ބައްޕަޔާ އަހަރެންގެ 4 ކަޅި ބައްދަލުވި މީ ފުރަތަމަ ދުވަހޭ އަހަރެންނަށް އިހްސާސް ކުވެނުނެވެ. އެދެލޮލުން ފެނުނީ ހިތާމައެވެ. އެމޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އެހަރުކަށި އިންސާނާގެ ދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. ބައްޕަގެ ހަޅޭކުގެ އަޑައް އަހަރެންގެ ދެކާރީތިބި ދެފުލުން ސިހިފާ ފަސްއެނބުރި ބަލާލިއވެ. އެވަގުތު ބައްޕަ ވެއްޓެމުންދާ މަންޒަރު އަހަރެން ދުށީމެވެ. މޮޔައެއްފަދައިން ހަޅޭލަވަނީއެވެ. އަހަރެންގެ ދަރިފުޅު ދޫކޮށްލާށޭކިޔާ ރޮމުންދިޔައެވެ. އޭނާ ކުށެއްނުކުރެއެވެ. ހުރިހާ ކަމެއްވެސް ކުރީ ދޮންމަންމަ ކަމާ، އެކަންކަން އެނގިހުރެ ބައްޕައަށް ފަރުވާކުޑަކުރެވުނީކަމާ ބައްޕައަށް މާފް ކުރުމަށް އެދެމުންދިޔައެވެ. އެދުވަހު ބައްޕައަށް ކުރެވުނު ހުރިހާ ކުށަކަށް އަމިއްލައަށް އިޢުތިރާފް ވިއެވެ.

ބައްޕައަށް ކުރެވިފައިވާ ކުއްތަކަށް މާފަކޮށްދިނުމަށްއެދި އަހަރެންގެ ފައިބުޑުގަ އޮވެ ރޮމުންދިޔައެވެ. ކިތަންމެ ހިތްވަރެއް ކުރިޔަސް އަހަރެންގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ވަގުތުގެ ނާޒުކުކަން ވިސްނުނީވެސް ކަންނޭނގެއެވެ. ކުޑަވަގުތުކޮޅަކަށް އަހަރެންގެ އަތުގާ އެޅުވިފައިވާ ބިޑި ނައްޓާލެވުނެވެ.. އެވަގުތު ގުދުވެލާފަ ބައްޕަގެ ދެކޮނޑުގާ ހިފާލެވުނެވެ. ކުރި އަސަރުން އަހަރެންގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. " އަހަރެންގެ ބައްޕަ އަހަރެންނާ ދޭތެރޭ ކަންތައްތައް ކުރިގޮތް ބައްޕައަށް ހަނދާންކޮށްދިނީމެވެ. ނަމަވެސް އަހަރެންގެ ހިތުގަ ބައްޕައަށްޓަކާ ކުޑަވެސް ނަފްރަތުކަމެއް ނެތްކަމާ، ބައްޕަ ކޮށްފައިވާ ހުރިހާ ކުށަކަށް މާފް ކޮށްފިން ކަމަށްބުނީމެވެ. ނަމަވެސް ބައްޕަ އަށް މިދަރިފުޅު މާފް ކުރިޔަސް ފަރުޖެހެން ނެތްކަމާ، ބައްޕަ މާފަށް އެދެންޖެހޭނީ މަންމަ ކާރިން ކަމަށްވާތީ މަންމަގެ މަހާނަ ކާރިއަށްގޮސް އެމަންމަކާރިން ފާމަށް އެދުމަށް އަހަރެން އެދުނީމެވެ. އަހަރެންގެ ބައްޕަ ކަމަށްވީތީ މާފް ކުރިޔަސް ބައްޕަގެ ހިމާޔަތެއްވުރެ ޖަލުގެ ތޭރިތަކުގެ ތެރެވެސް މިއަދު މާރަނގަޅުކަމަށް އަހަރެން ބުނީމެވެ.

