ދީން

ޢުމްރާއަށް ދިއުމަށް ފައިސާ ދެއްކުމުގައި ސަމާލުވުމަށް އަންގަވައިފި


ރާއްޖެއިން ޢުމުރާއަށް މީހުން ގެންދިއުމަށް އަލުން ދެވޭ ހުއްދަ ދެވި އެކަން އިޢުލާންކުރެއްވުމުގެ ކުރިން އެއްވެސް މީހަކު ޢުމުރާއަށް ގެންދިއުމަށް އެއްވެސް ކުންފުންޏަކަށް ފައިސާ ނުދެއްކެވެމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ. މިގޮތަށް މި އެންގެވީ ރާއްޖެއިން ޢުމުރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމަށް ދެއްވާފައިވާ ހުއްދަ، ބްރާސްފަތި ދުވަހު ގެޒެޓް ކުރެވުނު ޢުމުރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން ބާތިލް ކުރެވިފައިވާތީއެވެ. އިސްލާމިކް މިނިސްޓްރީގެ އެކްޒެކްޓިވް ކޯޑިނޭޓަރ އަލީ ޝަރީފް ވިދާޅުވީ ހުއްދަ ބާތިލް ކުރެވުނު ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންވެސް ހިމެނޭ ކަމަށާއި، ގެޒެޓް ކުރެވުނު އުސޫލުގެ ދަށުން، ދެން އުމުރާއަށް ގެންދާ ފަރާތްތައް ކަނޑައަޅުއްވާނީ އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަގަޅު ޕްރޮޕޯސަލްތައް ހުށައަޅާ ކުންފުނިތައް ކަމަށެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލައްވާފައެވެ. ޕްރޮޕޯސަލްތަކަށް ބެއްލެވުމަށްފަހު އުސޫލަށް ފެތޭ ވީހާވެސް ގިނަ ކުންފުންޏަށް ހުއްދަ ދިނުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. "މިފަދަ އުސޫލެއް ހެދުމުގެ ބޭނުމަކީ ޢުމުރާއަށްދާ ފަރާތްތަށް މިހާރަށްވުރެ ބޮޑަށް އެހީތެރިވެދީ، ކަންކަން ރަގަޅަށް ކުރިއަށްގެންދިއުން. ވީމާ ޢުމުރާއަށް މީހުން ގެންދާ ކުންފުނިތަކުންވެސް ވީހާވެސް ބޮޑަށް ބަލަންވާނެ ޢާންމުންނަށް ފައިދާވާނެ ގޮތަށް ކަންކަން ބެހެއްޓުމަށް." ޢަލީ ޝަރީފް ވިދާޅުވިއެވެ.އަލަށް އެކުލަވާލެއްވި ޢުމުރާއަށް މީހުން ގެންދިއުމުގެ އުސޫލުގެ ދަށުން ހުއްދަ ލިބޭ ކުންފުނިތަކަށް ބޭންކް ގެރެންޓީއެއް ބަހައްޓާކަށް ނުޖެހެއެވެ. ނަމަވެސް ޢުސޫލާއި ޚިލާފްވެއްޖެ ނަމަ ހުއްދަ ބާތިލް ކުރުމުގެ އިޚްތިޔާރު އިސްލާމިކް މިނިސްޓްރީއަށް ލިބިދީފައިވެއެވެ. ޢަލީ ޝަރީފް ވިދާޅުވީ ހުއްދަދޭ ކުންފުނިތައް އިއުލާން ކުރުމުގެ ކުރިން އެއްވެސް ފަރާތަކުން އެއްވެސް ކުންފުންޏަކަށް ފައިސާ ނުދެއްކެވުމަށް އިލްތިމާސް ކުރައްވާކަމަށެވެ."ހުއްދަތަށް ދެވޭ ފަރާތްތައް ބަޔާންކޮށް އަޅުގަނޑުމެން އިޢުލާން ކުރީމަ ކޮންމެ ބޭފުޅަކުވެސް ފައިސާ ދައްކަވަން ވާނީ. މިހެން މިދެންނެވީ މީގެކުރިންވެސް އެބަހުރި ފައިސާގެ މުޢާމަލާތްތަކާއި ގުޅޭ ހިތާމަވެރި ކަންކަން ހިނގާފަ" ޢަލީ ޝަރީފް ވިދާޅުވިއެވެ. ދިވެހިރާއްޖެއިން އުމުރާއަށް މީހުން ގެންދިއުމުގެ ޢުސޫލަކީ އެ ޢުސޫލު އެކުލަވާލެއްވުމަށްފަހު، ބަންޑާރަނައިބުގެ ލަފާފުޅާ އެއްގޮތަށް ބައްޓަން ކުރެވިފައިވާ ޢުސޫލެކެވެ.