ކުޅިވަރު

ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވުމުގެ ފުރުސަތު ބޮޑު



ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭއަށް ނުކުޅެވުމުގެ ފުރުސަތު ބޮޑުކަމަށް އެކުލަބުން ބުނެފިއެވެ. މި ސީޒަންގައި ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިލިއަން އެމްބާޕޭއަށް އަނިޔާވީ ސެމީ ފައިނަލް ފުރަތަމަ ލެގުގައެވެ.

ލީގުގައި ލެންސްއާއި ދެކޮޅަށް ޕީއެސްޖީ ކުޅެން އޮތް މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު، އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އޭނާ ފިޓުވާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެމްބާޕޭގެ ކަނާތު ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ލީގުގައި ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެކަމަށާއި، ސިޓީއާއި ދެކޮޅަށްވެސް ނުކުޅެވުމުގެ ބިރު އެބައޮތްކަމަށެވެ. މިހާރު އެމްބާޕޭހުރި ފޯމަށް ބަލާއިރު އޭނާއަކީ އެކުލަބުގެ އެންމެ މުހިންމު ކުޅުންތެރިޔާކަމަށް ޕޮޗެޓީނޯ ބުންޏެވެ.

މިހާތަނަށް އެމްބާޕޭވަނީ މި ސީޒަންގައި އޭނާ ކުޅުނު 43 މެޗުގައި 37 ގޯލް ޖަހާފައެވެ. 25 ގޯލާއެކު ފްރާންސް ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައިވެސް އޮތީ އެމްބާޕޭއެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީ ގެންގޮސްދިނުމުގައިވެސް އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.