ޚަބަރު

ރައީސް އިސްކަން ދެއްވަނީ ވަޢުދު ފުއްދެވުމަށް، ނިޒާމް ބަދަލުކުރާކަށް ނޫން: މަބްރޫކް


ނިޒާމު ބަދަލު ކުރުމާއި ގުޅޭ އެއްވެސް މަސައްކަތެއް މިވަގުތު ކުރިއަށް ނުގެންދާކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަމާޒު ހުންނެވީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވިސްނުންފުޅެއް ހުރީ ޤައުމު މިހާރު އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ، ޤައުމުގެ ހާލަތު ރަނގަޅުކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ.

ދައުލަތުގެ ވެރިކަމުގެ ނިޒާމް ބަދަލުކުރައްވާ، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝަޢުޤުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފާޅުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށްވަނީ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގައި ވަނީ ނިޒާމް ބަދަލުކުރެއްވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުންކަމަށެވެ. މަބުރޫކް ވިދާޅުވީ އެ ޖަވާބުން ސަރުކާރުގެ ވިސްނުން ސާފުކަމަށެވެ.

"ރައީސްގެ ފޯކަސް ހުރީ މިކަމަށް ނޫން. ރައީސްގެ ފޯކަސް ހުރީ އިކޮނޮމީ ރިކަވަރީއަށް. ރައީސް ހުންނެވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް."މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމެއްކަމަށްވާތީ މިނިޒާމަށް ބަދަލެއް ގެނެވޭނީވެސް ޢާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ކުރިން ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2023ގެ ރިޔާސީ އިންތިޚާބު ނުބާއްވައި 2024 ގައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.