ދުނިޔޭގެ ވިޔަފާރި

މިޔަންމާއަށް ފަޤީރުވެދާނެކަމުގެ ބިރު


ކޯވިޑްގެ ބަލިމަޑުކަމުން ޤައުމުގެ އިޤްޠިޞާދު ޙީނަރުވެފައިއޮތްވާ ފެބްރުއަރީމަހު ހިނގާދިޔަ އަސްކަރީ ހަމަނުޖެހުންތަކުގެ ސަބަބުން 2022 ވަނަ އަހަރު އަންނަންވާއިރު މިޔަންމާ އާބާދީގެ ދެބައިކުޅައެއްބައި މީހުން ފަޤީރުވެދާނެކަމުގެ ބިރުހީވެފައިވާ ކަމަށް ޔޫއެންޑީޕީ ބުނެފިއެވެ.

ޔޫއެންޑީޕީ އިން ޢާންމު ކުރި ރިޕޯޓެއްގައި ބުނެފައިވާގޮތުން އެޤައުމުގެ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އާންމުންގެ ޢާމްދަނީ ދަށްވެ އިޤްތިޞާދީ ގޮތުން މުޖުތަމަޢު ދަށަށްދާނެއެވެ. އެންމެ ގޯސް ޙާލަތުގައި 2022 އަންނައިރު އެޤައުމުގެ 26 މިލިއަނެއްހާ މީހުން ފަޤީރުކަންމަތީ ދިރިއުޅޭނެ ކަމުގައިވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ. މިއީ ގާތްގަޑަކަށް މިޔަންމާގެ އާބާދީގެ 48.2 އިންސައްތައެވެ. އެ ޤައުމުގައި ރަސްމީކޮށް ފަޤީރުންކަމުގައި ބަލަނީ ދުވާލަކަށް 1 ޑޮލަރު ނުލިބޭ މީހުންނެވެ.

މިޔަންމާގެ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. މީގެ ސަބަބުން މީހުންގެ ވަޒީފާތައް ގެއްލި ކާން ބޯނެ އެއްޗެއް ނުލިބި އަދި އިޖްތިމާޢީ ރައްކާތެރިކަންވެސް ގެއްލިގެން ހިނގައިދާނެކަމަށް ޔޫއެންޑީޕީ އިން ބުނެއެވެ. މިދިޔަ އަހަރު ފެށުނުއިރުވެސް އެ ޤައުމުގެ ގާތްގަޑަކަށް 83 އިންސައްތަ އާއިލާއަށް ލިބޭ ޢާމްދަނީ ދަށަށް ގޮސްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޯވިޑްގެ ބަލިމަޑުކަން ފެތުރުނު ފުރަތަމަކޮޅު މިޔަންމާއިންވަނީ 142800 މީހުންނަށް އެ ޤައުމުން ކޯވިޑް ޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި 3209 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އދ ގެ ކާބޯތަކެއްޗާއި ބެހޭ އޭޖެންސީއިން ބުނި ގޮތުގައި ކާބޯތަކެއްޗާއި ތެލުގެ އަގު މިދިޔަ މަހު ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން ފަޤީރު އާއިލާތައް ވަނީ ބަނޑުފުރާމުއްތި ކުރެވޭނެ ގޮތެއްނެތިފައެވެ.