ޚަބަރު

ގޮވާމުން ޒަކާތް ނެގުމުގައި އުޅޭ ދަރުމަވެރިއަކަށްް ވާން އެދެންތަ؟


މި އަހަރު ގޮވާމުގެ ބާވްތަކުން ފިތުރު ޒަކާތް ދައްކާ ފަރާތްތަކުގެ ޒަކާތް ނަގާދިނުމުގައި ދަރުމަވެރިންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަންނަ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާނެކަން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތު މިމަހުގެ 11 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މަސައްކަތުގައި ދަރުމެވެރިންގެ ގޮތުގައި ބައިވެރިވެ އެމިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާގެ 14:00 ގެ ކުރިން 9136188 ، 7975713 މި ނަމްބަރާއި ގުޅާ މައުލޫމާތު ހިއްސާކުރުމަށްވެސް އެ މިނިސްޓްރީން އެދެއެވެ.

މި އަހަރު ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުން ކުރިޔަށްދާނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައެވެ. މި މަސައްކަތް ކުރިޔަށްދާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 12:00އަށް ، މެންދުރުފަހު 13:00ން 14:30އަށް އަދި ރޭގަނޑު 21:00ން 22:30އަށެވެ.

ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުކަމަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ ، ރަތް ހަނޑޫ، އަދި އާޓާ ފުށެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަންވަނީ ފަށާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރޯދަމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ދައްކާފައިވަނީ 20862 މީހުންނެވެ. މާލޭ ސަރަޙައްދުގައި ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީޚަކީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އަތޮޅުތަކުގައި އެރަށެއްގެ ކައުސިލުން ކަނޑައަޅާ މުއްދަތަކަށް ޒަކާތް ދެއްކޭނެއެވެ.

ފިތުރު ޒަކާތަކީ ރަމްޟާންމަހުގެ ރޯދައާއި ގުޅިގެން ކުރުމަށް އަންގަވާފައިވާ އަޅުކަމެކެވެ. ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ނިކަމެތިންގެ މަތިން ހަދާންކޮށް، މުދާ ތާހިރުކުރެއްވުމެވެ. ރޯދަމަހުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ އެއްމެ މުހިއްމު އެއްކަމަކީ ފިތުރު ޒަކާތްކަމަށްވާއިރު ލަސްނުވެ މި އަޅުކަން ފުރިހަމަކުރުމަކީ އެންމެ އެދެވިގެންވާގޮތެވެ.