ކުޅިވަރު

ޔޫތު މިނިސްޓަރަކީ ހުރިހާ ކުޅިވަރެއްގެ މިނިސްޓަރެއް - މަހުލޫފް



ފުޓްބޯޅަ ދަނޑާއި އެއްވަރަށް އެހެން ކުޅިވަރުތައްވެސް މިސަރުކާރުން ތަރައްގީ ކުރާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީއިން އެހެން ކުޅިވަރުތަކަށްވުރެ ބޮޑަށް އަހަމިއްޔަތުކަންދެނީ ފުޓްބޯޅައަށްކަމަށް ބައެއް ފަރާތަކުން އަބްދުވެސް ޝަކުވާ ކުރަމުންދެއެވެ. 12 ބޯޑްގެ ނެޝަނަލް ބިލިއާޑް ސެންޓަރު ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ކޮވިޑްގެ ސަބަބުން މިދިޔަ އަހަރު މިނިސްޓްރީއިންނާއި އެސޯސިއޭޝަންތަކުން ކުރިއަށްގެންދަން ކުރި މަސައްކަތް ނުގެންދެވި މަޑުޖެހިގެންދިޔަކަމަށެވެ. އެހެންކަމުން ޔޫތް މިނިސްޓްރީއިން ނިންމީ އެސޯސިއޭޝަންތަކުގެ މުބާރާތްތައް ކުރިއަށް ނުގެންދެވުމާއި ގުޅިގެން އެސޯސިއޭޝަންތަކާއި ގުޅިގެން ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށެވެ. ބަޖެޓްގެ ތާށިކަމާއެކުވެސް ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތައް މިހާރު ފެންނަމުންދާކަމަށާއި މިއީ ކުޅިވަރަށް ގެނެވުނު އިންގިލާބެއްކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. އެންމެ ކުރިން 4 ބޯޑު ބަހައްޓައިގެން ކުލެމުންދިޔަ ބިލިއަޑް، މިއަދު 12 ބޯޑުގެ ބައިނަލަގްވާމީ ފެންވަރުގެ ބިލިއާޑް ސެންޓަރަކަށް ބަދަލުވެގެން ދިއުމަކީވެސް ސަރުކާރުން ފުޓްބޯޅަ ނޫން އެހެންކުޅިވަރުތަކަށްވެސް އަހަމިއްޔަތުކަން ދޭކަމުގެ ހެއްކެއްކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ބުންޏެވެ.

"އަޅުގަނޑާއި ދިމާލަށް ބައެއް މީހުން ބުނޭ ހަމައެކަނި ތަރައްގީ ކުރަނީ ފުޓްބޯޅަ ދަނޑުހޭ. ތިއީ ފުޓްބޯޅަ މިނިސްޓަރު ހޭ. އަޅުގަނޑު ދަންވަލާނީ ހަމައެކަނި ބިލިއާޑް ސެންޓަރަކަށް ބަލާލިކަމަށްވީނަމަވެސް، އެގޭނެ އަޅުގަނޑުމެން އަމާޒްކުރަނީ ހަމައެކަނި ފުޓްބޯޅައަށް ނޫންކަން. ހަމައެކަނި ހަރަދު ކުރަނީ ފުޓްބޯޅައަށް ނޫންކަން. ރާއްޖޭގެ ޒުވާނުންގެ ވަރަށް ބޮޑު ބައެއް ފުޓްބޯޅަ ކުޅޭތީވެ، ރަށަކަށް ދިޔައީމަ އެންމެ ފުރަތަމަ ރަށްތަކުންވެސް އެދެނީ ފުޓްބޯޅަ ދަނޑު އަޅާދިނުމަށް. އެހެންވީމަ އަޅުގަނޑުމެން އެކަންވެސް ކޮށްދެނީ. އަސްލުގައި ކޮށްދޭ ކަންތައްތަކުގެ އަދަދު ގިނަ ވީމަ، ފުޓްބޯޅަ ދަނޑުވެސް ގިނަވަނީ. ފުޓްބޯޅައެކޭ އެއްވަރަށް އެހެން ކުޅިވަރުތަކަށް ބަލާލިއަސް އެކަން ވަރަށް ރަގަނޅަށް އެނގޭނެ." މިނިސްޓަރ މަހުލޫފް ބުންޏެވެ.