ސިއްހަތު

ހަކުރުބަލީގެ ދުވަހާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި


ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ މޫދު ކަސްރަތު
ދުވަސް  ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި
ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. 

ތިން ގަޑިއަރަށް މޫދުގައި ކުރިއަށް
ގެންގޮސްފައިވާ މިހަރަކާތުގައި 300 މީހުން ބައިވެރިވެފައިވާ ކަމަށް ޑައިބިޓީސް
އެސޯސިއޭޝަނުން މައުލޫމާތު ދެއްވައެވެ. ހުޅުމާލޭ ބީޗު ސަރަޙައްދުގައި ކުރިއަށްދިޔަ މި
ހަރަކާތަކީ ދުނިޔޭ ހަކުރު ބަލީގެ ދުވަހާއި ދުނިޔޭގެ މޫދު ކަސްރަތު ދުވަސް
ފާހަގަކުރުމުގެ ގޮތުން ޑައިބެޓީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގްލޯފިޓް
ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.  

ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް
މައުލުމާތު ދެއްވަމުން ޑައިބިޓީސް އެސޯސިއޭޝަނުންގެ ޗީފް އެގެޒެގެޓިވް އޮފިސަރ އާއިޝަތު
ޝިރުހާނާ ވިދާޅުވީ، މި ޙަރަކާތުގެ ބޭނުމަކީ ހަކުރުބައްޔާމެދު އާންމުންގެ
ޙޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބާރުއެޅުން ކަމަށެވެ. 

މޫދު ކަސްރަތު ޕްރޮގްރާމް އިންތިޒާމްކުރި
ގްލޯފިޓްގެ ލެފްޓިނެންޓް ޖެނެރަލް އަލީ މުއާޒު ވިދާޅުވީ، މިއީ ދުނިޔޭގެ މޫދު ކަސްރަތު
ދުވަސް ރާއްޖޭގައި ފާހަގަކުރެވުނު ފުރަތަމަ ފަހަރު  ކަމަށާއި މި ހަރަކާތަށް އާންމުންގެ ބޮޑު
ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. 

ހެނދުނު ނުވައަކުން ފެށިގެން މެންދުރު ބާރަ ޖެހުމާ
ހަމަޔަށް މޫދުގައި ކުރިއަށް ދިޔަ މިހަރަކާތުގައި  އެކި މުއައްސަސާތަކުންނާއި، އުމުރުން ދުވަސްވީ
މީހުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. 

ޑައިބެޓީސް އެސޯސިއޭޝަނުން ދަނީ ރާއްޖޭގައި ހަކުރު
ބަލީގެ މީހުންގެ އަދަދު މަދުކޮށް، ހަކުރު ބައްޔާމެދު އާންމުން ޙޭލުންތެރިކަން
އިތުރުކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.