ވިޔަފާރި

ފަޅުތައް ހިއްކައިގެން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަނީ


އަންނަ އަހަރު ސަރުކާރުން އާމްދަނީ ހޯދުމުގެގޮތުން، ފަޅުތައް ހިއްކައިގެން ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ދޫކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށް އިކޮނޮމިކް މިނިސްޓަރ އަދި ބޯޑް އޮފް އިންވެސްޓްމަންޓްގެ ޗެއަރމަން މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އާމްދަނީގެ ގޮތުގައި 21.53 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އާމްދަނީ އިތުރުކުރުމުގެ ގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންތައް ހަދައިގެންނާއި، ބިންވެރިކުރުވުމުން، ޓުއަރިސްޓް ރިޒޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްގެންނާއި، ވިއްކާ އިމާރާތާއި ފްލެޓުން ނެގޭ ޓެކުހުން، ބިދޭސީ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓަންސް ފީއެއް ނަގައިގެން އަދި ފަޅު ހިއްކުމަށްފަހު އިޤްތިސާދީ މަސައްކަތަށް ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދުން ހިމެނެއެވެ.ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ އަދި ބޯޑް އޮފް އިންވެސްޓްމަންޓްގެ ޗެއަރމަން މުޙައްމަދު ސަޢީދު ވިދާޅުވީ ސަރުކާރުން ފަޅުތައް ހިއްކައިގެން، ފަތުރުވެރިކަމުގެ ބައެއް ބޭނުންތަކަށް ވެކޭޝަން އޯނަރޝިޕް ފަދަ ވިޔަފާރިތަކަށް ދޫކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށެވެ. މިގޮތުން އެއް ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް ސަޢީދު ވިދާޅުވިއެވެ.ރާއްޖެއަށް ވަޒީފާއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނައިރު، އަހަރަކަށް ފޮރިން ލޭބަރ ރެމިޓަންސްެގެ ގޮތުގައި ހަތަރުސަތޭކަ މިލިއަން ޑޮލަރަށް އަރާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު  ވިދާޅުވިއެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ މަސައްކަތުގެތެރެއިން ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން އަތުން ފީ އެއް ނެގުމަށް ބަޖެޓްގައި ހިމަނާފައިވާކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.ސަރުކާރަށް އާމްދަނީ ހޯދުމަށް ބަޖެޓްގައި ހިމަނާފައިވާ އިތުރު ކަންތައްތަކުގެތެރޭގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަށް އިތުރު ރަށްރަށް ކުއްޔަށްދޫކޮށްގެންނާއި، ރެވެނިއު ސްޓޭމްޕް ޤާނޫނު މުރާޖަޢާކޮށްގެންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކާ ބިމު ކުލި މުރާޖަޢާކޮށްގެން އަދި ފަތުރުވެރިކަމުން އަލަށް ދޫކުރި ރަށްރަށާއި ފަޅުތަކުން ލިބޭ އާމްދަނީ ހިމެނެއެވެ