ކުޅިވަރު

މާޒިޔާ ބަލިކުރެވޭނީ އީގަލްސްއަށް - ޝާޒްލީ


މާޒިޔާއަކީ ލީގުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމުކަމަށްވިއަސް، އީގަލްސްގެ ކުޅުންތެރިންގެ ގުޅުމަކީ ޓީމުގެ އެންމެ ބޮޑު އެއް ހިތްވަރުކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާއާއި ކުލަބް އީގަލްސް ކުރިމަތިލާއިރު، އީގަލްސް މިވަގުތު އޮތީ ޕޮއިންޓް ތާވަލްގެ 4ވަނަގައެވެ. އެއީ އެޓީމް ކުޅުނު 12 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކުއެވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ލީގުގެ އެންމެ ވަރުގަދަ ޓީމާ ވާދަކުރާއިރު އީގަލްސްއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުލަބް އީގަލްސްއަކީ ގިނަ ދުވަސްތަކެއް ވަންދެން އެއް ކުޅުންތެރިންތަކެއް ކުޅެފައިވާ ޓީމަކަށްވުންކަމަށާއި ކުލަބްއަށް ލިބިފައިވާ ކާމިޔާބީ އަދި ނާކާމިޔާބީގައިވެސް މިކުޅުންތެރިން ބައިވެރިވެފައިވާކަމަށެވެ. ލީގްގެ ފުރަތަމަ ބުރުގައި ކުލަބް އީގަލްސްއަށް މާރަގަނޅު ކުޅުމެއް ދެއްކިފައިނުވާއިރު، ލީގްގެ ދެވަނަ ބުރުގައި އެޓީމްގެ ކުޅުން ރަގަނޅުކޮށް މިހާތަނަށް ލީގްގެ ދެވަނަ ބުރުގައި ކުޅެފައިވާ އެއްވެސް މެޗަކުން ބަލިވެފައި ނެތުމަކީ މާޒިޔާއާއި ކުރިމަތިލާއިރު ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށްވެސް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ. އަދި ލީގްގެ ދެވަނަ ބުރު ނިންމާލަން ބޭނުންވަނީވެސް ދެވަނަ ބުރުގައި އެއްވެސް މެޗަކުން ބަލިނުވެކަމަށް ޝާޒްލީ ބުންޏެވެ. ޝާޒްލިބުނީ މިހާތަނަށް ލީގްގައި ބަލިނުވެ އޮތް ޓީމް މާޒިޔާ ބަލިކުރުމަކީ ވަރަށް އުދަގޫކަމެއްކަމަށާއި ނަމަވެސް އެއީ ކުލަބް އީގަލްސްގެ ކުޅުންތެރިންނަށް ނުވާވަރުގެކަމެއް ނޫންކަށެވެ. އަދި ހާއްސަކޮށް ވަރަށް ގިނަ ކަންތަށްތަކަށް ވިސްނައިގެން ކުޅެފިކަމަށްވާނަމަ، ލީގްގައި ފުރަތަމަ ފަހަރަށް މާޒިޔާ ބަލިކުރާ ޓީމަކަށް އީގަލްސް ވެގެންދާނެކަމަށްވެސް އެޓީމްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

މިއަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗް ކުލަބް އީގަލްސްއިންވަނީ މާޒިޔާބަލިކޮށް އެމެޗް ކާމިޔާބުކޮށްފައެވެ. ކޯޗް ޝާޒްލީބުނީ އެމެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރު މިމެޗްގައި ފެނިގެންދާނެކަމަށް އުއްމީދު ކުރާކަމަށެވެ.

"މާޒިޔާ ބަލިކުރުމަކީ ފަސޭހަކަމަކަށް ނުވާނެ. އެއީ ވަރަށް އުނދަގޫ މަސައްކަތަކަށްވަނީ. ނަމަވެސް އީގަލްސް ތިބި ކުޅުންތެރިންނަށް ބަލާފަ މިއީ ނުވާވަރުގެ ކަމެއްނޫން. ލީގްގެ ދެވަނަ ބުރުގައި ޓީމުގެ ކުޅުންތެރިން ދައްކަމުންދާ ކުޅުމުގެ ސަބަބުން މިއީ ކުލަބް އީގަލްސްއަށް ނުވާވަރުގެ ކަމެއްނޫން. މާޒިޔާއަކީ މިސީޒަންގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމް، މެޗުގައި އީގަލްސްއިން ވިސްނައިގެން ކުޅެފިނަމަ، މާޒިޔާވެސް ބަލިކުރެވިދާނެ. މިލީގުގައި މާޒިޔާއިން ބަލިކުރެވޭނެ ޓީމަކީ ކުލަބް އީގަލްސް." އީގަލްސްގެ ކޯޗް ޝާޒްލީ ބުންޏެވެ.