ހަޤީގަތުގަވެސް އެދުވަހު އެޖަލުވެސް އަހަންނަށްވީ އަމާންތަނަކަށެވެ. އަހަރެންގެ ބައްޕައަށް ވިސްނުނީ މާފަހުންނެވެ. ވަގުތުފާއިތުވީފަހުންނެވެ. އަހަރެން ޖަލުބަންދުގަ ވަނިކޮށް ބައްޕަ ނިޔާވިއެވެ. އަހަރެންނަށް އެނގިފައިވާ ގޮތުގަ ބައްޕަ ނިޔާވީ ވަރަށްބަލިވެ އުޅެފައެވެ. ބައްޕައަށް ކަންތައް ކުރެވުނުގޮތް ވިސްނި އެހުރިހާކަމެއް ބައްޕައަށް ދިމާވީ ދޮންމަންމަގެ ސަބަބުންކަން ބައްޕައަށް ޤަބޫލް ކުރެވުނީއެވެ. އެހެނކަމުން ދޮންމަންމަ ގެއިންގެރެލުމަށްފަހު ބައްޕަ އުޅެމުންދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. ނަމަވެސް އެކަން އެގޮތައް ދިމާވީ ބައްޕަގެ ކުށުންނެވެ...

ޒަޔާންގެ ހަޔާތުގެ ހިތިމާޒީ ކިޔާނިމުނުއިރު ހާދީބެއަށް ވަރަށް އަސަރުކުރިއެވެ. ހުއްޓުމެއްނެތި ހާދީބެގެ ލޮލުން ކަރުނަ ބައިބަމުންދިޔައެވެ. ޒަޔާންގެ ގެނެސް ގަޔާކާރިކޮށްލިއެވެ. ޒަޔާން.... ދެރަނުވޭ.... ﷲ އިރާދަކުރެއްވިއްޔާ ޒަޔާންގެ ހަޔާތުގެ ބާކީބައި ހޭދަކުރާނީ އުފާވެރިކަމާއެކުގަ...... ޒަޔާންއަށް ދިމާވި ކަންތަކާ ބޭބެ ވަރަށް ދެރަވެއްޖެ..... ބޭބެ ދެކޭނީ ޒަޔާންއަކީ ބޭބެގެ ދަރިއެއްގެގޮތުގަ...... ޒަޔާން ބުނީ ހަމަ ރަނގަޅަށް..... ޒަޔާންއަކީ ކުއްވެރިއެއްނޫން...... ޒަޔާންއަށް ލިބެމުންތިދަނީ އެހެންބަޔަކު ގަސްތުގަ ޒަޔާންއަށް ދިން އަނިޔާއެއް.... އެއަނިޔާ ދިންމީހުނަށް އެކަމުގެ ސަޒާ ﷲ ދެއްވާނެ.... ޒަޔާން އިތުރަށް އެއްޗެކޭ ބުނާނެ ފުރުޞަތެއް ނުދީ ހާދީބެ ވާހަކަ ދައްކަމުން ދިޔައެވެ. ޒަޔާންވެސް ހުރީ ވަރަށް އުފަލުންނެވެ. އިއްޔެއާ ހަމައަށް ޒަޔާންއަށް ލިބެމުންދިޔަ ހިތާމަތައްމަތިން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ހަނދާން ނެތުނުކަހަލައެވެ. ވާނީވެސް އެހެންތާއެވެ. މައިންބަފައިންނާ، އެއްބަނޑު ތިމާގެ މީހުންގެ ލޯބިން މަހްރޫމްވެފައިވާ ކުއްޖަކަށް ކިތަންމެ ކުޑަ މިންވަރެއްގެ ލޯތްބެއް ލިބުމަކީ އަގުނުކުރެވޭވަރުގެ ކަމެކެވެ. އެހެންކަމުން ޒަޔާންއަށްވެސީހަމަ އެކަހަލަގޮތެކެވެ.ޒަޔާން އެންމެ އުފާވީ އޭނާއަކީ ކުއްވެރިއެއްނޫންކަމަށް އޭނާބުނަމުންދިޔަ ބުނުން އެހެންމީހުން ޤަބޫލްކުރާ ދުވަސް އޭނާއަށް ފެނުނީމައެވެ.. މިއަދުވެސް ޒަޔާން ބުނާނީ ހަމަ އެހެނެވެ. އަހަރެންނަކީ ކުއްވެރިއެއް ނޫނެވެ...

ނިމުނީ

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ފާޠިމަތު ދިޔާނާ / ރޯޝަނީވިލާ އދ، ދިއްދޫ އެވެ. ވާހަކަ ހުށައަޅާދިނީ ނިޝާ ފަހުމީ، ސ.ހިތަދޫ އަސްމާއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 20 ރަމަޟާން 1442 އެވެ.