ޚަބަރު

ލޯފަން ކުދިންނަށް ޤުރުއާން ހިތުދަސްކޮށްދިނުމުގެ ކޯސް ފަށައިފި


ލޮލަށްފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް އަމާޒުކޮށްގެން ޤްރުއާން ހިތުދަސްކޮށްދޭ ކިލާހެއް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ފަށައިފިއެވެ. މިކިލާސް ފެށުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒާހިރު އަލީއެވެ.

މި ކިލާހުގެ މައިގަނޑު މަޤްޞަދަކީ ކްލާހުގައި ބައިވެރިވާ ކުދިންނަށް 2 ނުވަތަ 3 އަހަރުގެ ތެރޭގައި ތަޖްވީދުގެ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ހިތުދަސް ކޮށްދިނުމެވެ.

މިކިލާސްތަކުގައި ކިޔަވައިދެއްވާނީ ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ޚާއްޞަ އުސްތާޛުން ކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މިފަހަރުގެ މިޕްރޮގްރާމްގައި ޖުމްލަ 19 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން 11 ދަރިވަރުންނާއި މާލެއިން 8 ދަރިވަރުންނެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ އޮންލައިންކޮށްނާއި ކެމްޕަހަށް ހާޒިރުވެގެން ކިޔެވޭގޮތަށެވެ. މިކޯހަކީ ޔުނިވަރސިޓީން މުޅިން ހިލޭ ކިޔަވައިދޭ ކޯހެކެވެ. އަދި އޮންލައިންކޮށް މި ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ޚަރަދުތައް އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ފަހިކޮށްދޭނެކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.

މިއީ ލޯފަން ކުދިންނަކީ މުޖުތަމަޢުން ބާކީކޮށްފައިވާ ބަޔެއްގެ އިހުސާސް އެކުދިންނަށްވިޔަ ނުދީ، އެކުދިންނަކީވެސް މުޖްތަމަޢުގައި މުހިންމު ކުދިންތަކެއްކަން އެކުދިންނަށް އިޙުސާސް ކުރުވައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ކޯހެކެވެ.

މިކޯހުން ތަމްރީންވާ ދަރިވަރުންނަކީ މުސްތަޤްބަލްގައި އެކިއެކި ސްކޫލް މަދަރުސާ، މިސްކިތްތަކުގައި ކިޔަވައިދެއްވާ ނުވަތަ އިމާމްވެ ނަމާދު ކުރައްވާނެ ފެންވަރުގެ ފަޚުރުވެރި ދަރިންތަކަކަށް ހެދުމަކީ އަމާޒެއްކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.