ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ބަޔަކު ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން އެމެރިކާގެ މަލްޓިނޭޝަނަލް ޓެކްނޮލޮޖީ ކުންފުނި، ގޫގްލްގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. މީގެ ސަބަބުން ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ބޮޑު އަދަދެއްގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަހަރުގެ ފުރަތަމަ 3 މަސްދުވަހު ގޫގުލް ކުންފުނީގެ ޖުމްލަ ފައިދާ ވަނީ 162 އިންސައްތައަށް އިތުރުވެފައެވެ. އެއީ 17.9 ބިލިއަން ޑޮލަރެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މި ބަލިމަޑުކަމުގެ ސަބަބުން މީހުން އިންޓަރނެޓް ބޭނުންކުރާ މިންވަރު އިތުރުވުމެވެ. މިދިޔަ އަހަރު އެއްކޮށްވެސް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން މައުލޫމާތު ހޯދުމަށާއި އެހެނިހެން ކަންކަމުގައި ގޫގްލް ސާރޗް އަދި މި ނޫންވެސް އޮންލައިން ޚިދުމަތްތައް ބޭނުންކުރިވަރު ބޮޑު ތަނުންވަނީ އިތުރުވެފައެވެ.
އިޤްތިޞާދީ މާހިރެއްކަމުގައިވާ ސޯފިއާ ލުންޑް ވިދާޅުވީ ގޫގްލްއަކީ އިޝްތިހާރުގެ ވިޔަފާރިއެއް ކަމަށެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ މީހުން ވިޔަފާރިކޮށްފައިވަނީ އޮންލައިންކޮށެވެ. މީގެ ސަބަބުން ޑިޖިޓަލް އިޝްތިހާރުގެ ވިޔަފާރީގެ ފައިދާ ބޮޑުވެފައިވާ ކަމަށްވެސް ސޯފިއާ ވިދާޅުވިއެވެ.
އެހެން ކުންފުނިތަކާއި އޮންނަ ވާދަވެރިކަމުގެ ތެރެއިން އަންނަ ޤާނޫނީ ފިޔަވަޅުތައް ފިޔަވައި މާބޮޑު މައްސަލައެއް ގޫގްލު އާއި ކުރިމަތިލާން ނުޖެހެއެވެ. އެމެރިކާ އާއި ޔޫރަޕްގެ ރެގިއުލޭޓަރުން ދަނީ ގޫގްލް އަދި އެހެން ޓެކް ކުންފުނިތައް ސުޕައިވައިޒް ކުރުން ހަރުކަށިކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.