ޚަބަރު

ޢީދަށްފަހު ސަޢުދީ ޢަރަބިއްޔާގެ ސަރަޙައްދީ ރޮނގުތައް ހުޅުވަނީ


ޢީދަށްފަހު ސަޢުދީ ޢަރަބިއްޔާގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދީ ރޮނގުތައް ހުޅުވާލައި އެ ޤައުމުގެ ރައްޔިތުން ބޭރު ޤައުމުތަކަށް ދަތުރުކުރުމުގެ ޙުއްދަ ދިނުމަށް ނިންމައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގައި މިހާތަނަށް 419،348 މީހުންނަށް ކޯވިޑް-19 ޖެހި 6،979 މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެ ޤައުމުން އެހެން ޤައުމުތަކަށް ދަތުރުކުރުން މަނާކުރިއެވެ. އެއަށްފަހު އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސަރަޙައްދީ ރޮނގުތައް އަލުން ހުޅުވިއެވެ. ނަމަވެސް އޭރު އެ ޤައުމުގެ ރައްޔިތުން ޤައުމުން ބޭރަށް ދަތުރުކުރުން އޮތީ މަނާކޮށްފައެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ދަތުރުފަތުރުކުރުމުގެ ޙުއްދަދިނުމަށް ސަރުކާރުން ވިސްނި ނަމަވެސް އެ ނިންމުންވަނީ ފަސްކޮށްފައެވެ. އޭގެ ފަހުން ފެބްރުއަރީ މަހުގެ ތެރޭގައި 20 ޤައުމެއްގެ މީހުން ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުންވަނީ މަނާކޮށްފައެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާގެ ރައްޔިތުންނާއި ޤައުމުތަކުގެ ޚާރިޖީ މުވައްޒަފުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި އެ މީހުންގެ ޢާއިލާތައް ޤައުމަށް އަނބުރާ އައުމުގެ ފުރުޞަތު ދީފައިވެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ބުނީ ސަޢުދީ ޢަރައްބިއްޔާގެ ރައްޔިތުންގެ ތެރެއިން ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނާއި ދަތުރުކުރުމުގެ މަދުވެގެން ދެ ހަފުތާ ކުރިން ވެކްސިންގެ އެއް ޑޯޒު ޖަހާފައިވާ މީހުންނާއި ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނާއި 18 އަހަރުން ދަށުގެ ކުދިންނަށް މެއި މަހުގެ 17ވަނަ ދުވަހުން ފެށިގެން ދަތުރުކުރެވޭނެކަމަށެވެ.