ދުނިޔޭގެ ވިޔަފާރި

އެމެރިކާ މީހުންގެ އާމްދަނީއަށް ހެޔޮ ބަދަލުތަކެއް


އެމެރިކާގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަ މިދަނޑިވަޅުގައި އެމެރިކާގެ ޢާންމުންނަށް ލިބެމުން އަންނަ އާމްދަނީވެސް ރަނގަޅުވަމުން އަންނަކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

މާރިޗް މަހު އާންމުންގެ އާމްދަނީއަށް ވަނީ 21.1 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. މިއީ މަހުން މަހަށް ލިބޭ މުސާރައަށް ބަލާއިރު އެންމެ ގިނައިން އާމްދަނީ އިތުރުވި މަސްކަމުގައިވެސް ހިސާބުތަކުން ދައްކައެވެ. އިޤްތިޞާދީ މާހިރުން ލަފާކުރިގޮތާއި ޚިލާފަށް ޓެކްސްއަށް ލިބުނު މުސާރަވެސް ވަނީ 23.6 އިންސައްތައިގެ ކުރިއެރުމެއް ހޯދައި ރެކޯޑް ހަދާފައެވެ.

ޢާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން ދިން ސްޓިމިއުލަސް ޗެކްސް ފަދަ އިނާޔާތްތަކެވެ. އެޤައުމުގައި ވަޒީފާ ނުލިބިފައި ތިބި މީހުންގެ ޢަދަދު މިލިއަނުން ގުނާލެވޭއިރު 8 މިލިއަނަށްވުރެ ގިނަ ވަޒީފާ އަދިވެސް ބޭނުންވެއެވެ. ނަމަވެސް މާރިޗްމަހު އަލަށް އުފެއްދި 916000 ވަޒީފާއާއެކު ވަޒީފާގެ ބާޒާރުވެސް ދަނީ ރަގަޅުވަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ 1.9 ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން މާރިޗްމަހު މެދެތެރޭގައި ވަނީ ކެޓަގަރީތަކަށް ފެތޭ މީހުންނަށް މި ޕެކޭޖް ދީފައެވެ. މިއާއެކު މާރިޗްމަހުގެ ޚަރަދުކުރުން ވަނީ 4.2 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

ޤައުމުގެ މިހާރުގެ އިޤްޠިޞާދާމެދު ޢާންމުން ދެކޭގޮތްވެސް އަންނަނީ ރަގަޅުވަމުންނެވެ. ނަމަވެސް އިޤްޠިޞާދު ރަގަޅުވަމުންދާ ވަރަކަށް ތަކެތީގެ އަގުތައްވެސް ދަނީ މައްޗަށެވެ.