ކުޅިވަރު

ޕޯޗުގީޒް ގްރޯން ޕްރީގެ ކޮލިފައިންގ ގެ އެއްވަނައަށް ބޮޓާސް


ފޯމިއުލަރ ވަން ކާރު ރޭސް ސީޒަންގައި ހިމެނޭ ޕޯޗުގީޒް ގްރޯން ޕްރީގެ ކޮލިފައިންގ މަރސިޑީޒްގެ ވެލްޓަރީ ބޮޓާސް ކާމިޔާބުކޮށްފިއެވެ. ކޮލިފައިންގ ގައި ބޮޓާސް އެއްވަނަ ހޯދީ އެއްޓީމަށް ނިސްބަތްވާ ލުއިސް ހެމިލްޓަން ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ބޮޓާސް ކޮލިފައިންގ ކާމިޔާބުކުރީ ހެމިލްޓަންއަށް ވުރެ ސުމެއް ޕޮއިންޓް ސުމެއް ސުމެއް ހަތެއް ސިކުންތު ކުރިންނެވެ. ކޮލިފައިންގގައި ތިންވަނައަށް ދިޔައީ ރެޑް ބުލްގެ މެކްސް ވަރސްޓަޕެންއެވެ. ކޮލިފައިންގ ގައި އެންމެ އަވަހަށް ބުރެއް ޖަހާފައިވަނީ ވަރސްޓަޕެންއެވެ. ނަމަވެސް އޭނާގެ ކާރު ޓްރެކުން ބޭރުވެފައިވާތީ އެބުރުގެ ނަތީޖާ ބަލައިގެންފައެއް ނުވެއެވެ. ކޮލިފައިންގައި ހަތަރު ވަނަ މަގާމު ހޯދީ ރެޑް ބުލްގެ ސަރޖިއޯ ޕެރޭޒްއެވެ. އަދި ފަސްވަނަ ހޯދީ ފެރާރީގެ ކާލޯސް ސެއިންޒްއެވެ. އަދި ހަވަނައަށް ދިޔައީ އަލްޕައިން ޓީމްގެ އެސްޓެބާން އޮކޯންއެވެ. ހަތްވަނައަށް މެކްލެރެންގެ ލަންޑޯ ނޮރިސް ދިޔައިރު އަށްވަނައަށް ދިޔައީ ފެރާރީގެ ޗާލްސް ލެލަރކްއެވެ.

ރޭހާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބޮޓާސް ބުނީ ރޭހުގެ އެއްވަނައިގައި އޮވެގެން ފެށުމުގެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ. ފުރަތަމަ ދެ ރޭހުގެ ކޮލިފައިންގައި މާ ރަނގަޅަށް ދުއްވިފައި ނުވާކަން ފާހަގަ ކުރަމުން ބޮޓާސް ބުނީ އެކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށެވެ. ހެމިލްޓަން ބުނީ ބޮޓާސް ވަރަށް ރަނގަޅަށް ކޮލިފައިންގ ގައި ވާދަކޮށްފައިވާ ކަމަށާއި ރޭހުގައި މަރސިޑީޒްގެ ދެކާރު ކުރީގައި އޮވެގެން ރޭސް ފެށުމުގެ ފުރުސަތު ލިބިފައިވުމުން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.