ވިޔަފާރި

ޖަރުމަނުގައި ރާއްޖެ އިސްތިހާރުކުރުމަށް ބޮޑު ކެމްޕެއިނެއް


މަޤުބޫލު ލަގްޒަރީ މަޖައްލާއެއް ކަމަށްވާ "ކޮނަސަރ ސަރކަލް"އާއެކު ވިޒިޓް މޯލްޑިވްސްއިން 1 އަހަރު ދުވަހުގެ ކެމްޕެއިނެއް ފަށައިފިއެވެ.

މިއީ ޖަރުމަންވިލާތް، ސްވިޓްޒަލެންޑް، އޮސްޓްރިއާގެ އެންމެ ލަގްޒަރީ ފަތުރުވެރިންނަށް އަމާޒުކޮށްގެން ދުނިޔޭގެ މަތީފަންތީގެ ހޮޓެލްތަކާއި އެހެނިހެން މަންޒިލްތައް ދައްކުވައިދޭ މަޖައްލާއެކެވެ.

މި ކެމްޕެއިންގައި، ރާއްޖެއަކީ އެންމެ ރައްކާތެރި އަދި އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮންލައިން އަދި އޮފްލައިން އެކި ޕްލެޓްފޯމުތަކުގައި އިސްތިހާރު ކުރާނެއެވެ. މުޅި އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މިކެމްޕެއިންގައި "ކޮނަސަރ ސަރކަލް"ގެ ޕްރިންޓް މެގަޒިންގައި އެޑްވަރޓޯރިއަލްސް، އީ-މެގަޒިންގައި އެޑިޓޯރިއަލްއާއި ސޯޝަލް މީޑިއައިގައި ވީޑިއޯ ކްލިޕްތަކާއި ޕޯސްޓް އއަދި ވެބްސައިޓުގައި ބެނަރ ޑިސްޕްލޭ އަދި ނިއުސްލެޓަރ ތަކުގައިވެސް ރާއްޖެ އިސްތިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއެވެ.

މި ކެމްޕއިންގެ އޮންލައިން ޗެނެލްސްއިން 30،000 ކޮންސިއުމަރުން އަދި ސޯޝަލް މީޑިއާއިން 43،500 މީހުންނަށް އިސްތިހާރުތަށް ފެނިގެންދާނެއެވެ. އަދި ޖަރުމަންވިލާތުގައި ޕްރިންޓް މެގަޒިންގެ 47،000 ކޮޕީ، ސްވިޓްޒަލެންޑްގައި 9،000 ކޮޕީ އަދި އޮސްޓްރިއާގައި 25،000 ކޮޕީ އެމާކެޓްތަކުގެ އެންމެ ތަނަވަސް މީހުންނަށް ފޯރުކޮށްދޭނެއެވެ.

ކޮނަސަރ ސަރކަލްއާއެކު ކުރިއަށް މިދާ ކެމްޕެއިނަކީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓަޖީ ތަކުގެ ތެރެއިން ޖަރުމަނު މާކެޓުގައި ރާއްޖޭގެ އިސްތިހާރުކުރުން އިތުރަށް ފުޅާކޮށް ދިވެހިރާއްޖެ އިސްތިހާރުކުރުމުގައި ޖަރުމަނު ބަހުން ސޯޝަލް މީޑިއާގައި އިތުރަށް ބޭނުންކުރުމުގެ ސްޓްރެޓަޖީއެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕެއިންގެ އިތުރުން ވިޒިޓް މޯލްޑިވްސްއިން ދަނީ ތަފާތު އެކި ހަރަކާތްތަކާއި ކެމްޕެއިންތައްވެސް ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ އިސްތިހާރުކުރުމަށްޓަކައި އިންތިޒާމުކޮށް ރާވަމުންނެވެ.

ޖަރުމަނުވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ޤައުމެކެވެ. ރާއްޖެއަށް މިހާރު 4ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޖަރުމަންވިލާތުންނެވެ. މިދިޔަ އޭޕްރީލްމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަންވިލާތުން ރާއްޖެއަށްވަނީ 19،889 ފަތުރުވެރިން އައިސްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ %5.2 އެވެ.